ނެދަލެންޑްސް އިން ދުނިޔޭގެ ޗެމްޕިއަން ބަލިކުރިއިރު ޖަރުމަނު ރެލިގޭޓްވެއްޖެ

Advertisement

ނެދަލެންޑްސް އިން ދުނިޔޭގެ ޗެމްޕިއަން ބަލިކުރިއިރު ޖަރުމަނު ރެލިގޭޓްވެއްޖެ

ޢަލީ ޝަހީމް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ދުނިޔޭ ޗެމްޕިއަން ފްރާންސް ބަލިކޮށް ނެދަލެންޑްސް ފައިނަލް ބުރަ ދިއުމުގެ އުއްމީދު އާކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މިމެޗުގެ ކުރިން ފްރާންސް ޓީމުން އެންމެ ފަހުން ކުޅުނު 15 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. ޖަރުމަނާއި ފްރާންސާއެކު އެއް ގްރޫޕެއްގައި ލައްވާލިޔަސް އެޓީމުން ވަނީ މިދިޔަމަހު ޖަރުމަނުވެސް 3-0 އިން ބަލިކޮށްފައެވެ. ޖަރުމަނާއި ފްރާންސަކީ އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ.

ރޭގެ ނެދަލެންޑްސް މޮޅުވިޔަސް އަދިވެސް ގްރޫޕުގެ އެއްވަނައިގައި އޮތީ ފްރާންސެވެ. ފްރާންސުން ގްރޫޕުގެ ހުރިހާ މެޗެއް ނިންމާލިއިރު ލިބިފައިވަނީ 7 ޕޮއިންޓެވެ. ދެވަނައިގައި އޮތް ނެދަލެންޑްސް އަށް ހަ ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޖަރުމަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ރޭގެ ނަތީޖާއާއި ގުޅިގެން ޖަރުމަނު މިހާރު ވަނީ ދެވަނަ ކެޓަގެރީއަށް ރެލިގޭޓް ވެފައެވެ. ދުނިޔޭގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ޖަރުމަނު 2020 ވަނަ އަހަރުގެ އޮންނަ ނޭޝަންސް ލީގުގައި ކުޅޭނީ ދެވަނަ ކެޓަގެރީގެ ޓީމުތަކާއެވެ.

މި މޮޅާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލް ބުރަށް ދިއުމުގެ ފުރުސަތު ނެދަލެންޑްސް އަށް ވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ. ޖަރުމަނުގައި އަންނަ ހޯމަ ދުވަހުގެރޭ ކުޅޭ ގްރޫޕުގެ ފަހު މެޗު އެއްވަރު ކޮށްލައިގެންވެސް އެޓީމަށް ފައިނަލް ބުރުން ޖާގައެއް ލިބޭނެއެވެ. އެއީ ޕޮއިންޓުގެ ގޮތުން އެއްވަރުގެ އެގްރިގޭޓް ނަތީޖާއިން ފްރާންސަށްވުރެ ކުރި ލިބޭތީ އެވެ. ފްރާންސަށް ފައިނަލް ބުރުން ފުރުސަތު ލިބޭނެ ހަމައެކަނި ގޮތަކީ ޖަރުމަނުން މެޗު ކާމިޔާބު ކުރުމެވެ.

ރޭގެ މެޗުގައި ނެދަލެންޑްސްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ޖެހީ ލިވަޕޫލަށް ކުޅޭ ޖޯޖީނީ ވައިނާލްޑަމް އެވެ. މިއީ ނެދަލެންޑްސް އަށް އޭނާ ޖަހައިދިން 10 ވަނަ ލަނޑެވެ. ނެދަލެންޑްސްގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން އިތުރު ވަގުތުގައި ޖެހީ މެމްފިސް ޑިޕާއީ އެވެ.

އެއްވަނަ ކެޓަގެރީގެ ގްރޫޕްތަކުން އެއްވަނަ ހޯދާ ހަތަރު ޓީމު އަންނަ އަހަރުގެ ޖޫންމަހު އޮންނަ ފައިނަލް ބުރަށް ކޮލިފައިވާނެއެވެ. އަދި މި ހަތަރު ޓީމަށް 2020 ވަނަ އަހަރު އޮންނަ ޔޫރޯ މުބާރާތަށް ކޮލިފައިވުމުގެ ޕްލޭއޮފް ޖާގައެއްވެސް ލިބޭނެއެވެ. އަންނަ އަހަރު ފަށާ ޔޫރޯ ކޮލިފައިންގައި ގްރޫޕް ސްޓޭޖުން މުބާރާތަށް ކޮލިފައި ނުވިޔަސް އެއްވަނަ ކެޓަގަރީގެ އެންމެ ކުރިހޯދާ ޓީމަށް ލިބޭ ޕްލޭ އޮފް ފުރުސަތުގެ ބޭނުން ހިފައިގެން ޔޫރޯ އަށް ކޮލިފައި ވެވޭނެއެވެ. އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި މިއަހަރުގެ ވޯލްޑް ކަޕަށްވެސް ކޮލިފައި ވެފައިނުވާ ނެދަލެންޑްސް މިއީ ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ނެދަލެންޑްސް އިން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1988 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތެއެވެ. ދުނިޔޭގެ ގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތް ނެދަލެންޑްސް އަކީ ވޯލްޑް ކަޕްގައި ނަސީބުދެރަ ޓީމެކެވެ. 1974، 1978 އަދި 2010 ވަނަ އަހަރުވެސް އެޓީމު ބަލިވީ މުބާރާތުގެ ފައިނަލުންނެވެ. ފުޓްބޯޅައިގައި އެޓީމުގެ ވިދުން ފަނޑުވުމަށްފަހު މިހާރު ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އެގައުމުގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހިގެންދާނެކަމަށް ގަބޫލުކުރެވެއެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޑެންމާކް އަތުން 2-1 އިން ބަލިވުމުން އެއްވަނަ ކެޓަގެރީއަށް ކޮލިފައިވުމުގެ ފުރުސަތު ވޭލްސް އަށް ވަނީ ގެއްލިފައެވެ. ރޭގެ މޮޅާއެކު ޑެންމާކް ވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އެއްވަނަ ކެޓަގެރީއަށް ކޮލިފައިވެފައެވެ. ގްރޫޕުގެ ފުލަށް ދިއުމުން ރިޕަބްލިކް އޮފް އަޔަލޭންޑް ވަނީ ތިނަވަނަ ކެޓަގެރީއަށް ރެލިގޭޓް ވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *