ވަދާއީ މެޗުގައި އެއްވެސް ޑިމާންޑެއް ނެތް: ރޫނީ

Advertisement

ވަދާއީ މެޗުގައި އެއްވެސް ޑިމާންޑެއް ނެތް: ރޫނީ

ޢަލީ ޝަހީމް

އިނގިރޭސި ގައުމީ ޓީމަށް ރަސްމީކޮށް ކުޅުން ހުއްޓާލުމުގެ ގޮތުން މާދަމާރޭ އެމެރިކާއާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އެއްވެސް ޑިމާންޑެއް ނުކުރާނެކަމަށް މީގެ 15 މަސް ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ވޭން ރޫނީ ބުނެފިއެވެ. ރޫނީ މިހެން ބުނީ މާދަމާރޭގެ މެޗުގައި ކެޕްޓަން ބޭންޑާއި އޭނާ ގައުމީ ޓީމުގައި ފަހުން ބޭނުންކުރި 10 ނަންބަރު ޖާޒީ ދިނުމާއި ގުޅޭގޮތުން މީޑިއާގައި ދެކެވެމުންދިޔަ ވާހަކައަށް ރައްދު ދެމުންނެވެ.

މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޫނީ ބުނީ މެޗުގައި ބޭނުންވަނީ މާބޮޑު ޑިމާންޑްތަކެއް ކުރަން ނޫންކަމަށާއި، ހަމައެކަނި ދަނޑުގައި ކުޅެލަން ކަމަށެވެ.

Advertisement

“އަހަރެން ގަރެތް ކައިރީ ބުނިން ކޯޗު ބޭނުންވާ ކަމެއް އަހަރެންގެ ފަރާތުން ކޮށްދޭނަމޭ. އަހަރެން އަޑުއެހިން 10 ނަންބަރު ޖާޒީ ލުމާއި މެޗުގައި ކެޕްޓަންކަން ކުރުމާއި ގުޅޭގޮތުން ދެކެވުނު ވާހަކަތައް. އެކަމަށް އެއްވެސް ޑިމާންޑެއް ނުކުރަން” ރޫނީ ބުންޏެވެ.

މާދަމާރޭ އެމެރިކާއާ ދެކޮޅަށް އިންގްލެންޑް ކުޅޭ މެޗުގައި ރޫނީ ކުޅެން އަރާނެ ކަމަށް ބެލެވެނީ ބެންޗުންނެވެ. މި މެޗު ވެގެންދާނީ ގައުމީ ޓީމަށް ރޫނީ ކުޅެދޭ 120 ވަނަ އަދި ވަދާއީ މެޗަށެވެ. ކުޅުންހުއްޓާލިތާ 15 މަހަށްފަހު ގައުމީ ޓީމަށް ވަދާއި މެޗު ކުޅޭތީ އަމާޒުވެފައިވާ ފާޑުކިޔުމަށް ރައްދުދެމުން ރޫނީ ބުނީ އެމީހެއްގެ ހިޔާލު ފާޅުކުރުމަކީ މައްސަލައެއް ނޫންކަމަށާއި، ގައުމީ ޓީމާއެކު ވަދާއި މެޗު ކުޅެން ނިންމީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނާއިވެސް ވާހަކަ ދެއްކުމަށް ފަހުގައިކަމަށެވެ.

“އެފްއޭ އިން ވަނީ ކުޅުންތެރިންނާވެސް ވާހަކަ ދައްކާފަ. ކުރިއަށް އޮތް 10 ނޫނީ 15 އަހަރުތެރޭގައި ލަނޑު ޖެހުމުގެ ރެކޯޑް ހެރީ ކޭންވެސް ހަދައިފިނަމަ އަހަރެމެން މިގޮތަށް ހަމަ ކަންތައް ކުރާނެ” އިނގިރޭސި ގައުމީ ޓީމަށް 53 ލަނޑު ޖަހައި ރެކޯޑް ހަދާފައިވާ ރޫނީ ބުންޏެވެ.

