ރިޒޭގެ ހެޓްރިކާއެކު އީގަލްސް އިން ފޯކައިދޫ ބަލިކޮށްފި

Advertisement

ރިޒޭގެ ހެޓްރިކާއެކު އީގަލްސް އިން ފޯކައިދޫ ބަލިކޮށްފި

ޢަލީ ޝަހީމް
މިއަދުގެ މެޗުގައި ރިޒޭ ފޯކައިދޫގެ ހުސައިން ލަމާން އަހުމަދު ކައިރިން ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު އަހުމަދު ރިޒްވާން (ރިޒޭ) ހެދި ހެޓްރިކާއެކު ކްލަބް އީގަލްސް އިން 5-0 ގެ ނަތީޖާއަކުން ށ. ފޯކައިދޫ ބަލިކޮށްފިއެވެ. ރިޒޭ މި މެޗުގައި ހެޓްރިކް ހެދިއިރު އަނެއް ދެ ލަނޑު ޖެހީ ދާދި ފަހުން ގައުމީ ސްކޮޑުން ޖާގަ ލިބުނު މުހައްމަދު ނާއިމް އެވެ.

މިއީ ލީގުގައި ރިޒޭ ހެދި ހަތްވަނަ ހެޓްރިކެވެ. ލީގުގައި މިހާތަނަށް ރިޒޭ ވަނީ 23 ގޯލު ޖަހައިފައިވާއިރު މި ސީޒަނުގައި ރިޒޭ ވަނީ 30 ގޯލު ހަމަކޮށްފައެވެ.

މި މޮޅާއެކު 29 ޕޮއިންޓާއެކު އީގަލްސް ވަނީ ދެވަނައަށް އަރައިފައެވެ. އެކަމަކު މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން މާޒިޔާއަށް އަލުން ދެވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެއްމެޗު މަދުކޮށް ކުޅެފައިވާ މާޒިޔާ 28 ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި ޓީސީ ސްޕޯޓްސް ކްލަބް އޮތީ 36 ޕޮއިންޓާއެކުއެވެ.

މިއަދުގެ މެޗަށް ނުކުތްއިރު މިމަހުގެ ތިންވަނަ ދުވަހު މެލޭޝިޔާއާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު މެޗުގައި ހިމެނުނު އީގަލްސްގެ ފަސް ކުޅުންތެރިންވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފައެވެ. ފޯކައިދޫ ޓީމަށް ލީގުގައި މުހިއްމު ގޯލުތަކެއް ޖަހައިދީފައިވާ ޒުވާން ކުޅުންތެރިޔާ މުހައްމަދު ޖައިލަމް މިއަދުގެ މެޗުގައި ކުޅެފައެއް ނުވެއެވެ. މެޗަށް ނުކުއިރު ފޯކައިދޫ ޓީމުގެ ޕާކިސްތާނު ކީޕަރު ހަނީފް ސާގިބަށް އެންމެ ފަހުން ކުޅުނު މެޗުގައި ރަތްކާޑު ދެއްކުމުން ހުރީ ސަސްޕެންޝަނުގައެވެ. އޭނާގެ ބަދަލުގައި މިއަދު ފޯކައިދޫގެ ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު މުހައްމަދު ޝިފާން އެވެ.

މެޗު ފެށިގެން 10 ވަނަ މިނެޓުގައި ގޯލަށް ފޮނުވާލަން ރިޒޭއަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އޭރިޔާ ބޭރުގައި ހުރެފައި މަޑުމަޑުން ރިޒޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. އޭގެ ދެމިނެޓުފަހުންވެސް ރިޒޭއަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ފޯކައިދޫގެ ކުޅުންތެރިއަކު ކީޕަރަށް ޖައްސާލި ބޯޅަށް ސިދާ ރިޒޭއަށް ލިބުމުން ކީޕަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ މިނެޓެއްފަހުން މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު ރިޒޭ ޖެހީ ހަސަން ރާއިފް (ހަންނަ) ނަގައިދިން ހުރަހަކުން ބޮލުންނެވެ. ރިޒޭ ބޮލުން ގޯލަށް ފޮނުވާލިއިރު އޭރިޔާތެރޭގައި ހުރީ ހުސްކޮށެވެ. މެޗުގެ ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ރިޒޭ ޖެހީވެސް ބޮލުންނެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކޮމިލޮވް އަބްދުއްރަސުލް ނަގައިދިން ހުރަސް ރިޒޭއަށް ލިބުނީ ފޯކައިދޫގެ ޑިފެންޑަރުގެ ބޯމަތިން ގޮހެވެ. ފޯކައިދޫގެ ފުރަތަމަ ހަމަލާ ފެނުނީ 28 ވަނަ މިނެޓުގައެވެ. އޭރިޔާ ބޭރުން އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި މަތިންނެވެ.

އީގަލްސްގެ ތިންވަނަ ގޯލު 53 ވަނަ މިނެޓުގައި ހަންނަ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ނާއިމް އެވެ. އޭރިޔާ ތެރެއަށް ދުވި ނާއިމްއަށް ހަންނަ ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ކީޕަރު އެބޯޅައަށް އެރިވަގުތު ތިރިތިރިންނެވެ. 66 ވަނަ މިނެޓުގައި ރިޒޭ ހެޓްރިކް ހެދީވެސް އޭރިޔާ ތެރޭގައި ހުސްކޮށްހުރެ ބޮލުން ޖެހި ގޯލަކުންނެވެ. މި ލަނޑު ޖަހަންވެސް ރިޒޭއަށް މަގުފަހި ކޮށްދިނީ ހަންނަ އެވެ. އޭގެ ދެމިނެޓު ފަހުން ރިޒޭއަށް ވަނީ ހަތަރު ވަނަ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. އޭރިޔާތެރޭގައި ހުސްކޮށްހުރެ ރިޒޭ ފޮނުވާލި ބޯޅަ ކީޕަރު މަތަކުރިއެވެ. އީގަލްސްގެ ފަސްވަނަ ލަނޑު މެޗު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ޖެހީ ނާއިމް އެވެ. ނާއިމް މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ ޝަމާލް ދިން ބޯޅައެއް ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހެޓްރިކް ހެދި ރިޒޭ އެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި ވިކްޓްރީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *