ރެއާލްގެ ދާއިމީ ކޯޗަކަށް ސޮލާރީ ހަމަޖައްސަނީ

Advertisement

ރެއާލްގެ ދާއިމީ ކޯޗަކަށް ސޮލާރީ ހަމަޖައްސަނީ

ޢަލީ ޝަހީމް

ވަގުތީ އެއްބަސްވުމެއްގެ ދަށުން މިހާރު ރެއާލް މެޑްރިޑަށް އިރުޝާދު ދެމުންއަންނަ އެޓީމަށް ކުރިން ކުޅުނު ސަންޓިއާގޯ ސޮލާރީއަށް ކްލަބުން ދާއިމީ އެއްބަސްވުމެއް ދޭން ނިމްމާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ބެލެވޭ ގޮތުގައި ސޮލާރީގެ އެއްބަސްވުން އާކުރުމަށް ފޮނުވަންޖެހޭ ލިޔުކިއުންތައް ރެއާލް މެޑްރިޑުން މިހާރު ވަނީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނާއި ހިއްސާކޮށްފައެވެ.

ރެއާލުން ސޮލާރީ ދާއިމީ ކޯޗަކަށް ހަމަޖައްސަން އެއްބަސްވީ އެގައުމުގެ ފުޓްބޯޅަ ގަވައިދު ބުނާގޮތުން ވަގުތީ އެއްބަސްވުމެއްގެ ދަށުން ދެ ހަފްތާއަށްވުރެ ގިނައިން އެއްވެސް ކޯޗަކަށް މަސައްކަތް ނުކުރެވޭނެތީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ސޮލާރީގެ ކުރިން ރެއާލުން ދިޔައީ ޗެލްސީން މިދިޔަ ސީޒަނަށްފަހު ވަކިކުރި އެންޓޯނިއޯ ކޮންޓޭ އަދި ދާދިފަހުން މޮނާކޯގެ ކޯޗުކަމުން ވަކިކުރި ލިއޮނާޑޯ ޖަޑިމް އެޓީމަށް ގެންދިއުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ސޮލާރި ރެއާލުގެ ކޯޗުކަމާއި ހަވާލުވީ މި ސީޒަނަށް އެޓީމުގެ ކޯޗުކަމަށް ހަމަޖެއްސި ހުލެން ލޮޕެޓެގީ އިރުޝާދުގެ ދަށުން ނަތީޖާތައް ދަށްވުމުންނެވެ. ސޮލާރީ ރެއާލާއި ވަގުތީގޮތުން ހަވާލުވިއިރު ހުރީ އެޓީމުގެ “ބީ” ޓީމުގެ ކޯޗުގެ މަގާމުގައެވެ. ސޮލާރީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައެވެ. އެއީ ކޮޕަޑެލްރޭގައި މެލިއްލާ އާއި ވާދަކުރި މެޗާއި ޗެމްޕިއަންސް ލީގުގައި ވިކްޓޯރިއާ ޕްލަޒެން އާއި ވާދަކުރި މެޗުގެ އިތުރުން ލީގުގައި ރެއާލް ވަލޮދޮލިޑް އަދި ސެލްޓަ ވިގޯ އާއި ވާދަކުރި މެޗެވެ. މި ހަތަރު މެޗުގައި ރެއާލުން 15 ގޯލު ޖަހާފައިވާއިރު ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. މިއީ ރެއާލާއި އަލަށް ހަވާލުވެ ފުރަތަމަ ހަތަރު މެޗުގައި ކޯޗަކު ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ.

ކުރީގެ ކޯޗު ހުލެއް ލޮޕެޓެގީ މަގާމުން ވަކިކުރިއިރު ލީގުގައި އެޓީމު އޮތީ ނުވަ ވަނައިގައެވެ. އެކަމަކު ސޮލާރީ އެޓީމާ ހަވާލުވުމަށްފަހު އެންމެ ފަހުން ކުޅުނު ދެމެޗުން މޮޅުވުމުން އެޓީމު ވަނީ ތާވަލުގެ ހަ ވަނައަށް ކުރިއަށް ޖެހިލައިފައެވެ. 20 ޕޮއިންޓާއެކު ރެއާލް ތާވަލުގެ ހަވަނައިގައި އޮތްއިރު އެއްވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.

އުމުރުން 42 އަހަރުގެ އާޖެންޓީނާއަށް އުފަން ސޮލާރީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާއި ހަމައަށް ރެއާލަށް ކުޅެފައެވެ. އެޓީމުގެ މެޗުތެރެއަށް ކުޅުނު ސޮލާރީ ވަނީ އެމުއްދަތުގައި ކުޅުނު 204 މެޗުގައި 22 ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އެއަށްފަހު ސޮލާރީ ވަނީ އިޓަލީގެ އިންޓަ މިލާނާއި އެޓްލާންޓާއަށް ވެސް ކުޅެފައެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް 1999 އާއި 2004 ވަނަ އަހަރާއި ހަމައަށް ސޮލާރީ 11 މެޗު ކުޅުނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *