ނޭޝަންސް ލީގުގެ ފައިނަލް ބުރުގެ ފުރަތަމަ ޖާގަ ޕޯޗުގަލަށް
ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ރަށުން ބޭރުގައި އިޓަލީ އާއި ވާދަކުރި މެޗު 0-0 އިން އެއްވަރުކޮށް ފައިނަލް ބުރުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޕޯޗުގަލް ހޯދައިފިއެވެ.
ރޭގެ މެޗު އެއްވަރުވުމުން އިޓަލީ އާއި ޕޮލެންޑް ހިމެނޭ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމު ސެމީއަށް ދިޔައީ ހަތް ޕޮއިންޓާއެކުއެވެ. ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އިޓަލީއަށް ލިބުނީ ދެވަނަ އެވެ. ރޭގެ ނަތީޖާއާއި ގުޅިގެން އެއް ޕޮއިންޓް ލިބިފައި އޮތް ޕޮލެންޑް ވަނީ ދެވަނަ ކެޓަގެރީއަށް ރެލިގޭޓްވެފައެވެ. މި ގްރޫޕުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ޕޯޗުގަލް ނުކުންނާނީ ޕޮލެންޑާއި ދެކޮޅަށެވެ.
ޕޯޗުގަލުން ރޭގެ މެޗުވެސް ކުޅުނީ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމުން ބްރޭކެއް ނަގައިގެންހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ. އެކަމަކު ކްލަބްގައި ރަނގަޅު ފޯމުގައި ތިބި މެންޗެސްޓަރ ސިޓީގެ ބެނާޑޯ ސިލްވާ އާއި ވުލްވްސްގެ ރުބެން ނެވެސް އަދި ސެވިއްޔާގެ އެންދްރޭ ސިލްވާ ރޭގެ މެޗުގައި ވަނީ ކުޅެފައެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރޭގެ މެޗުގައި ކުޅުނު އިޓަލީއަށް ލިބުނު ފުރުސަތުތަކުގައި އެޓީމަށް ބޭނުމެއް ނުހިފުނެވެ. ރޭގެ މެޗަކީ އިޓަލީގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އެގައުމަށް ކުޅެދިން 100 ވަނަ މެޗެވެ. އިޓަލީގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވަނީ 176 މެޗު ކުޅެފައިވާ ގޯލްކީޕަރު ޖިއަންލުޖީ ބުފޮން އެވެ.
ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ކެޓަގެރީގައި ހިމެނޭ ހަތަރު ޗެމްޕިއަނުންނަށް އަންނަ ޖޫން މަހު ބާއްވާ ފައިނަލް ބުރުން ފުރުސަތު ލިބޭނެއެވެ. ފައިނަލް ބުރުގެ ފުރަތަމަ ޖާގަ ޕޯޗުގަލަށް ލިބިފައިވާއިރު އަނެއް ތިން ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު ބޮޑީ ބެލްޖިއަމާއި، ނެދަލެންޑްސްގެ އިތުރުން އިންގްލެންޑެވެ.
ޔޫއެފާއިން ރޭ ވަނީ ފައިނަލް ބުރުގެ ހަތަރު މެޗުވެސް ޕޯޗުގަލްގައި ކުޅޭގޮތަށް ނިންމައިފައެވެ. ފައިނަލް ބުރު ބޭއްވުމުގެ ފުރުސަތު ޕޯޗުގަލަށް ލިބުނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރި ޕޮލެންޑާއި އިޓަލީ ކެޓުމުންނެވެ. ފައިނަލް ބުރުގައި ކުޅުމަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލުގެ ދެމެޗާއި ތިންވަނަ ހޮވާމެޗުގެ އިތުރުން ފައިނަލް މެޗެވެ. ސެމީ ފައިނަލްގެ ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫންމަހުގެ 5 އަދި 6 ވަނަ ދުވަހުއެވެ. ފައިނަލް މެޗު ކުޅޭނީ ޖޫން 9 ވަނަ ދުވަހު އެވެ.
މެޗުތަކުގައި ބައްދަލުކުރާނެ ޓީމުތަކާއި ކުޅޭނެ ދަނޑުތައް ޔޫއެފާއިން ކަނޑައަޅާނީ ޑިސެމްބަރު ތިންވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައެވެ.
Advertisement
Leave a Reply