ރޫނީގެ ވަދާއީ މެޗުން ފެނުނީ ޒުވާން ތަރިންގެ ހުނަރު

Advertisement

ރޫނީގެ ވަދާއީ މެޗުން ފެނުނީ ޒުވާން ތަރިންގެ ހުނަރު

ޢަލީ ޝަހީމް
ރޭގެ މެޗަށްފަހު އިނގިރޭސި ކޯޗު ރޫނީ އާއެކު. ރޫނީ ވަނީ ރޭގެ މެޗަށްފަހު ގައުމީޓީމުން ރަސްމީކޮށް ރިޓަޔާ ކޮށްފައި.

ވޭން ރޫނީ އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ވަދާއި މެޗުގައި ޒުވާން ތަރިން ދެއްކި ހުނަރާއިއެކު އެޓީމު މޮޅުވެއްޖެއެވެ. ރޭ އެގައުމުގެ ވެމްބްލީ ސްޓޭޑިއަމްގައި އެމެރިކާ އާއި ވާދަކުރި މެޗު އެޓީމު ކާމިޔާބު ކުރީ 3-0 އިންނެވެ.

އުމުރުން 33 އަހަރުގެ ރޫނީ ވަނީ ރޭގެ މެޗާއެކު ގައުމީ ޓީމަށް 120 މެޗު ކުޅެފައެވެ. 2003 ވަނަ އަހަރު އުމުރުން 17 އަހަރުގައި ގައުމީ ޓީމަށް ކުޅެންފެށި ރޫނީ އަކީ 53 ގޯލާއެކު އެގައުމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ރޭގެ މެޗުގައި ރޫނީ ކުޅެންއެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 58 ވަނަ މިނެޓުގައެވެ.

Advertisement

މެޗުން އިންގްލެންޑް ފަސޭހަ ކަމާއެކު މޮޅުވިއިރު އެޓީމުގެ ޒުވާން ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ރޭގެ މެޗުގައި ކޯޗު ގަރެތް ސައުތުގޭޓް ފުރުސަތު ދިން ފުރަތަމަ އެގާރައަކީ ގާތްގަނޑަކަށް ވޭތުވެދިޔަ 40 އަހަރުތެރޭ އިނގިރޭސި ޓީމުން ބޭނުންކުރި އެންމެ ތަޖުރިބާ މަދު ޓީމެވެ. މީގެ ކުރިން އިނގިރޭސި ޓީމުން މިހާ ޒުވާން ކުޅުންތެރިންނާއެކު މެޗެއް ކުޅެފައިވަނީ 1980 ވަނަ އަހަރު އޮސްޓްރޭލިއާ އާއި ދެކޮޅަށެވެ.

“އަހަރެމެން ބޭނުންވީ މި މެޗުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން. މިމެޗުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމުން ކުރިމަގާމެދު އުއްމީދެއް އޮތްތަން ފެނުނު. އަނެއްކާ ރޫނީއަށް ފުރުސަތު ދެވި އޭނާގެ ހިތްގައިމު ޕާސްތައް މިމެޗުގައި ފެނުނު” މެޗަށްފަހު ކޯޗު ސައުތްގޭޓް ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު 25 ވަނަ މިނެޓުގައި ޖެހީ ޖެސޭ ލިންގާޑެވެ. އޭރިޔާ ބޭރުގައި ހުރެފައި ލިންގާޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ދެމިނެޓުފަހުން އެޓީމުގެ ދެވަނަ ގޯލު ޖެހީ ލިވަޕޫލަށް ކުޅޭ އުމުރުން 20 އަހަރުގެ ޓްރެންޓް އަލެސްޒެންޑާ އާނޯލްޑް އެވެ. އާނޯލްޑް މި ލަނޑު ޖެހީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅޭ އުމުރުން 18 އަހަރުގެ ޖޭމްސް ސަންޗޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. ފުރަތަމަ ހާފުގައި އިންގްލެންޑަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތައްވެސް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފުގައި އިނގިރޭސި ޓީމުން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މެޗުގެ ތިންވަނަ ގޯލު 77 ވަނަ މިނެޓުގައި ޖެހީ މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ރަނގަޅު ފޯމެއްގައި ހުރި ކަލުމް ވިލްސަން އެވެ. ރޭގެ މެޗަކީ އިނގިރޭސި ސީނިއާ ޓީމަށް ވިލްސަން ކުޅުނު ފުރަތަމަ މެޗެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޫނީ ވަނީ މެޗުގެ އިތުރު ވަގުތުގައި އެމެރިކާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. އޭރިޔާތެރޭގައި ހުރެފައި ތިރީ ކަނަށް ރޫނީ އަމާޒުކޮށްލި ބޯޅަ އެމެރިކާގެ ގޯލްކީޕަރު ބްރެޑް ގުޒާން ހުށިޔާރުކަމާއެކު މަތަކުރި އެވެ.

މި މެޗަށްފަހު އިނގިރޭސި ޓީމު ދެން ކުޅޭނީ ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕުގެ ފަހު މެޗުގައި ކްރޮއޭޝިޔާ އާއި ދެކޮޅަށެވެ. އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ މިމެޗު ކާމިޔާބު ކޮށްގެން އެޓީމަށް އަންނަ އަހަރުގެ ޖޫން މަހު އޮންނަ ފައިނަލް ބުރުން ފުރުސަތު ލިބޭނެއެވެ. އެމެޗުން ބަލިވެއްޖެ ނަމަ އެޓީމު ގްރޫޕް ބީ އަށް ރެލިގޭޓް ވާނެއެވެ. ނޭޝަން ލީގުގައި އެޓީމު ހިމެނޭ ގްރޫޕުގައި ރޭ ކްރޮއޭޝިޔާ ވަނީ 3-2 އިން ސްޕެއިން ބަލިކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *