ވިކްޓްރީ ބަލިކޮށް މާޒިޔާ އަލުން ދެވަނަ އަށް

Advertisement

ވިކްޓްރީ ބަލިކޮށް މާޒިޔާ އަލުން ދެވަނަ އަށް

ޢަލީ ޝަހީމް
މާޒިޔާގެ ސްޓެވާޓް ވިކްޓްރީގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދަނީ. މި މެޗުގައި ސްޓެވާޓް ދެ ލަނޑު ޖެހި. ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް މާޒިޔާ އަލުން ދެވަނަ މަގާމަށް ޖެހިލައިފިއެވެ.

މިއަދު ހަވީރު ކްލަބް އީގަލްސް ކުޅުނު މެޗުން މޮޅުވުމުން މި މެޗަށް ނުކުތްއިރު މާޒިޔާ އޮތީ ތިންވަނައިގައެވެ. މިރޭގެ މޮޅާއެކު މާޒިޔާއަށް ދެވަނަ ލިބެނީ 31 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި ޓީސީ ސްޕޯޓްސް ކްލަބް އޮތީ 36 ޕޮއިންޓާއެކުއެވެ. ލީގުގައި މި ދެޓީމަށްވެސް ބާކީ ތިންމެޗު އޮތްއިރު ދެޓީމުގެ ކުރިމަތިލުމެއްވެސް އެބައޮތެވެ. ލީގުގެ ތިންވަނައިގައި 29 ޕޮއިންޓާއެކު އޮތީ އީގަލްސް އެވެ. 27 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ނިއު ރޭޑިއަންޓަށެވެ. މި ބުރުގައި ކުޅުނު އެއްވެސް މެޗަކުން އަދި މޮޅުވެފައިނުވާ ވިކްޓްރީއަށް މިހާތަނަށް ލިބިފައިވާ ހަ ޕޮއިންޓާއެކު އެޓީމު އޮތީ ހަވަނައިގައެވެ.

Advertisement

މިރޭގެ މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާޢީލް މަހުފޫޒް (އިއްމަ) ބުނީ މޮޅެއް ލިބުމުން ހިތްހަމަ ޖެހޭ ކަމަށާއި، ޓާގެޓަކީ ވީ އެންމެ މަތިން އެޓީމުން ލީގު ނިންމާލުންކަމަށެވެ. މިރޭގެ މެޗަށްފަހު ވިކްޓްރީގެ އެސިސްޓެންޓް ކޯޗު އަލީ ޝަރީފް ބުނީ މުޅި މެޗުގައި ވިކްޓްރީގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

މާޒިޔާއިން މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓެވެ. އެޓީމުގެ ތިންވަނަ ލަނޑު ޖެހީ އަސަދުﷲ އަބްދުﷲ އެވެ. ސްޓެވާޓް ފުރަތަމަ ލަނޑު ޖެހީ މެޗުގެ 12 ވަނަ މިނެޓުގައި އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅައެއް ގޯލުގެ ކަނަށް އަމާޒު ކޮށްލައިގެންނެވެ. ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ފުޅާކޮށްދިން ލަނޑު ސްޓެވާޓް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ވިކްޓްރީގެ އާދަމް އިޝާމް މާޒިޔާގެ ނާއިޒް ހަސަން (ދާދު) އަށް ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ. މާޒިޔާގެ ތިންވަނަ ލަނޑު އަސަދުﷲ ޖެހީ މެޗުގެ 68 ވަނަ މިނެޓުގައި ދާދު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ދާދު ވިކްޓްރީގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު އަސަދުﷲ އަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަ ކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދާދު އެވެ.

ލީގުގެ މެޗުތައް ދެން ކުޅޭނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހު އެވެ. 11 ވާ އާދިއްތަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ކްލަބް އީގަލްސް ނުކުންނާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. އަދި އެރޭ ކުޅޭ މެޗުގައި މާޒިޔާ އާއި ށ. ފޯކައިދޫ ވާދަކުރާނެއެވެ. ޖެހިގެން އަންނަ ހޯމަ ދުވަހުގެ ހަވީރު މެޗުގައި ޓީސީ އާއި ފ. ނިލަންދޫ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާތީ ހޯމަ ދުވަހު ލީގުގައި ކުޅޭ މެޗުތަކަށްފަހު ނުވަ ދުވަހަށް ލީގުގެ ކުޅުން މެދުކަނޑާލާނެއެވެ. އެއަށްފަހު އަލުން ކުޅުން ފަށާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *