މަހިބަދޫގެ ޓާފް ދަނޑާއެކު ފުޓްބޯޅައަށް އުއްމީދީ ބަދަލެއް

Advertisement

މަހިބަދޫގެ ޓާފް ދަނޑާއެކު ފުޓްބޯޅައަށް އުއްމީދީ ބަދަލެއް

ޢަލީ ޝަހީމް
މަހިބަދޫ ފުޓްބޯޅަ ދަނޑު. މިއަދު ވަނީ ރަސްމީކޮށް މި ދަނޑު ހުޅުވާފައި. ފޮޓޯ: މަހިބަދޫ ސްޕޯޓްސް ކްލަބް

އދ. މަހިބަދޫ އަކީ ކުޅިވަރުގެ ރަށެކެވެ. ހާއްސަކޮށް ފުޓްބޯޅައިގައި އެރަށަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ރަށެވެ. ގައުމީ ފުޓްބޯޅަ ދަނޑަށް އެއް ރަށަކުން އެންމެ ގިނަ ކުޅުންތެރިން ނެރެދޭ ރަށަކީވެސް މަހިބަދޫއެވެ. ރާއްޖޭގެ ފުޓްބޯޅައިގައި ބަތަލުންގެ ދަރަޖަ ދީފައިވާ އިމްރާން މުހައްމަދާއި މުހައްމަދު ތޯރިގު (ޓޮމް) އަކީ އެރަށުގެ އުފެއްދުމެކެވެ. އިމްރާނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރެވެ. ޓޮމް އަކީ އެފަދަ ދެވަނައެއް ނެތް ފޯވާޑެކެވެ.

އިމްރާނާއި ޓޮމްގެ އިތުރުންވެސް ފާހަގަ ކޮށްލެވޭ އެތައް ކުޅުންތެރިންނެއް އެރަށުން އުފައްދައިފިއެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ދެފަހަރު ހޯދައިފައިވާ އަސަދުﷲ އަބްދުﷲ އަކީވެސް މަހިބަދޫން އުފަންވެގެން އައި ހުނަރެކެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ގައުމީ ޓީމުގެ ފަހަތް ބެލެހެއްޓުގައި ތަފާތު މޮޅު ކުޅުމެއްދެއްކި ސަމޫހު އަލީ (ސަމުއްޓޭ) އަކީވެސް އެރަށް ފަހުރުވެރިކޮށްދިން ކުޅުންތެރިއެކެވެ.

ފުޓްބޯޅައިގައި ބައިނަލްއަގްވާމީ ގޮތުން ރާއްޖޭން ހޯދި ކާމިޔާބީގައި މިރަށުން ހިއްސާވި ކުޅުންތެރިން އެއްވަނަ ޑިވިޝަނަށް ދަތުރުކުރީ ވެލި ދަނޑެއްގައި ކުޅެފައެވެ. އެކަމަކު މިއަދު އެ ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ހިތްގައިމު ޓާފް ދަނޑަކާއެކު މުޅި ރަށަށް އުފާވެރިކަން ލިބިއްޖެއެވެ. މިއީ ހަމައެކަނި މަހިބަދޫއަށް ލިބުނު އުފަލެއް ނޫނެވެ. ފުޓްބޯޅައިގެ ހުނަރު އިންތިހާއަށް އޮތް ރަށެއްގައި މިފެންވަރުގެ ދަނޑެއް އޮތުމުގެ ފައިދާ މުޅި ދިވެހި ފުޓްބޯޅައަށްވެސް ކުރާނެއެވެ. ބައިނަލްއަގްވާމީ ފެންވަރުގެ މެޗުތައް ކުޅެވޭގޮތަށް ތަރައްގީ ކޮށްފައިވާ މި ދަނޑާއެކު ރާއްޖޭގެ ފުޓްބޯޅައަށް މިވަނީ އުއްމީދީ ބަދަލެއް އައިސްފައެވެ. ރާއްޖޭގެ މަޝްހޫރު ކޯޗުންގެ ނަޒަރުގައި މި ދަނޑާއެކު މަހިބަދޫން އުފައްދާ ކުޅުންތެރިންގެ އަދަދު ދެގުނަވެ އެ ހުނަރު ގައުމީ ދަނޑުން ފެނިގެންދާނެއެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން އިސްނަގައިގެން ޓޫރިޒަމް ދާއިރާގެ އެހީތެރިކަމާއެކު މި ދަނޑު އެޅުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އެރަށް ނިސްބަތްވާ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. ދަނޑާއެކު ޗޭންޖިން ރޫމާއި، ސިޑިބަރި އަދި ލައިޓިން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތްވެސް ފިޔަވަހިތަކަށް ބަހާލައިގެން މަހިބަދޫ ސްޕޯޓްސް ކްލަބުން ކުރަން ވަނީ ރާވާފައެވެ. ފީފާއިން އެޕްރޫވް ކޮށްފައިވާ ގްރީން ފީލްޑުން މަހިބަދޫގައި ތަރައްގީކުރި މި ދަނޑާއެކު އެއްވަނަ ޑިވިޝަނުގެ ޓީމުތަކަށްވެސް އެރަށުގައި ކޭމްޕުކޮށް ފުލް ސައިޒުގެ ދަނޑެއްގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ފުޓްބޯޅައިގެ މި އީދަށް މިއަދު އެރަށަށް ވަނީ ގިނަބަޔަކު ޒިޔާރަތްކޮށްފައެވެ. ރަސްމީކޮށް ދަނޑު ހުޅުއްވައިދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް އަލީ އާޒިމާއި އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ ޗެއާމަން އަހުމަދު ޝާހިރެވެ. މި ދެބޭފުޅުންގެ އިތުރުންވެސް ފުޓްބޯޅައިގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެއްވަނަ ޑިވިޝަނުގެ ކްލަބްތަކަށް ނިސްބަތްވާ މަންދޫބުންވެސް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

