ޑާބީ މެޗަކީ ސިޓީގެ ފެންވަރު ކަނޑައަޅާނެ މެޗެއް ނޫން: ގާޑިއޯލާ

Advertisement

ޑާބީ މެޗަކީ ސިޓީގެ ފެންވަރު ކަނޑައަޅާނެ މެޗެއް ނޫން: ގާޑިއޯލާ

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ނުކުންނަ “މެންޗެސްޓަރ ޑާބީ” މެޗަކީ މެންޗެސްޓަރ ސިޓީގެ ފެންވަރު މި ސީޒަނުގައި ކަނޑައަޅާނެ މެޗު ނޫން ކަމަށް އެޓީމު ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން ބަލިވެފައިވުމުން އެ ނަތީޖާ ތަކުރާރު ކުރަން ބޭނުން ނުވާކަމަށެވެ. މިދިޔަ ސީޒަނުގައި ލީގުގައި ސިޓީ އާއި ޔުނައިޓެޑް ކުޅުނު މެޗުގައި 75 ވަނަ މިނެޓާއި ހަމައަށް 2-0 އިން ކުރީގައި އޮތީ ސިޓީއެވެ. އެކަމަކު ޔުނައިޓެޑުން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ.

“އަހަރެމެން ރަނގަޅަށް ކުޅެފީޔާ މޮޅުވާނެ. އެކަމަކު ވަރުގަދަ ޓީމުތަކާ ދެކޮޅަށް 90 މިނެޓު ތަފާތު މޮޅު ކުޅުމެއް ނުދެއްކިދާނެ. ބޭނުންވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ގޮތަށް މޮޅަށް ކުޅެން. އެކަމަކު އެމެޗުގައި އެމީހުން ދައްކައިދިނީ 10 ނޫނި 15 މިނެޓު ތެރޭގައި ފުރުސަތުތައް ތަނަވަސްކުރެވޭނެކަން” ގާޑިއޯލާ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ދެޓީމުވެސް އޮތީ ރަނގަޅު ފޯމެއްގައެވެ. ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ތިން މެޗު ކާމިޔާބު ކޮށްފައިވާއިރު އެޓީމުން ވަނީ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށްފައެވެ. މި މެޗަށް ނުކުންނައިރު އެންމެ ފަހުން ކުޅުނު 11 މެޗުންވެސް ސިޓީ ބަލިވެފައެއް ނުވެއެވެ. ލީގާއި ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުގައި އެޓީމުން ވަނީ 12 ގޯލު ޖަހައިފައެވެ.

“އަދި މިއީ ނޮވެމްބަރ. ފަހަރެއްގަ ޔުނައިޓެޑް ދަނޑުގައި މާޗް މަހު ކުޅޭ މެޗަކީ ގޮތް ނިންމާ މެޗަށް ވެދާނެ. ދެޓީމުވެސް އޮތީ ރަނގަޅު ފޯމެއްގައި. އެހެން ޑާބީ މެޗުތަކާއި އެއްގޮތަށް މި މެޗުވެސް ހާއްސަވެގެންދާނެ” މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ މައްޗަށް 19 ޕޮއިންޓުގެ ލީޑަކާއެކު ލީގު ޗެމްޕިއަންކަން ހޯދި ކޯޗު ބުންޏެވެ.

މިރޭގެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ އެޓީމަށް ޔުނައިޓެޑުގެ މައްޗަށް ލީގުގައި 12 ޕޮއިންޓުގެ ތަފާތެއް ގެނެވޭނެއެވެ. 2016 ވަނަ އަހަރު ސިޓީއާ ގުޅުމަށްފަހު ރަނގަޅު ކާމިޔާބީއެއް ހޯދައިނުދެވުނު ނަމަވެސް އެފަހަރުވެސް ސިޓީ ލީގު ނިންމާލީ ޔުނައިޓެޑަށްވުރެ ނުވަ ޕޮއިންޓް ގިނަކޮށެވެ.

ގާޑިއޯލާ ސިޓީއަށް ގެނެސްދީފައިވާ ކުރިއެރުމަށް މޮރީނިއޯވެސް ވަނީ އެއްބަސްވެފައެވެ.

“މަސައްކަތުގައި ކޮލިޓީ އެބަހުރި. އަހަންނަށް ހީވަނީ އެމީހުން މިހާރު އޮތީ އަތުނުވާ ހިސާބުގައިހެން” ގާޑިއޯލާއާއެކު ސިޓީއަށް އައިސްފައިވާ ކުރިއެރުމާއި ގުޅޭގޮތުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުންޏެވެ.

ވާދަވެރި މި ދެކޯޗުންގެ 21 މެޗުގެ ތެރެއިން މޮރީނިއޯއަށް ގާޑިއޯލާގެ ޓީމެއް ބަލިކުރެވިފައިވަނީ ފަސް ފަހަރުއެވެ. ސިޓީ އާއި ޔުނައިޓެޑް ފަރަގު ބޮޑުވުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް މޮރީނިއޯ ބުނީ ކުޅުންތެރިން ގަތުމުގެ މާކެޓުގައި ސިޓީ ކުރީގައި އުޅުމެވެ. މޮރީނިއޯ ބުނީ ގާޑިއޯލާއަށް ސިޓީން ސަޕޯޓްދޭވަރަށް ކުޅުންތެރިން ގަތުމުގައި ޔުނައިޓެޑްގެ ފަރާތުން އޭނާއަށް އެއްބާރުލުން ނުލިބޭކަމަށެވެ.

އާ ސީޒަނަށް ޓީމު ވަރުގަދަ ކުރަން މޮރީނިއޯ ގިނަ ކުޅުންތެރިންތަކެއް ގެންނަން ބޭނުންވި ނަމަވެސް އެޓީމަށް ގެނައި އެންމެ ރަނގަޅު އެއް ކުޅުންތެރިއަކީ ބްރެޒިލްގެ ފްރެޑެވެ. އެކަމަކު ފްރެޑްގެ ކިބައިން މި ސީޒަނުގައި އަދި މާމޮޅު ކުޅުމެއް ފެނިފައެއް ނުވެއެވެ.

ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރާމެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *