އާ ސަރުކާރުން ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސަނީ

Advertisement

އާ ސަރުކާރުން ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސަނީ

ޢަލީ ޝަހީމް
ޖަޒީރާ ހޮޅުއަށީގެ މަޝްަވަރާ ބައްދަލުވުމުގައި ސަރުކާރުގެ އިސްވެރިން. އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުޅިވަރަށްވެސް ގިނަ ވައުދުތަކެއްވަނީ ވެވަޑައިގެންފައި. ފޮޓޯ: އަވަސް

ރާއްޖޭގެ ރައީސްކަމާއި އިއްޔެ ހަވާލުވެވަޑައިގެންނެވި، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަންވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސަން ހިމަނުއްވައިފިއެވެ.

ސަރުކާރާއި ހަވާލުވެވަޑައިގަތުމަށްފަހު ރޭ އާއްމުކޮށްފައިވާ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ބުނެފައިވަނީ ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސާނެ ކަމަށެވެ. މީގެ އިތުރުންވެސް ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކުޅިވަރާއި ގުޅުންހުރި ތަފާތު ހަ ކަމެއް ފާހަގަ ކޮށްފައިވެއެވެ.

  • ދުވަހުގެ ކުޅިވަރުގެ ވައުދުތައް:
  • ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން 500،000ރ ގެ ބަޖެޓެއް ސަރުކާރުން ހަމަޖެއްސުން
  • މުޅި ރާއްޖޭގެ ކުޅިވަރު އޮޑިޓެއް ހެދުން
  • އަންހެން އަދި ފިރިހެން ގައުމީ ޓީމަށްދެވޭ އެލަވަންސްގައި ހުރި ފަރަގާއި ގައުމީ ޓީމުތަކަށް ދެވޭ އެލަވަންސްގެ ފަރަގު ނައްތާލުން
  • މޫދު ކުޅިވަރުގެ ކޮންވެންޝަން ބޭއްވުން
  • ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބާއްވަން ފެށުން
  • އޮލިމްޕިކް ސައިޒް ސްވިމިންގް ޕޫލް ކޮމްޕްލެކްސް މާލެ ސަރަހައްދުގައި ހަދަން ފެށުން
  • ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސެލަރެއް ހަމަޖައްސުން

100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެލަވަންސްތަކުގެ ފަރަގު ނައްތާލުމަކީ ގައުމީ ޓީމުތަކުގެ ކުޅުންތެރިން މިހާރުވެސް ކުރާ ޝަކުވާއެކެވެ. ސާފް މުބާރާތުގެ ރަން ތަށި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ހޯދުމަށްފަހުވެސް ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ދިން ބޯނަސް ފައިސާ އާއި ގުޅޭގޮތުން ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. މީގެ އިތުރުން ބޯނަސް ފައިސާ އާއި މުސާރަ ނުލިބުމާއި، ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ މެދުވެސް ގައުމީ ޓީމުތަކުގެ ކުޅުންތެރިންވަނީ ޝަކުވާ ކޮށްފައެވެ.

އާ ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް މަދުވެގެން ފަސް ލައްކައިގެ ބަޖެޓެއް ދިނުމަކީވެސް ކުޅިވަރަށް ލިބިގެންދިޔަ އުފާވެރި ހަބަރެކެވެ. ބަޖެޓުގެ ތާށިކަމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ރާއްޖޭގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދެވޭއިރު، ކަނޑައަޅާފައިވާ ބަޖެޓް ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭ ހަމަޖައްސައިފިނަމަ އަންނަ އަހަރު ރާއްޖޭގެ ކުޅިވަރުގެ ހަރަކާތްތަކަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.

ފުރަތަމަ 100 ދުވަސްތެރޭ ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބާއްވަން ފެށޭއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރިއަށް ގެންދަވާ ބޮޑު ހަރަކާތަކީވެސް މިއެވެ.

“ދުޅަހެޔޮ ހަށިހެޔޮ އީދު” މިއަދު މެންދުރުފަހު 2 ޖަހާއިރު ފަށާއިރު ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ހިންގާގޮތަށް ވަނީ ހަމަޖެހިފައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އީދުގައި އެންމެ ހާއްސަކޮށްލެވޭ ހަރަކާތަކީ ސިޔާސީ ބޭފުޅުންގެ ފުޓްބޯޅަ މެޗެވެ. ފުޓްބޯޅަ ހަރަކާތް ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު ސިޔާސީ ފަރާތްތަކުގެ ހާއްސަ ފުޓްބޯޅަ މެޗުގެ ކެޕްޓަނުންގެ ގޮތުގައި ތިއްބަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *