އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައި ވީއޭއާރު ބޭނުންކުރަނީ
އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގު މެޗުތަކުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބޭނުންކުރާގޮތަށް ނިންމައިފިއެވެ. މިގޮތަށް އެއްބަސްވީ ލީގުގައި ވާދަކުރާ ކްލަބްތަކުން ވީއޭއާރު ބޭނުންކުރުމަށް ތާއީދު ކުރުމުންނެވެ. މި ސިސްޓަމް އިނގިރޭސި ލީގުގައި ބޭނުން ކުރުމަށް އެ ލީގުން އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑާއި ފީފާގެ ކިބައިން އެދޭނެއެވެ.
ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީއާ އެސިސްޓެންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުން މެޗުގައި ރެފްރީ ނިންމާ ނިންމުމަކާމެދު ސުވާލު އުފެދިއްޖެނަމަ ވީޑިއޯ ބެލުމަށްފަހު ނިންމުން ބަދަލު ކުރުމުގެ ބާރު ރެފްރީއަށް ލިބެއެވެ.
ވީއޭއާރު އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ކްލަބް ވޯލްޑް ކަޕްގައެވެ. އޭގެފަހުން 2017 ވަނަ އަހަރު ބޭއްވި ފީފާ ކޮންފަޑަރޭޝަންސް ކަޕާއި ޖުލައި މަހު ނިމުނު ވޯލްޑް ކަޕްގައިވެސް އެ ސިސްޓަމް ބޭނުން ކޮށްފައިވެއެވެ. ވޯލްޑް ކަޕްގައި ވީއޭރާރުގެ ބޭނުންކޮށްގެން ގިނަ ނިންމުންތަކެއް ނިންމާފައިވާއިރު މުބާރާތަށްފަހު ފީފާއިން ބުނެފައިވަނީ އެއީ ވަރަށް ކާމިޔާބު ސިސްޓަމެއް ކަމަށެވެ.
ވީއޭއާރު އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ލީގަކީ އޮސްޓްރޭލިއާގެ އޭ ލީގެވެ. 2017 ވަނަ އަހަރު އެގައުމުގައި މި ސިސްޓަމް ބޭނުންކުރަން ފެށިއިރު އޭގެފަހުން އެމެރިކާގެ މޭޖާ ލީގު ސޮކާގައިވެސް މި ސިސްޓަމް ވަނީ ބޭނުންކުރަން ފަށާފައެވެ.
މިދިޔަ ސީޒަނުން ފެށިގެން އިޓަލީ ލީގާއި ޖަރުމަނު ލީގުގައި މި ސިސްޓަމް ބޭނުންކުރަން ފަށާފައިވާއިރު މި ސީޒަނުން ފެށިގެން ސްޕެއިން ލީގާއި ފްރެންޗް ލީގުގައިވެސް ވީއޭއާރު ދަނީ ބޭނުންކުރަމުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ވީއޭއާރު ބޭނުންކުރުން ލަސްވީ ކްލަބްތަކުން އެއްބަސްނުވުމުގެ ސަބަބުންނެވެ. އެކަމަކު މި ސީޒަނުގައި ޕްރިމިއާ ލީގުގެ ކްލަބްތަކުން ލީގު ކަޕްގައި ވާދަކުރާއިރު ވީއޭއާރު ބޭނުންކުރެއެވެ.
ދާދިފަހުން ޔޫއެފާއިން ވަނީ ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައިވެސް ވީއޭއާރު ބޭނުންކުރަން ނިންމައިފައެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ސީޒަނުން ފެށިގެން ވީއޭއާރު ބޭނުންކުރަން ފަށާއިރު ދެސީޒަން ފަހުން ޔޫރޮޕާ ލީގުގައިވެސް މި ސިސްޓަމް ބޭނުންކުރަން ފަށާނެއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ޔޫއެފާ ސުޕަރ ކަޕާއި 2020 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2021 ވަނަ އަހަރުން ފެށިގެން ނޭޝަންސް ލީގުގައިވެސް ވީއޭއާރު ބޭނުންކުރަން ޔޫއެފާއިން ވަނީ ނިންމައިފައެވެ.
Advertisement
Leave a Reply