ރެކޯޑު ދަމަހައްޓައި، ޗެލްސީ ދެވަނަ ބުރަށް

Advertisement

ރެކޯޑު ދަމަހައްޓައި، ޗެލްސީ ދެވަނަ ބުރަށް

ފަހުމިނެޓް

ޔޫއެފާ ޔޫރޮޕާ ލީގުގައި ޗެލްސީއިން ބެލަރޫސްގެ ބާޓޭ ބޮރިސޯވްގެ މައްޗަށް ކުރިހޯދާ، މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

ޗެލްސީއިން ބާޓޭގެ ދަނޑުގައި 1-0 އިން އެޓީމު ބަލިކުރިއިރު އެޓީމުގެ އެޑެން ހަޒާޑް ވަނީ އަނިޔާއަށް ފަހު މިރޭގެ މެޗުގައި ފުރަތަމަ ފަހަރަށް، ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. މިއީ ޗެލްސީއިން ސީޒަން ހުޅުވަން ކުޅޭ ޝީލްޑު މެޗަށް ފަހު އެޓީމުން ބަލިނުވެ މިސީޒަނުގައި ފުރިހަމަކުރި 17 ވަނަ މެޗެވެ.

Advertisement

ޗެލްސީގެ ހަމައެކަނި ލަނޑު މެޗުގެ 52 ވަނަ މިނިޓުގައި ޖަހައިދިނީ ފޯވަޑް އޮލިވިއާ ޖިރޫޑް އެވެ. ވާތްފަޅިން ޗެލްސީގެ އެމަރސަން މަގައިދިން ހުރަހަކުން ބޮލުން ޖަހާ، ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން ޖިރޫޑް ކާމިޔާބުކުރި މި ލަނޑަކީ މިސީޒަނުގައި އޭނާގެ ފަރާތުން ފެނުނު ފުރަތަމަ ލަނޑެވެ.

މެޗުގައި ގިނަވަގުތު ޗެލްސީއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ބާޓޭގެ ޑިފެންސް ފޫއަޅުވާލުމުގައި ޗެލްސީއަށްވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ބަލިވި ނަމަވެސް ބާޓޭއިން ވަނީ މެޗުގައި ޗެލްސީއާ ރަނގަޅު ވާދައެއް ކޮށްފައެވެ. ފުރަތަމަ ހާފުގައި ބާޓޭގެ ޑިމިޓްރީ ބާހާ 25 ޔާޑު ބޭރުން ފޮނުވާލި ހަމަލާ ގޯލު ދަނޑިއަށް އަމާޒުވިއިރު، ޗެލްސީއިން ގޯލުޖެހިތާ މާ ގިނައިރެއް ނުވެ، ބާޓޭގެ ނިކޯލާ ސިގްނެވިޗްގެ ހަމަލާވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެޓީމުގެ އަލެކްސޭ ރިއޮސް އަށް ނަތީޖާ ހަމަހަމަ ކުރަން ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ފަހު ވަގުތުވެސް ބާޓޭއިން ދިޔައީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައި އެޓީމުން ވަނީ ނުރައްކާތެރި އިތުރު ހަމަލާއެއް ފޮނުވާލާފައެވެ. 20 ޔާޑު ބޭރުން ބާހާ ފޮނުވާލި މިހަމަލާވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މިރޭގެ ނަތީޖާއާއެކު ޗެލްސީއަށް ގުރޫޕް އެލް ގެ އެއްވަނަ ލިބެނީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، 12 ޕޮއިންޓާއެކު އެވެ. ހަ ޕޮއިންޓާއެކު ދެވަނަ ލިބެނީ އަމިއްލަ ދަނޑުގައި 1-0 އިން ގްރީސްގެ ޕާއޯކް ބަލިކުރި ހަންގޭރީގެ މޯލް ވިޑީ އަށެވެ. ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށްވެސް ބާކީ ދެމެޗު އޮތްއިރު ތިން ޕޮއިންޓާއެކު ތިންވަނާގައިވާ ޕާއޯކް އަދި ހަތަރުވަނާގައި އޮތް ބާޓޭއަށް ވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *