ހަމްޕުގެ މޮޅު ކުޅުމާއެކު ނިއުއިން ނިލަންދޫ ބަލިކޮށްފި

Advertisement

ހަމްޕުގެ މޮޅު ކުޅުމާއެކު ނިއުއިން ނިލަންދޫ ބަލިކޮށްފި

ޢަލީ ޝަހީމް
ހަމްޕު ނިލަންދޫގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ދަނީ. މެޗުގައި ހަމްޕު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައި. ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ދެއްކި މޮޅު ކުޅުމާއެކު ފ. ނިލަންދޫ ބަލިކޮށްފިއެވެ. މި މެޗު ނިއުއިން ކާމިޔާބުކުރީ 5-2 އިންނެވެ. މެޗު އެއްވަރުވާން ދަނިކޮށް ނިއުގެ ފަހު ތިން ލަނޑުވެސް ޖެހީ މެޗުގެ ފަހު ދިހަ މިނެޓުގައެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ވާދަކުރި މެޗުގައިވެސް ނިލަންދޫ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެ މެޗުން ނިއު މޮޅުވީ 1-0 އިންނެވެ. މިއަދުގެ މެޗުގައި ނިއުއިން ޖެހި ފަސް ލަނޑުގައިވެސް ހުނަރުވެރި ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ހަމްޕު ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފައެވެ.

މި މޮޅާއެކު ނިއު ވަނީ ކުޅުނު 13 މެޗުން ލިބުނު 27 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެކަމަކު ލީގުގައި މާދަމާރޭ ށ. ފޯކައިދޫއާ ވާދަކުރާ މެޗުން ކްލަބް އީގަލްސް ބަލި ނުވެއްޖެނަމަ އެޓީމަށް ލީގުގެ ދެވަނަ އަލުން ލިބޭނެއެވެ. 28 ޕޮއިންޓާއެކު ދެވަނައިގައި މާޒިޔާ އޮތްއިރު އެއްވަނައިގައި ޓީސީ ސްޕޯޓްސް ކްލަބް އޮތީ 33 ޕޮއިންޓާއެކުއެވެ.

Advertisement

މެޗަށް ނުކުތްއިރު އަނިޔާގެ ސަބަބުން މުހައްމަދު ރަޝީދު (ހޮކޭ) އާއި މިހާރު ނިއުގެ އެއް ނަންބަރު ކީޕަރު މުހައްމަދު ފައިސަލް ނުކުޅެއެވެ. ނިއުގެ ގޯލު މިއަދުވެސް ބެލެހެއްޓީ ހަސަން އަބްދުލްހަކީމެވެ. ހޮކޭގެ މަގާމް މިއަދު ފުރީ ބިދޭސީ ކުޅުންތެރިޔާ އާމިރު ގުރުބާނީ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖެހީ ނިލަންދޫންނެވެ. އޭރިޔާގެ އަރިމަތިން ނިލަންދޫ ޓީމުގެ ބިދޭސީ ފޯވާޑް ލޫކަސް ފޮނުވާލުމުން ބޯޅަ ގޯލަށް ވަނީ ނިއުގެ ކީޕަރު ހަސަން އެބޯޅަ ހިފަންއުޅުމުގެ ތެރޭގައެވެ. ނިލަންދޫގެ ލަނޑަށްފަހު މެޗުގެ 20 ވަނަ މިނެޓުގައި ނިއުއިން ވަނީ އެއްވަރު ކޮށްފައެވެ. އޭރިޔާ ބޭރުން ހަމްޕު ފޮނުވާލި ބޯޅަ ނިލަންދޫގެ ކުޅުންތެރިއަކު ދިފާއުކުރުމުން ލިބުނީ ކަންޑޭލާއަށެވެ. އޭރިޔާ ބޭރުގައި ހުރެފައި އެއްފަހަރުން ކަންޑޭލާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ ފަސްމިނެޓު ފަހުން އަލީ ފާސިރު (ސެންޓޭ) ގެ ގޯލުން ނިއުއިން ވަނީ ލީޑު ނަގައިފައެވެ. ހަމްޕު ދިން ޕާހަކުން އޭރިޔާތެރެއަށް ވަނުމަށްފަހު ސެންޓޭ ބޯޅަ ފޮނުވާލީ ތިރިތިރިން ކަނަށެވެ. ކައުންޓަ އެޓޭކުގައި ނުރައްކާ ކުރަމުންދިޔަ ނިލަންދޫ ޓީމަށް ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިޔާ ތެރޭގައި ހުރެފައި ލޫކަސް ފޮނުވާލި ބޯޅަ ދިޔައީ މަތިންނެވެ. އެވަގުތު ނިލަންދޫ ޓީމުގެ އިތުރު ކުޅުންތެރިއަކުވެސް ހުސްކޮށް ހުއްޓެވެ.

ދެވަނަ ހާފުގައިވެސް ލިބުނު ބޯޅަތަކުގައި ނިލަންދޫ ޓީމުން ވަނީ ނިއުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި އެޓީމުގެ ލޫކަސްއަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން ކީޕަރު ހަސަން މަތަކުރިއެވެ. ނިލަންދޫން މެޗުގެ ދެވަނަ ލަނޑު ޖެހީ 56 ވަނަ މިނެޓުގައި އިބްރާހީމް ފުރުގާން (ފުގޭ) އެވެ. ފާރޫގް އިސްމާއީލް ނަގައިދިން ހުރަސް އޭރިޔާތެރޭގައި ހުރި ފުގޭއަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. ނިލަންދޫ ޓީމުން ވަނީ މެޗުގެ 73 ވަނަ މިނެޓުގައި އެޓީމުގެ ލޫކަސްއަށް އޭރިޔާ ތެރެއިން ނިއުގެ ކުޅުންތެރިއަކު ފައުލްކުރި ކަމަށްބުނެ ޕެނަލްޓީއަކަށް އެޕީލް ކޮށްފައެވެ.

މެޗު އެއްވަރުވާން ދަނިކޮށް ނިއުގެ ތިންވަނަ ލަނޑު ޖެހީ 83 ވަނަ މިނެޓުގައި މުހައްމަދު އުމެއިރެވެ. އޭރިޔާތެރެއަށް ވަނުމަށްފަހު ނިލަންދޫގެ ޑިފެންޑަރުން ކައިރިން ހަމްޕު ގޯލަށް ފޮނުވާލި ބޯޅަ ލިބުނީ ހުސްކޮށްހުރި އުމެއިރަށެވެ. އުމެއިރު ވަނީ އެއް ފަހަރުން އެބޯޅަ ގޯލަށް ފޮނުވާލައިފައެވެ. އެއަށްފަހު 86 ވަނަ މިނެޓުގައި ނިއުގެ ހަތަރު ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ހަމްޕު އެވެ. ނިއުގެ ފަސްވަނަ ލަނޑު މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަމްޕު ޖެހީ 89 ވަނަ މިނެޓުގައެވެ. ހަމްޕު މި ލަނޑު ޖެހީ މެދު ރޮނގުން ލިބުނު ބޯޅައެއް ހިފައިގެންގޮސް ނިލަންދޫން އެބޯޅަ ހޯދުމަށް މަސައްކަތްކުރި ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. ހަމްޕުގެ ހުނަރު މި ލަނޑުން ފެނުނުއިރު މިއީ ފަހަކަށް އައިސް ގަލޮޅު ދަނޑުން ފެނުނު އެންމެ މޮޅު އެއް ގޯލެވެ.

މެޗަށްފަހު ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް ބުނީ ނިލަންދޫ ޓީމުން ހިތްވަރު ކުރިނަމަވެސް މެޗުގެ އެހިސާބުން ނަތީޖާ ބަދަލުވީ އެޓީމުގައި ތަޖުރިބާ މަދުވުންކަމަށެވެ. ނިއުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ، މެޗުގެ ކުރިންވެސް މިއީ އުނދަގޫވާނެ މެޗެއްކަމަށް ގަބޫލުކުރި ކަމަށާއި ފަހުވަގުތު ފެނުނީ ދެޓީމުގައި ތިބި ކުޅުންތެރިންގެ ކޮލިޓީގެ ތަފާތު ކަމަށެވެ. ސޮބާ ވަނީ ނިލަންދޫ ޓީމުން މިއަދު ދެއްކި ކުޅުމަށް ތައުރީފް ކޮށްފައެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ޓީސީ ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *