ސިޔާމް-މައުރޫފް ސޮކާ ކަޕްގައި 11 ރަށަކުން ބައިވެރި ވެއްޖެ

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މިއަހަރު 11 ރަށަކުން ބައިވެރި ވެއްޖެއެވެ. މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާރު ކުރިއަށް ދިޔައީ ރޭ މާލޭގެ ނެޝަނަލް އާޓް ގެލެރީ ގައެވެ. ގުރުނެގުމުގެ ރަސްމިއްޔާތުގައި އެއްވަނަ ޑިވިޝަން ކްލަބްތަކުގެ ބައެއް ކުޅުންތެރިންވެސް ވަނީ ބައިވެރިވެފައެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވާ 11 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. ޅޮހީ ޓީމާއި ފޮއްދޫ ޓީމު ފިޔަވައި އެ އަތޮޅުގެ ހުރިހާ ރަށަކުންވެސް މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ. ގްރޫޕް އޭ ގައި ހިމެނެނީ މުބާރާތް ބާއްވާ ކެނދިކުޅުދޫ، މާޅެންދޫ، ހެނބަދޫ، މަނަދޫ، މިލަދޫ އަދި މަގޫދޫ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ވެލިދޫ، ލަންދޫ، މާފަރު، ހޮޅުދޫ އަދި ކުޑަފަރި އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ 24 ވާ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ކެނދިކުޅުދޫ އާއި މާޅެންދޫ އެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ދަތުރު ކުރާއިރު ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 21 އަދި 22 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 25 ވަނަ ދުވަހު އެވެ.
މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2014 ވަނަ އަހަރު ކުޑަފަރީގައެވެ. އެފަހަރު މުބާރާތް ކާމިޔާބު ކުރީ މަނަދޫ ޓީމެވެ. އޭގެ ފަހުން 2015 އަހަރު ކުޑަފަރީގައި ބޭއްވި މުބާރާތާއި އަދި 2016 ވަނަ އަހަރު ކެނދިކުޅުދޫގައި ބޭއްވި މުބާރާތް ކާމިޔާބު ކުރީ ނ. ހޮޅުދޫ އެވެ. މިދިޔަ އަހަރުގެ މުބާރާތް މާޅެންދޫގައި ބޭއްވިއިރު އެ މުބާރާތް ކާމިޔާބު ކުރީ މިލަދޫ އެވެ. މިލަދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-0 އިން ނ. ލަންދޫ ބަލިކޮށްގެންނެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ނ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމުގެ މަތިން ނ. އަތޮޅުގެ ފުޓްބޯޅަ ކުރި އެރުމުގެ ގޮތުން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ. ރަނަރަޕް ޓީމަށް އެއްލައްކަ ދޭ ގޮތަށް ނިންމާފައިވާއިރު ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ ކަނޑައަޅައިފައިވެއެވެ. މީގެ އިތުރުން އެންމެ މޮޅު ސަޕޯޓަރުން ހޮވައި އެރަށަކަށް 15،000 ރުފިޔާ ދޭގޮތަށް ވަނީ ނިންމާފައެވެ.
މި މުބާރާތުގެ ޝަރަފްވެރި މެހެމާނުންގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިން ވޭތުވެދިޔަ ދެ އަހަރު ވަނީ ބައިވެރިވެފައެވެ. 2016 ވަނަ އަހަރު ފައިނަލް މެޗުގެ ޝަރަފްވެރި މެހްމާނަކަށް ބާސެލޯނާ އަދި ސްޕެއިންގެ ލެޖެންޑް ކާލޮސް ޕުޔޮލް ހަމަޖެއްސިއިރު މިދިޔަ އަހަރުގެ މުބާރާތުގެ ޝަރަފްވެރި މެހްމާނަކަށް ރާއްޖެ ޒިޔާރަތްކުރީ ދާދި ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލި ފޯވާޑް ޑިޑިއޭ ޑްރޮގްބާ އެވެ.
Advertisement


Leave a Reply