މަހިބަދޫ ފުޓްބޯޅަ ދަނޑު ހުޅުވުމުގެ ގޮތުން ޓީސީ އާއި މެޗެއް ކުޅެނީ

އަތޮޅު ތެރޭގެ ފުޓްބޯޅައިގައި ނަން މަޝްހޫރު އދ. މަހިބަދޫގައި އެޅި ޓާފް ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބާއި މެޗެއް ކުޅެން ނިންމައިފިއެވެ. މަހިބަދޫ ސްޕޯޓްސް ކްލްބާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.
މަހިބަދޫ އަކީ ހުނަރު އެތައް ކުޅުންތެރިންނެއް ގަލޮޅު ދަނޑަށް ނެރެދީފައިވާ ރަށެކެވެ. މަހިބަދޫ ސްޕޯޓްސް ކްލަބުން އިސްނަގައިގެން އެރަށުގައި މިހާރު އަޅައި ނިންމާފައިވަނީ ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑެކެވެ. މި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވާއިރު މި މަސައްކަތް ކުރީ ފީފާއިން އެޕްރޫވް ކޮށްފައިވާ ގްރީން ފީލްޑުންނެވެ. މި ދަނޑު އަޅާފައިވަނީ ސަރަހައްދުގެ މުބާރާތްތައްވެސް ކުޅެވޭ ފެންވަރަށެވެ.
މަހިބަދޫ ސްޕޯޓްސް ކްލަބުން ބުނީ، ދަނޑާއެކު ތަރައްގީ ކުރަންޖެހޭ އިތުރު ބައެއް ކަންކަންވެސް އެ ކްލަބުން މިހާރު ރާވާފައިވާކަމަށެވެ. އެގޮތުން ދަނޑުގެ ޗޭންޖިން ރޫމާއި، ސިޑިބަރި އަދި ލައިޓިން ސިސްޓަމް ވެސް ގާއިމް ކުރެވިގެންދާނެ ކަމަށް އެ ކްލަބުން މައުލޫމާތުދެއެވެ.
މަހިބަދޫގައި މި ދަނޑު އެޅުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އެރަށަށް އުފަން ހުނަރުވެރި ކުޅުންތެރިޔާ އަދި މިހާރު އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހުމަދު ތޯރިގް (ޓޮމް) އެވެ.
މަހިބަދޫގެ ކުޅުންތެރިން ވަނީ ރާއްޖޭން ފުޓްބޯޅައިގައި ހޯދާފައިވާ ކާމިޔާބީގައި ބޮޑު ހިއްސާއެއް ވެފައެވެ. ރާއްޖޭން 2008 ވަނަ އަހަރުފެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ފޯވާޑް ލައިންގައި ކުޅުނު ޓޮމްގެ އިތުރުން އެ މުބާރާތުގައި ރާއްޖޭގެ ގޯލު ބެލެހެއްޓީ އިމްރާން މުހައްމަދުވެސް ނިސްބަތްވަނީ އެރަށެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ޓޮމް ހިމެނޭއިރު އިމްރާނަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ގޯލްކީޕަރެވެ.
މިފަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރި ޓީމުގައިވެސް މަހިބަދޫއަށް ނިސްބަތްވާ ދެކުޅުންތެރިން ހިމެނުނެވެ. އެއީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މީގެ ކުރިން ދެފަހަރު ހޯދާފައިވާ އަސަދުﷲ އަބްދުﷲ އާއި ޒުވާން ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އެވެ. މީގެ ތެރެއިން ސަމުއްޓޭ ވަނީ ރާއްޖޭން މިފަހަރު ކާމިޔާބު ކުރިއިރު ހުރިހާ މެޗެއްގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.
އަސަދުﷲ ވަނީ 2012 ވަނަ އަހަރު ރާއްޖޭގެ ޒުވާން ޓީމު ކާމިޔާބުކުރި މަހިންދަ ރާޖަޕަކްސަ މުބާރާތުގެ ޓީމުގައިވެސް ހިމެނިފައެވެ. އެފަހަރުގެ މުބާރާތް ކާމިޔާބު ކުރި ޒުވާން ޓީމުގައި ހިމެނުނު ގޯލްކީޕަރު މުހައްމަދު ޖަޒްލާން ނިސްބަތްވަނީވެސް މަހިބަދޫ އަށެވެ. މަހިބަދޫ ފުޓްބޯޅަ ޓީމު ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އެއްވަނަ ޑިވިޝަނުގައިވެސް ވާދަކޮށްފައެވެ.
މަހިބަދޫ މެޗަށް ޓީސީ އެރަށަށް ދާނީ ހަތަރު ދުވަހުގެ ކޭމްޕެއްގައެވެ. މިމަހުގެ 16 އިން 19 އަށް އެރަށުގައި ޓީސީ ޓީމު ކޭމްޕް ކުރަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރުމުގެ ރަސްމިއްޔާތު މިމަހުގެ 17 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބާއްވަން ހަމަޖެހިފައިވާތީ ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް ފަސްކުރުމުންނެވެ.
Advertisement


Leave a Reply