މާދަމާރޭގެ މެޗުން ލިބޭ ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ރޫނީ ފައުންޑޭޝަންގެ ފަރާތުން ޗެރިޓީގެ ގޮތުގައި ކުޑަކުދިންނަށެވެ. ރޫނީ ބުނީ ގައުމީ ޓީމަށް ވަދާއި މެޗު ކުޅުމުގެ ފުރުސަތު ވޯލްޑް ކަޕްގެ ކުރިންވެސް ލިބުނު ކަމަށާއި، އެކަމަކު އެވަގުތު އެކަން ނުކުރީ އެއީ އެންމެ ރަނގަޅު ވަގުތު ކަމަށް ނުވާތީ ކަމަށެވެ. މާދަމާރޭ ކުޅޭ މެޗަށްފަހު ޔޫއެފާ ނޭޝަންސް ލީގުގައި އިނގިރޭސި ޓީމު ކްރޮއޭޝިޔާ އާއި ދެކޮޅަށް ކުޅޭނެއެވެ.

އުމުރުން 33 އަހަރުގެ ރޫނީ އެންމެ ފުރަތަމަ ގައުމީ ޓީމަށް މެޗެއް ކުޅުނީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ގައުމީ ޓީމާއެކު މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް، ރޫނީ އަކީ އިނގިރޭސި ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އެންމެ ފަހުން ގައުމީ ޖާޒީގައި ރޫނީ މެޗެއް ކުޅުނީ 2016 ވަނަ އަހަރުގެ ނޮވެމްބަރ މަހު ވެމްބްލީގައި ސްޓޭޑިއަމްގައި ސްކޮޓްލެންޑާއި ދެކޮޅަށްކުޅެ 3-0 އިން މޮޅުވި މެޗުގައެވެ.

ގައުމީ ޓީމަށް ކާމިޔާބީއެއް ހޯދައި ނުދެވުނު ނަމަވެސް ރޫނީ ވަނީ ކްލަބް ކެރިއަރުގައި މެންޗެސްޓަރ ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ޔުނައިޓެޑްގައި 13 ސީޒަން ހޭދަކުރުމަށްފަހު މިދިޔަ ސީޒަނުގައި ރޫނީ ކުޅުނީ އޭނާ ޕްރޮފެޝަނަލް ފުޓްބޯޅައަށް ތައާރަފް ކޮށްދިން ކްލަބް އެވަޓަން އަށެވެ. އެވަޓަންގައި އެއް ސީޒަން ހޭދަކުރުމަށްފަހު މިއަހަރު ރޫނީ ބަދަލުވީ އެމެރިކާގެ ޑީސީ ޔުނައިޓެޑަށެވެ.

ކުރިއަށް އޮތް ފިނި މޫސުމުގެ ޓްރާންސްފާ މުއްދަތުގައި ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއަރ ލީގަށް އަތުވެދާނެކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ރޫނީ ބުނީ ފުޓްބޯޅަ ކެރިއަރު ނިންމާލާނީ މިހާރު ކުޅެމުންދާ އެމެރިކާގައި ކަމަށެވެ.

“އަހަރެން އެމެރިކާއަށް ދިއުމަށް ނިންމި ނިންމުމަށްފަހު އެކަމެއް ބަދަލެއް ނުކުރާނަން. ޑީސީ ޔުނައިޓެޑަށް ފުރިހަމަ އެއްބާރުލުން ދިނުން މުހިއްމު. ލޯނު އެއްބަސްވުމާއި ގުޅޭގޮތުން ބުނާނީ އަހަރެން އެކަމަކަށް ތައްޔާރެއް ނޫނޭ. އެއީ އަހަރެންގެ ކުދިންވެސް ތިބީ އެމެރިކާގައި” ރޫނީ ބުންޏެވެ.

އިންގްލެންޑާއި އެމެރިކާ ވާދަކުރާ އެކުވެރިކަމުގެ މެޗު ފަށާނީ މާދަމާރޭ ރާއްޖެގަޑިން މެންދަމު 1 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *