އޮލިމްޕިކް ކޮލިފައިން އިން ރާއްޖޭގެ އަންހެން ޓީމު ކަޓައިފި

2020 ވަނަ އަހަރު ޖަޕާނުގައި އޮންނަ ހޫނުމޫސުމުގެ އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅަ މުބާރާތަށް ކޮލިފައިވާ އޭޝިއާގެ ގައުމުތައް ކަނޑައެޅުމަށް ކުޅޭ ކޮލިފައިން މުބާރާތުގައި ވާދަކުރި ދިވެހިރާއްޖޭގެ ސީނިއާ އަންހެން ޓީމު މުބާރާތުން ކަޓައިފިއެވެ.
ރާއްޖެ މުބާރާތުން ކެޓީ މިރޭ ކުޅެވުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުން ފަލަސްތީނު އަތުން 2-1 އިން ބަލިވެ، ގުރޫޕްގެ އެންމެ ފުލުގައި ނިންމާލަން ޖެހުމުންނެވެ. ހުރިހާ މެޗަކުން މޮޅުވެ، 9 ޕޮއިންޓާއެކު ޖޯޑަން ގުރޫޕްގެ އެއްވަނަ ހޯދިއިރު ހަތަރު ޕޮއިންޓާއެކު ދެވަނަ އަދި ތިނަވަނަ ލިބެނީ އިންޑޮނޭޝިއާ އަދި ފަލަސްތީނަށެވެ. މިރޭގެ މެޗުން މޮޅުވި ނަމަ ގުރޫޕްތަކުގެ ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމުގެ ތެރޭގައި ހިމެނި، ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ރާއްޖެއަށް އޮތެވެ.
ފުރަތަމަ ދެމެޗުންވެސް ބަލިވި ރާއްޖޭގެ ޓީމުން ވަނީ މެޗުގެ 23 ވަނަ މިނިޓުގައި ލީޑު ނަގާފައެވެ. ކެޕްޓަން ފަދުވާ ޒާހިރު ދެޑިފެންޑަރު ދޭތެރެއިން ދިން ބޯޅަ ހިފައިގެންގޮސް ޕެނަލްޓީ އޭރިޔާގެވެސް ބޭރުން ވާތުފައިން މަރިޔަމް ރިފާ ފޮނުވާލި ބޯޅަ ގޯލުގެތެރެއަށް ވަނީ ފަލަސްތީނު ގޯލްކީޕަރުގެ އަތްދަށުންނެވެ.
ފަލަސްތީނުން ނަތީޖާ ހަމަހަމަ ކުރީ 67 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއަކީ ފަލަސްތީނުގެ ކުޅުންތެރިއެއް އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން އުޅުމުގެތެރޭގައި ރާއްޖޭގެ ޓީމުގެ މަރިޔަމް މިރުފަތުގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. ރާއްޖޭގެ ޓީމު ބަލިވީ، 74 ވަނަ މިނިޓުގައި ހިލޭޖެހުމަކުން ފަލަސްތީނު ކާމިޔާބުކުރި ލަނޑާއެކުއެވެ.
ހުރިހާ މެޗަކުން ބަލިވި ނަމަވެސް ރާއްޖޭގެ ޓީމުވަނީ ފީފާ ރޭންކިންގައި ނިސްބަތުން ކުރީގައި އޮތް ޓީމުތަކަކާ ދެކޮޅަށް ގުރޫޕް ސްޓޭޖުގައި ކުޅެ، ފާހަގަ ކޮށްލެވޭ ކުރިއެރުންތަކެއްވެސް ހޯދާފައެވެ. ރޭންކިންގައި މިވަގުތު 57 ވަނައިގައި އޮތް ޖޯޑަން އަތުން 6-0 އިން ފުރަތަމަ މެޗުގައި ބަލިވިއިރު ދެވަނަ މެޗުގައި ބަލިވީ، ރޭންކިންގެ 79 ވަނައިގައި އޮތް އިންޑޮނޭޝިއާ އަތުން 3-1 އިންނެވެ. އެންމެ ފަހުމެޗުގައި ބައްދަލުކުރި ފަލަސްތީން ރޭންކިންގެ 99 ވަނައިގައި އޮތްއިރު ރާއްޖެ އޮތީ 126 ވަނައިގައެވެ.
Advertisement


Leave a Reply