މިއަދުގެ މެޗަށްފަހު ދަގަނޑޭ އަދި އިމްރާން މަހިބަދޫ ދަނޑުގައި މަޑުކޮށްލައިގެން. މިއަދުގެ މެޗުގައި މަހިބަދޫގެ ގޯލު ބެލެހެއްޓީ އިމްރާން. ފޮޓޯ: ޓްވިޓާ

ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މަހިބަދޫ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މި މެޗު 6-0 އިން ޓީސީ ކާމިޔާބު ކުރިނަމަވެސް މަހިބަދޫގެ ކުޅުންތެރިން ވަނީ އުއްމީދީ ކުޅުމެއް ދައްކައިފިއެވެ. ޓީސީގެ ހަ ލަނޑުގެ ތެރެއިން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ހެޓްރިކް ހެދިއިރު އަނެއް ތިންލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. މެޗުގައި އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ ލަނޑެއް ޖަހައިފައެވެ. މިއަދުގެ މެޗުގައި ޓީސީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ މަހިބަދޫއަށް އުފަން މުހައްމަދު ސާމިރު އެވެ. ސާމިރު އަކީ މިހާރު އެއްވަނަ ޑިވިޝަނުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

މަހިބަދޫގެ ޓީމަށް ބަލާއިރު ކުރިން ގައުމީ ޓީމަށް ކުޅުނު މުހައްމަދު ހުސައިން ނިޔާޒް (ބޮކުރީ) އާއި މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓުން ފެނުނު މިދުހަތު ފަހުމީ (ބިޗަޑް) އަދި އަހުމަދު ނުހާދު (ގުއްޕެ) ވެސް މިއަދުގެ މެޗުގައި ކުޅުނެވެ. ޓީމުގެ ގޯލު ބެލެހެއްޓީ މެދުކެނޑުމެއްނެތި 17 އަހަރަށްވުރެ ގިނަ ދުވަހު ގައުމީ ޓީމަށް އެއް ފެންވަރެއްގައި ކުޅުނު އިމްރާން އެވެ. އަދި 2012 ވަނަ އަހަރު ރާއްޖޭގެ ޒުވާން ޓީމުން މަހިންދަ ރާޖަޕަކްސް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު ގޯލު ބެލެހެއްޓި މުހައްމަދު ޖަޒްލާން ވެސް ދެވަނަ ހާފުގައި ވަނީ ކުޅެން އަރައިފައެވެ. މިމެޗަށްފަހު މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ޓީސީ އިން އެރަށުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މަހިބަދޫ ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އެއްވަނަ ޑިވިޝަނުގައި ވާދަކޮށްފައެވެ. އޭގެފަހުން އެރަށް ފެނިގެންދަނީ ދެވަނަ ޑިވިޝަނުގައެވެ. އެފްއޭއެމްއިން ކޮންމެ އަހަރަކު އަތޮޅުތަކުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައިވެސް އެރަށް ތަމްސީލުކުރެއެވެ. 2016 ވަނަ އަހަރު އެރަށްވަނީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަންވެސް ހޯދައި ފައިނަލް ބުރަށް ދަތުރުކޮށްފައެވެ.

ރާއްޖެއަކީ ފުޓްބޯޅައިގެ ހުނަރު އޮތް ގައުމެކެވެ. އެކުޅުންތެރިން ގައުމީ ފެންވަރަށް ކުރިއަށް ދިއުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަސީލަތްތަކެއް ނެތުމެވެ. ހާއްސަގޮތެއްގައި ފުޓްބޯޅައިގެ ނަން މަޝްހޫރު ރަށްރަށުގައި އެކަށީގެންވާ ދަނޑެއް ނެތުމަކީ އެރަށްތަކަށް އޮންނަ އެންމެ ބޮޑު ހުރަހެވެ. ފުޓްބޯޅައިގެ އެކި ޕްލެޓްފޯމްތަކުގައި ކޯޗުންނާއި ކުރީގެ ކުޅުންތެރިންގެވެސް އެންމެ ބޮޑު ޝަކުވާއަކީ ރަނގަޅު ފެންވަރުގެ ދަނޑުތަކެއް ތަރައްގީވެގެން ނުދިއުމެވެ. އޭގެ ތެރެއިން ދަނޑެއް އެޅުން އެންމެ މުހިއްމު ރަށެއްގޮތުގައި ގިނަ ބަޔަކު ފާހަގަކުރި އެއްރަށަކީ މަހިބަދޫ އެވެ. ޓޮމް އާއި އިމްރާންގެ މަސްއޫލުވެރިކަމުގެ ދަށުން އުފެދިގެންދިޔަ މަހިބަދޫ ސްޕޯޓްސް ކްލަބުން މިއަދު އެރަށަށް ދޫކޮށްލި ހަދިޔާއަކީ ފުޓްބޯޅައިގެ އާޖީލަކަށް ހުޅުވިގެންދިޔަ ދޮރެކެވެ. ގިނަ ބަޔަކު މަހިބަދޫގެ ޓާފް ދަނޑު ސިފަކުރަނީ ރާއްޖޭގެ ފުޓްބޯޅައަށް އައި އުއްމީދީ ބަދަލެއްގެ ގޮތުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *