ބަލިވިޔަސް އަންހެން ފުޓުބޯޅަ ޓީމު ކުރިއެރުން ހޯދައިފި

Advertisement

ބަލިވިޔަސް އަންހެން ފުޓުބޯޅަ ޓީމު ކުރިއެރުން ހޯދައިފި

ފަހުމިނެޓް
ރާއްޖޭގެ ޓީމުގެ މަރިޔަމް ރިފާ، ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. - ފޮޓޯ: އޭއެފްސީ

2020 ވަނަ އަހަރު ޖަޕާނުގައި އޮންނަ ހޫނުމޫސުމުގެ އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅަ މުބާރާތަށް ކޮލިފައިވާ އޭޝިއާގެ ގައުމުތައް ކަނޑައެޅުމަށް ކުޅޭ ކޮލިފައިން މުބާރާތެއްގައި ވާދަކުރަން ދިވެހި ގައުމީ އަންހެން ފުޓުބޯޅަ ޓީމު ފަލަސްތީނަށް ފުރީ ނޮވެމްބަރު ފަސްވަނަ ދުވަހުއެވެ.

މުބާރާތުގައި ކުރިއަށްދެވޭނީ ގުރޫޕް ސްޓޭޖުގައި އެއްވަނަ މުވަތަ ދެވަނަ ހޯދައިގެން ނޫނީ، ހަތަރު ގުރޫޕުގެ ތިންވަނައަށްދާ ޓީމުތަކުގެތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމުގެ ތެރޭ ހިމެނިގެންނެވެ. ރޭންކިންގައި ނިސްބަތުން ވަރުގަދަ ޓީމުތައް ހިމެނޭ ގުރޫޕެއްގައި ރާއްޖެ ލައްވާލުމުން، ޓީމާމެދު މާބޮޑު އުންމީދުތަކެއް ނުކުރެވުނެވެ. ނަމަވެސް ކޮލިފައިންގައި ދިވެހިރާއްޖޭގެ ސީނިއާ އަންހެން ގައުމީ ފުޓުބޯޅަ ޓީމުން މިފެނިގެންދިޔައީ ރާއްޖެޭގެ ހުރިހާ ރައްޔިތުން ވެސް ފަހުރުވެރި ވާނޭފަދަ ކުރިއެރުންތަކެކެވެ.

ގުރޫޕް ޑީގައި ރާއްޖެ ހިމެނޭއިރު، ރާއްޖެއާ އެއްކޮށް މިގުރޫޕުގައި އޮތީ ދުނިޔޭގެ ރޭންކިންގެ 57 ވަނައިގައި މިވަގުތު އޮތް ޖޯޑަން އާއި 79 ވަނައިގައި އޮތް އިންޑިނޭޝިޔާ އަދި 99 ވަނައިގައި އޮތް ފަލަސްތީނެވެ. ދިވެހިރާއްޖެއަށް ލިބެނީ ރޭންކިންގެ 126 ވަނައެވެ.

އިންޑޮނޭޝިއާއާ ދެކޮޅަށް ރާއްޖޭގެ ޓީމު ކުޅުނު މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް ޓްވިޓާ

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޖޯޑަން އަތުން ބަލިވީ 6-0ގެ ބޮޑު ސޮކޯއަކުންނެވެ. ނަމަވެސް ރާއްޖޭގެ ޓީމު ވަނީ ޓީމުގެ ފެންވަރުން ވަރަށް ރަނގަޅު ވާދައެއް ކޮށްފައެވެ. ޖޯޑަންގެ ލަނޑުތައް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ އަދި ފަހު 15 މިނިޓުގައެވެ.

ދެވަނަ މެޗުގައި އިންޑޮނޭޝިޔާއާ ވާދަކޮށް ރާއްޖެ ބަލިވީ 3-1ގެ ތަފާތަކުންނެވެ. އިންޑޮނޭޝިއާއިން ތިންލަނޑު ޖަހާފައި ވަނިކޮށް ރާއްޖޭގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހު ވިހި މިނެޓުތެރޭގައެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރު ކޮށްފިއެވެ. އިދިކޮޅު ހާފުގެ ސެންޓަ ސާކަލްތެރެއިން އިދިކޮޅު ކުޅުންތެރިޔެއް އަތުން ބޯޅަ އަތުލައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވެދެ، ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ކެޕްޓަން ފަދުވާ ޒާހިރު ކާމިޔާބުކޮށްދިނީ ރީތި ލަނޑެކެވެ.

ފަދުވާގެ މި ގޯލަކީ ރާއްޖޭގެ ޓީމުން މިދިޔަ އަހަރުގެ ޖެނުއަރީމަހު ބަހްރޭނާ ދެކޮޅަށް ކުޅެގެން، ބަލިވި ދެމެޗުގައި ޖެހި ގޯލަށްފަހު ރާއްޖޭން ޖެހި ފުރަތަމަ ގޯލުވެސް މެއެވެ. މި ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި 5-1 އިން ބަލިވިއިރު ދެވަނަ މެޗުން ބަލިވީ 3-1 އިންނެވެ. މިއަހަރު ކޮލިފައިންގެ ކުރިން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރާ ދެކޮޅަށް ކުޅެ 2-0 އިން ބަލިވި ނަމަވެސް އޭޝިއަން ގޭމްސްގައި އިންޑޮނޭޝިއާ އާއި ދެކުނު ކޮރެއާ އަދި ޗައިނީސް ތައިޕޭ ވަނީ ރާއްޖެކޮޅަށް މުޅިއަކު 21 ޖޯލު ޖަހާފައެވެ.

އެންމެ ފަހު މެޗު ކުޅެވުނީ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާ ގައުމު ކަމަށްވާ ފަލަސްތީނާ ދެކޮޅަށެވެ. ރާއްޖޭގެ ޓީމު މިމެޗުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ ހާފުތެރެއިން ބޯޅަ ހޯދުމަށްފަހު ކެޕްޓަން ފަދުވާ ބޯޅަ ހިފައިގެންގޮސް ފަލަސްތީނުގެ ދެ ޑިފެންޑަރުން ދޭތެރެއިން ޑިފެންސް ލައިންގެ ފަހަތަށް ދިން ބޯޅަ ހޯދުމަށްފަހު މަރިޔަމް ރިފާ ވަނީ 23 ވަނަ މިނިޓުގައި ރާއްޖޭގެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ޖެހީ އޭރިޔާގެވެސް ބޭރުން ޑީ އޭރިޔާ ކުރިމަތީގައި ހުރެ، ވާތުފައިން ޖެހި ބޯޅަ ފަލަސްތީނުގެ ކީޕަރުގެ އަތްދަށުން ގޯލުގެ ތެރަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގައި ނެގި ލީޑު ރާއްޖޭގެ ޓީމު އަތުން ގެއްލުނީ ދެވަނަ ހާފުގައި ފަލަސްތީނަށް ލިބުނު ޕެނަލްޓީއަކުން އެޓީމު ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ފަލަސްތީނަށް ޕެނަލްޓީއެއް ލިބުނީ މެޗުގެ 67 ވަނަ މިނިޓުގައި ފަލަސްތީނުގެ ކުޅުންތެރިއެއް ރާއްޖޭގެ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން އުޅުމުގެތެރޭގައި ރާއްޖޭގެ މަރިޔަމް މިރުފަތުގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ފަލަސްތީނު މިމެޗުން މޮޅުވީ 74 ވަނަ މިނިޓުގައި ލިބުނުު ހިލޭޖެހުމަކުން ކާމިޔާބުކުރި ލަނޑަކުންނެވެ.

އެންމެ ފަހުން ރާއްޖޭގެ ޓީމު މެޗަކުން މޮޅުވެފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްްބަރުމަހު އިންޑިޔާގައި އޮތް އަންހެން ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭގުގައި ބޫޓާން އަތުން 3-1 އިންނެވެ. މިމެޗުގައި ކެޕްޓަން ފަދުވާ ދެލަނޑު ކާމިޔާބު ކޮށްދިންއިރު އައިޝަތު ޝާމިލާ ވަނީ އެއް ގޯލު ޖަހާފައެވެ. މިމެޗުގައި ގޯލުޖެހި 25 އަހަރުގެ ފޯވަޑް، ޝާމިލާއަށް މިއަހަރުގެ އޮލިމްޕިކް ކޮލިފައިން އަށް ނެގި ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ.

އިންޑޮނޭޝިއާއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ. – ފޮޓޯ: އެފްއޭއެމް ޓްވިޓާ

ރާއްޖޭގެ އަންހެން ފުޓުބޯޅައަކީ ދެކުނު އޭޝިއާގެ ނިސްބަތުންވެސް މާވަރުގަދަ ޓީމެއް ނޫނެވެ. ނަމަވެސް ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް މި ހޯދި ނަތީޖާތަކަކީ ދަށް ނަތީޖާތަކެކޭ ނުބުނެވޭނެއެވެ. ކޮލިފައިންގައި ދެކުނު އޭޝިއާއިން ރާއްޖޭގެ އިތުރުން ބައިވެރިވީ އިންޑިޔާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އެވެ. މިތިން ޓީމުވެސް އޮތީ މިޔަންމާއާއެކު ގުރޫޕް ސީގައެވެ. މިގުރޫޕުން ދެވަނަބުރަށް ދިޔުމުގެ ފުރުސަތު ގެއްލުނީ ބަންގްލަދޭޝް އެކަންޏެވެ.

މިއަހަރުގެ އޭޝިއަން ގޭމްސްގެ ކުރިން ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗު މުހައްމަދު އާތިފް ބުނީ ފެންވަރު ރަނގަޅު ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ރާއްޖެއިން މިވަގުތު އިސްކުރަންވީ ކޮޅަށް ވަންނަ ގޯލު މަދުކޮށް، ތަޖުރިބާ އިތުރުކުރުމާއި މެޗަކަށްފަހު މެޗެއްގައި ކުރިއެރުން ހޯދުންކަމަށެވެ. މިފަހަރުގެ އޮލިމްޕިކް ކޮލިފައިންގައި ޓީމުގެ ކޯޗާއި ކުޅުންތެރިން އަދި ޓީމުގެ ހުރިހާ އޮފިޝަލުންގެ ބުރަ މަސައްކަތުގެ ނަތީޖާއިން ޓީމުގެ ކުރިއެރުން ވަރަށްވެސް ރަނގަޅަށް ފެނިގެން ހިނގައްޖެެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *