ގަތަރުން 88 ދަރަޖަ ކުރީގައި އޮތް ސްވިޒަލޭންޑް ބަލިކޮށްފި

Advertisement

ގަތަރުން 88 ދަރަޖަ ކުރީގައި އޮތް ސްވިޒަލޭންޑް ބަލިކޮށްފި

ޢަލީ ޝަހީމް
ގަތަރު ޓީމުގެ އަފީފް ސްވިޒަލޭންޑް ކޮޅަށް ގޯލު ޖަހަނީ. ފުޓްބޯޅައިގައި މި ދެގައުމުގެ ތަފާތު ބޮޑު. ފޮޓޯ: ގެޓީއިމޭޖަސް

އަންނަ ޖެނުއަރީމަހު ފަށާ އޭޝިއަން ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރު ފުޓްބޯޅަ ޓީމުން ދުނިޔޭގެ ރޭންކިންގެ އަށްވަނައިގައި މިވަގުތު އޮތް ސްވިޒަލޭންޑް ބަލިކޮށްފިއެވެ. ސްވިޒަލޭންޑްގައި ރޭ ކުޅުނު ރަހްމަތްތެރިކަމުގެ މެޗު އެޓީމު ކާމިޔާބުކުރީ 1-0 އިންނެވެ. އެންމެ ފަހުން ފީފާއިން ނެރުނު ރޭންކިންގައި ގަތަރު އޮތީ ދުނިޔޭގެ ރޭންކިންގެ 96 ވަނައިގައެވެ. މެޗުގައި ގަތަރު ޓީމުގެ ހަމައެކަނި ލަނޑު 86 ވަނަ މިނެޓުގައި ޖެހީ އަކްރަމް އަފީފް އެވެ.

މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގަތަރަށް ފަހަކަށް އައިސް ލިބުނު އެންމެ ބޮޑު މޮޅެވެ. މެޗަށްފަހު ގަތަރު ޓީމުގެ ކޯޗު ފެލިކްސް ސަންޗޭޒް ބުނީ މިއީ ފުޓްބޯޅައިގައި އެގައުމަށް ލިބުނު ވަރަށް ކާމިޔާބެއްކަމަށެވެ.

Advertisement

“އުއްމީދުކުރަން މި މެޗަށްފަހު ކުޅުންތެރިންގެ ރޫހު ރަނގަޅުވެ ބޮޑެތި ޓީމުތަކާ ދެކޮޅަށްވެސް ހިތްވަރާއެކު ކުޅޭނެކަމަށް. އަހަރެންނަށް ޔަގީން ގަތަރުގެ ރައްޔިތުން މި ކުޅުންތެރިންނާމެދު ފަހުރުވެރިވާނެ. އަދި އޭޝިއަން ކަޕަށް ތައްޔާރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ” މެޗަށްފަހު ގަތަރުގެ ކޯޗު ފެލިކްސް ބުންޏެވެ.

މިމެޗަށްފަހު އޭޝިއަން ކަޕްގެ ކުރިން ކުޅޭ ރަހްމަތްތެރިކަމުގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ގަތަރު ކުޅޭނީ އައިސްލެންޑާއެވެ.

ސްވިޒަލޭންޑަކީ ޔޫރަޕްގެ ވަރުގަދަ ގައުމުތަކާއި ރަނގަޅު ވާދައެއް ކުރަމުން އަންނަ ގައުމެކެވެ. އެގައުމު ވަނީ މިއަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16 އަށްވެސް ދަތުރު ކޮށްފައެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ދިހަ މެޗުގައި ތެރެއިން ނުވަ މެޗު އެޓީމުން ނިންމާލީ ބައިކޮޅަށް ގޯލެއް ނުވަދެއެވެ. ފަސޭހަ ކަމާއެކު މެޗުން މޮޅުވާނެކަމަށް ބެލެވުނު ސްވިޒަލޭންޑް ވަނީ މިއަހަރު ޕެނަމާ ކޮޅަށާއި އައިސްލޭންޑް ކޮޅަށްވެސް ހަ ގޯލު ޖަހައިފައެވެ. އަދި މިދިޔަ އަހަރު އެޓީމު ވަނީ ހަންގޭރީ ކޮޅަށް ފަސްލަނޑު ޖަހައިފައެވެ. އެކަމަކު ގަތަރުން ވަނީ ރޭގެ މެޗުގައި ސްވިޒަލޭންޑްގެ ކުޅުންތެރިން ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ރޭގެ މެޗުގެ ދެވަނަ ހާފު ގަތަރުން ފެށީ ގިނަ ބަދަލުތަކަކާއި އެކުއެވެ. މިގޮތުން ލިވަޕޫލަށްކުޅޭ ޒެރްޑަން ޝަގީރީވެސް ދެވަނަ ހާފުގައި ވަނީ ކުޅެން އަރުވައިފައެވެ.

އެންމެ ފަހުން ޔޫރަޕްގެ ޓީމަކާއި ގަތަރު ވާދަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ޔޫރަޕްގެ ދަށްފަންތީގައި ހިމެނޭ ލިއެޗްޓެންސްޓެއިން އަތުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމު ބަލިވީ 2-1 އިންނެވެ. މިއަހަރު މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު އުޒްބެކިސްތާނާއި ކުޅުނު ރަހްމަތްތެރިކަމުގެ މެޗުން އެޓީމު ބަލިވީ 2-1 އިންނެވެ.

މިއަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް 2015 ވަނަ އަހަރު ކުޅުނު އޭޝިއާ ޒޯނުގެ ދެވަނަ ބުރުގެ ގްރޫޕް ސީގައި ގަތަރު ހިމެނުނީ ރާއްޖެއާއި އެއް ގްރޫޕެއްގައެވެ. ރާއްޖޭގައި ކުޅުނު މެޗު 1-0 އިން ގަތަރު ކާމިޔާބު ކުރިއިރު އެގައުމުގައި ކުޅުނު މެޗުން އެޓީމު ރާއްޖޭގެ މައްޗަށް ކުރި ހޯދީ 4-0 އިންނެވެ.

އޭޝިއަން ކަޕަށްފަހު ގަތަރު ފުޓްބޯޅަ ޓީމުގެ އަމާޒަކީ އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕަށް ވަރުގަދަ ޓީމެއް އެކުލަވާލުމެވެ. ގަތަރަކީ މިހާތަނަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވާ ޓީމެއް ނޫނެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *