ހިތްގައިމު އިޓަލީން މުޅި މެޗުގައި އަހަންނަށް ފުރައްސާރަކުރި: މޮރީނިއޯ

Advertisement

ހިތްގައިމު އިޓަލީން މުޅި މެޗުގައި އަހަންނަށް ފުރައްސާރަކުރި: މޮރީނިއޯ

ޢަލީ ޝަހީމް

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ޔުވެންޓަސް އަތުން ފަހަތުން އަރައި މެންޗެސްޓަރ ޔުނައިޓެޑް 2-1 އިން މޮޅުވި މެޗުގައި 90 މިނެޓު ވަންދެން އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ފުރައްސާރަ ކުރިކަމަށް އޭނާ ބުނެފިއެވެ.

މެޗަށްފަހު އުފާފާޅު ކުރުމުގެ ގޮތުން ދަނޑަށް އެރުމަށްފަހު މޮރީނިއޯ ވަނީ ކަންފަތުގައި އަތްއަޅައިގެންހުރެ ޔުވެންޓަސްގެ ސަޕޯޓަރުންނާ ދިމާކޮށްފައެވެ. މޮރީނިއޯ ޔުވެންޓަސްގެ ސަޕޯޓަރުންނަށް އެއްޗެއް ބުނުމުން އެޓީމުގެ ލިއޮނާޑޯ ބޮނޫޗީ އާއި ދެމެދު ދެބަސްވުމެއް އުފެދުނެވެ. އެކަމުގައި އުފެދުނު ހިތްހަމަ ނުޖެހުމުގައި މޮރީނިއޯ ހުއްޓުވުމަށް ދެޓީމުގެ ކުޅުންތެރިންވެސް މަސައްކަތް ކުރިއެވެ.

Advertisement

މެޗަށްފަހު މޮރީނިއޯ ބުނީ ޔުވެންޓަސް އަށް އިހުތިރާމް ކުރާކަމަށާއި އޭނާގެ ފަރާތުން ފެނުނު އަމަލަކީ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި ފުރައްސާރައިން ކުރި ކަމެއް ކަމަށެވެ.

“އިޓަލީގެ މި ހިތްގައިމު ސިޓީގައި އެމީހުން (ސަޕޯޓަރުން) އަހަންނަށް 90 މިނެޓު ވަންދެން ފުރައްސާރަކުރި. އަހަންނެއް އެމީހުންނަކަށް އެގޮތަށް ބަދަލެއް ނުދެން. އަހަރެން ކުރީ ކުޑަކުޑަ ކަމެއް. އަހަރެން ކުރި ކަންތަކުގެ ސަބަބުން އިންޓައަށް ސަޕޯޓްކުރާ އެތަން މިލިއަން ބަޔަކު އުފާވާނެ. އެކަމަކު އެމީހުންގެ މެނޭޖަރާ ކުޅުންތެރިންގެ ހުރި ކޮލިޓީއަށް އަހަރެން އިހުތިރާމް ކުރަން” 2008 އިން 2010 ޔުވެންޓަސްއާ ވާދަވެރި އިންޓަރ މިލާނަށް އިރުޝާދުދިން ކޯޗު ބުންޏެވެ.

މެޗަށްފަހު މޮރީނިއޯ ކަންފަތުގައި އަތްއަޅައިގެން ޔުވެންޓަސްގެ ސަޕޯޓަރުންނަށް މެސެޖެއް ދެނީ. މައްސަލަ ކުރިމަތިވީ އެހިސާބުން

މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ގޯލު 65 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޑިފެންޑަރ ބޮނޫޗީ ފަހަތުގައި ހުރެފައި ރޮނާލްޑޯއަށް މަތިން ދިން ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރަށް ފުރުސަތެއް ނުދީ ރޮނާލްޑޯ ފޮނުވާލީ އެއް ފަހަރުންނެވެ. މިއީ ޔުވެންޓަސްގެ ޖާޒީގައި ރޮންލާޑޯ ޗެމްޕިއަންސް ލީގުގައި އެ ކްލަބަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މެޗުގައި ޔުނައިޓެޑުން އެއްވަރުކުރީ 85 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ބަދަލު ކުޅުންތެރިޔާ ހުއާން މާޓާ ޖަހައިދިން ލަނޑުންނެވެ. އޭގެ ހަތަރު މިނެޓުފަހުން ޔުނައިޓެޑަށް ލީޑު ލިބުނީ ޔުވެންޓަސްގެ ޑިފެންޑަރ އަލެކްސް ސަންޑްރޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މި ލަނޑު ވަނީ ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމެއްގައި އޭރިޔާތެރޭގައި ހުރި މަރުއާން ފެލައިނީ ބޮލުން ޖެއްސުމުން ޔުވެންޓަސްގެ ކުޅުންތެރިން އެބޯޅަ ސާފުކޮށްލަން އުޅުނު ވަގުތު އެވެ. މި މެޗުގެ ކުރިން ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ޔުވެންޓަސް ބަލިވެފައެއް ނުވެއެވެ.

މި މޮޅާއެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޔުނައިޓެޑަށް ވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ. މި ގްރޫޕުގައި އަމިއްލަ ދަނޑުގައި ދެން އެޓީމު ޔަންގް ބޯއީޒް އާއި ވާދަކުރާ މެޗުން މޮޅުވެ ވެލެންސިޔާއަށް ޔުވެންޓަސް ބަލި ނުކުރެވިއްޖެ ނަމަ ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ. ރޭގެ މެޗުން ބަލިވުމުން ޔުވެންޓަސްއަށް އަދި ދެވަނަ ބުރުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. ގްރޫޕުގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ދެވަނައިގައި ޔުނައިޓެޑް އޮތީ 7 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތީ ރޭ ޔަންގް ބޯއީޒް 3-1 އިން ބަލިކުރި ވެލެންސިއާ އެވެ. އެއް ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮތީ ޔަންގް ބޯއީޒް އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *