ބެޔާންއަށް ވެސް ޑޯޓްމަންޑް ބައްޔެއް ނުކުރެވުނު
ޖަރުމަން ބުންޑަސްލިގާގައި މިރޭ ބެޔާން މިޔުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗުގައި ފަހަތުންއަރާ ބެޔާން މިއުނިކު ބަލިކޮށް، ޑޯޓްމަންޑުން އެޓީމު ލީގުގައި ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
މެޗުގެ 26 ވަނަ މިނިޓުގައި ބެޔާންގެ ރޮބަޓް ލެވެންޑޯސްކީ ޖެހި ގޯލުން ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުފެށިގެން 49 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއްގެ ބޭނުންހިފައި މާކޯ ރޮއިސް ވަނީ ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ތިން މިނިޓު ފަހުން އަނެއްކާވެސް ލެވެންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ ބެޔާން އަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ.
ޑޯޓްމަންޑަށް ދެވަނަފަހަރަށް މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އެޓީމުގެ ކެޕްޓަން ރޮއިސް އެވެ. އަދި މެޗުން މޮޅުވި ލަނޑު ކާމިޔާބުކޯށްދިނީ ބަދަލު ކުޅުންތެރިއެއްގެގޮތުގައި ކުޅެން ނުކުތް ޕަކޯ އަލްކަސާ އެވެ.
މި ނަތީޖާއާއެކު ޑޯޓްމަންޑް ލީގުގެ އެއްވަނާގައި އޮތީ 27 ޕޮއިންޓާއެކު އެވެ. ވާޑާ ބްރޭމަންއާ ވާދަކޮށް 3-1 އިން މިރޭގެ މެޗު ކާމިޔާބުކުރި ބޮރޫޝިއާ މޮންޗެންލަބާޝް ދެވަނާގައި އޮތްއިރު، 20 ޕޮއިންޓާއެކު ބެޔާން މިއުނިކް އޮތީ ތިންވަނާގައެވެ. އެހެންނަމަވެސް އެއް މެޗު މަދުން ކުޅެގެން 19 ޕޮއިންޓާއެކު މިވަގުތު ތާވަލުގެ ހަތަރުވަނާގައި އޮތް އާރުބީ ލިޕްޒިގް މާދަމާރޭ ބެޔާ ލެވެކޫސަންއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުވެގެން ނިންމާލައިފިނަމަވެސް ފައިދާ ގޯލުގެ ތަފާތުން ބެޔާން މިއުނިކް ހަތަރުވަނައަށް ވެއްޓޭނެއެވެ.
Advertisement
Leave a Reply