ސްޕެއިން އަތުން ކްރޮއޭޝިޔާ މޮޅުވުމުން ގްރޫޕުގެ ފޯރި ގަދަވެއްޖެ

ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ކެޓަގަރީގެ ގްރޫޕް އޭ ގައި ރޭ ސްޕެއިން އަތުން ކްރޮއޭޝިޔާ މޮޅުވުމުން ގްރޫޕުގެ ފޯރި ގަދަވެއްޖެއެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ކްރޮއޭޝިޔާ ކާމިޔާބު ކުރީ 3-2 އިންނެވެ.
މެޗުން ބަލިވުމުން އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގައި ފައިނަލް ބުރަށް ދިއުމުގެ އަމިއްލަ ބާރު ސްޕެއިން އަށް ވަނީ ގެއްލިފައެވެ. މުބާރާތުގެ ފައިނަލް ބުރަށް ހޮވޭނީ ފުރަތަމަ ކެޓަގަރީގައި ހިމެނޭ ހަތަރު ގްރޫޕުން އެއްވަނަ ހޯދާ ޓީމުތަކެވެ. ކުޅުނު ތިންމެޗުން ލިބުނު ހަ ޕޮއިންޓާއެކު ސްޕެއިން މިވަގުތު އޮތީ ގްރޫޕުގެ އެއްވަނައިގައެވެ. އެޓީމުގެ ފަހަތުން ދެވަނަ އަދި ތިންވަނައިގައި އޮތީ ކްރޮއޭޝިޔާ އާއި އިންގްލެންޑެވެ.
ގްރޫޕުގެ ފަހުމެޗު އިންގްލެންޑް ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭއިރު އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލް ބުރުން ފުރުސަތު ލިބޭނެއެވެ. އެމެޗުން ބަލިވާ ޓީމެއް ރެލިގޭޓް ވަނީ ދެވަނަ ކެޓަގަރީއަށެވެ. ގޯލެއް ނުޖެހި މެޗު އެއްވަރުވެއްޖެނަމަ ކްރޮއޭޝިޔާ ރެލިގޭޓްވެ ސްޕެއިންނަށް އެއްވަނަ ލިބޭނެއެވެ. ލަނޑު ޖަހައިގެން މެޗު އެއްވަރުވެއްޖެނަމަ އެގްރިގޭޓް ނަތީޖާއިން އިންގްލެންޑް ރެލިގޭޓް ވާނެއެވެ. އެމެޗުން ކޮންމެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ފައިނަލް ބުރުން ފުރުސަތު ލިބޭނީ ސްޕެއިން އަށެވެ.
އަމިއްލަ ދަނޑަށް ސަޕޯޓަރުންނަށް ނުވަދެވޭ ގޮތަށް ޔޫއެފާއިން ކްރޮއޭޝިޔާއަށް ދީފައިވާ އަދަބު ހަމަވުމާއި ގުޅިގެން ރޭގެ މެޗުގައި އެގައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. ކްރޮއޭޝިޔާއަށް ޔޫއެފާއިން އަދަބު ދިނީ ސިޔާސީ ނިޝާނެއް ދަނޑުގައި ބެހެއްޓުމުގެ ސަބަބުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ޖެހީ ސްޕެއިންގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަންދްރޭ ކްރަމަރިޗް އެވެ. އޭގެ ދެމިނެޓު ފަހުން ސްޕެއިންއަށް މެޗު އެއްވަރު ކޮށްދިނީ ޑެނީ ކަބާޔޯސް އެވެ. މެޗުގައި ކޮރޮއޭޝިޔާގެ ފަހު ދެގޯލުވެސް ޖަހައިދިނީ އުމުރުން 22 އަހަރުގެ ޓިން ޖެޑްވާ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި ޖެޑްވާ ޖެހި ފުރަތަމަ ގޯލަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެކެވެ. ސްޕެއިންގެ އިން މެޗުގައި ދެވަނަ ފަހަރަށް އެއްވަރުކުރީ 71 ވަނަ މިނެޓުގައި ޑިފެންޑަރ ސާޖިއޯ ރާމޮސް އެވެ. ރާމޮސް މި ލަނޑު ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ އިތުރު ވަގުތުގައި ޖެޑްވާ ވަނީ ކްރޮއޭޝިޔާއަށް މޮޅުވި ލަނޑު ކާމިޔާބުކޮށްދީ މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދެއް އެގައުމަށް ގެނެސްދީފައެވެ.
ވޯލްޑް ކަޕްގެ ރަނަރަޕް ޓީމު ކްރޮއޭޝިޔާ އެ މުބާރާތަށްފަހު ކުޅުނު މެޗުތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި މިދިޔަ ސެޕްޓެމްބަރ މަހު ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 6-0 އިންނެވެ. އަމިއްލަ ދަނޑުގައި އިންގްލެންޑާއި ކުޅުނު ދެވަނަ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗަށްފަހު ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނޭ ދެޓީމާއެކު އެޓީމު ލައްވާލީ އުނދަގޫ ގްރޫޕެއްގައި ކަމަށެވެ.
“އަހަރެމެން މިއޮތީ ވަރަށް އުނދަގޫ ގްރޫޕެއްގައި. ހީކުރި ގޮތަށް މި ގްރޫޕް އުނދަގޫ މިވަނީ ދުނިޔޭގައި އޮތް މޮޅެތި ޓީމުތަކުގެ ތެރެއިން ދެޓީމު އޮތުމުން. އެކަމަކު އަހަރެމެނަށް އަދިވެސް ފުރުސަތެއް އެބައޮތް. މެޗާމެދު ހިތްހަމަ ޖެހޭ އެކަމަކު ނަތީޖާއަކީ ހައްގު ނަތީޖާއެއް ނޫން. އަހަރެންނަށް ގަބޫލުކުރެވެނީ ފުޓްބޯޅައިގެ ކަންތައްތައް ޓީމަށް ދަނީ އިންސާވެރިކޮށް ނޫންކަމަށް” މެޗަށްފަހު އެންރީކޭ ބުންޏެވެ.
Advertisement


Leave a Reply