ދަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ ލީގު ހޯދުމާ ގާތަށް

Advertisement

ދަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ ލީގު ހޯދުމާ ގާތަށް

ޢަލީ ޝަހީމް
ދަގަނޑޭ އަތުން ބޯޅަ ހޯދަން ގްރީން ސްޓްރީޓްސް ގެ ކުޅުންތެރިން މަސައްކަތް ކުރަނީ. ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް 1-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގު ހޯދުމާ ގާތަށް ޖެހިލައިފިއެވެ. މިރޭގެ މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މި މޮޅާއެކު ޓީސީ ވަނީ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ޓީސީއަށް 13 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް މާޒިޔާއަށް 12 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. މާދަމާރޭ ވިކްޓްރީއާ ކުޅޭމެޗު ކާމިޔާބު ކޮށްގެން ޓީސީއާ އޮތް ފަރަގު މާޒިޔާއަށް ހަތަރު ފަސް ޕޮއިންޓަށް ކުޑަކުރެވޭނެއެވެ. ލީގުގައި ޓީސީއަށް ބާކީ ތިންމެޗު އޮތްއިރު އެޓީމަށް ލީގު ހޯދުމުގެ އަމިއްލަ ބާރު މިހާރު ވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ.

މި މެޗަށް ނުކުތްއިރު ލީގުގެ ފުރަތަމަ ބުރުގައި މިދެޓީމު ކުޅުނު މެޗު 2-1 އިން ކާމިޔާބު ކުރީ ގްރީން ސްޓްރީޓްސް އެވެ. ލީގުގައި ޓީސީ މިހާތަނަށް ބަލިވީވެސް ހަމައެކަނި އެމެޗުންނެވެ.

މިރޭގެ މެޗުގައި ޓީސީން ވަނީ މޮޅަށްކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ޓީސީގެ ނުރައްކާތެރި ފުރަތަމަ ހަމަލާ ފޮނުވާލީ 15 ވަނަ މިނެޓުގައި ސާދު ނިޒާރުއެވެ. އޭރިޔާ ބޭރުގައި ހުރެފައި ސާދު ފޮނުވާލި ބާރު ބޯޅަ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު އިބްރާހީމް ލަބާން ޝަރީފް މަތަކުރިއެވެ. އޭގެ މިނެޓެއްފަހުން މުހައްމަދު އައްޒާމު ފޮނުވާލީ ބޯޅަ ލަބާން ދިފާއުކުރި ވަގުތު ލިބުނީ އިޝާން އިބްރާހީމް (ސައްޓު) އަށެވެ. ސައްޓު ފޮނުވާލީ ބޯޅަވެސް ލަބާން ވަނީ މަތަކޮށްފައެވެ. ލަބާން ވަނީ މިދެޓީމު ފުރަތަމަ ބުރުގައި ވާދަކުރި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ދަގަނޑޭ ނަގައިދިން ހިލޭޖެހުމެއް ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަނެވެ. އެކަމަކު ސާއިފް ބޮލުގައި ޖެހިފައި ބޯޅަ ގޯލަށް ވަތްގަޑީގައި ޓީސީގެ އަލާ ނާސިރު އެބޯޅައަށް ހަރަކާތް ކުރުމުން ރެފްރީ އާދަމް ފަޒީލް ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. ރެފްރީގެ މި ނިންމުމަށް ޓީސީ ޓީމުން ވަނީ ނުރުހުންފާޅު ކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ދަގަނޑޭ ފޮނުވާލީ ބޯޅައިގެ ހުރަހަކަށް ވީވެސް ލަބާން އެވެ.

ދެވަނަ ހާފު ފަށައިގެންވެސް ޓީސީން ވަނީ ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ނަގައިދިން ބޯޅަ ޑިފެންޑަރު މުހައްމަދު އަޖުފާނަށް ބޮލުން ޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އަޖުފާން ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހުނުއިރު އޭގެ ފަހުން ޓީސީން ފޮނުވާލި ހަމަލާ ހުއްޓުވީ ލަބާން އެވެ. އެއަށްފަހު އަނެއްކާވެސް ފެނުނީ ޓީސީގެ ހަމަލާއެކެވެ. އޭރިޔާތެރޭގައި ހުރި ދަގަނޑޭއަށް ލިބުނު ބޯޅަ އެއްފަހަރުން ފޮނުވާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އެއަށްފަހު ސައްޓު އަށް ލިބުނު ފުރުސަތެއްގައި ބޮލުން ޖައްސާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ގިނަ ހަމަލާތަކެއް އުފެއްދި ޓީސީގެ ލަނޑު ސައްޓުގެ އެހީތެރިކަމާއެކު ދަގަނޑޭ ޖެހީ މެޗުގެ 58 ވަނަ މިނެޓުގައެވެ. އޭރިޔާ ތެރޭގައި ހުރި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ސައްޓު ނަގައިދިން ބޯޅަ ދަގަނޑޭއަށް ލިބުނީ މުހައްމަދު ސާމިރުގެ ފައިގައި ޖެހިފައެވެ. ދަގަނޑޭއަށް ލިބުމުން އެއްފަހަރުން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

މެޗުގައި މާ ރަނގަޅު ހަމަލާއެއް ގްރީންއަށް ތަނަވަސް ކުރެވިފައެއް ނުވެއެވެ. އެކަމަކު މެޗު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް އެޓީމުގެ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމީން ހުސްކޮށްހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ޓީސީގެ ކީޕަރު ކިރަން ކުމާރުގެ އަތަށެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީސީގެ ލަނޑު ޖަހައިދިން ދަގަނޑޭ އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ށ. ފޯކައިދޫ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *