އަމިއްލަ ދަނޑުގައި ޖެހި ފުރަތަމަ ގޯލާއެކު ހަޑަސްފީލްޑަށް ލީގުގެ ފުރަތަމަ މޮޅު

މިސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގައި ހަޑަސްފީލްޑް ޓައުން އިން އެޓީމުގެ އަމިއްލަ ދަނޑުގައި ޖެހި ފުރަތަމަ ލަނޑާއެކު އެޓީމުން މިސީޒަނުގެ ލީގުގައި ފުރަތަމަ މޮޅު ހާސިލުކޮށްފިއެވެ.
ތިން ޕޮއިންޓާއެކު ލީގުގެ ފުލުގައި އޮތް ހަޑަސްފީލްޑުން ރޭ 19 ވަނައިގައި އޮތް ފުލަމް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެޓީމުގެ ހަމައެކަނި ލަނޑަކީ ފުލަމްގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ހަޑަސްފީލްޑަށް ލިބުނު ކޯނަރެއްގައި ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން އުޅުމުގެތެރޭގައި މި ލަނޑު ވަނީ ލޯން އުސޫލުގެދަށުން ފުލަމް އަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑުގެ ޓިމޮތީ ފޯސޫ މެންސާގެ ބޮލުގައި ޖެހިފައެވެ.
މި ލަނޑާއެކު ހަޑަސްފީލްޑުން ވަނީ އެޓީމުން އަމިއްލަ ދަނޑުގައި ގޯލެއް ނުޖެހިދިޔަ 659 މިނިޓަށް ނިމުމެއް ގެނެސްފައެވެ. އެންމެ ފަހުން އަމިއްލަ ފަސްގަނޑުގައި އެޓީމުން ގޯލެއް ޖެހީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ލީގުގައި ވޮޓްފޯޑް 1-0 އިން ބަލިކުރި މެޗުގައެވެ.
އިއްޔެއަކީ ހަޑަސްފީލްޑުގެ މެނޭޖަރު ޑޭވިޑް ވޭގްނާ އެޓީމާ ހަވާލުވިތާ ތިން އަހަރު ފުރުނު ދުވަސް ވެސްމެއެވެ. އޭނާ ބުނީ ޓީމު މިހާލަތަށް ވެއްޓިފައި އޮތް ވަގުތެއްގައި މިމޮޅަކީ އޭނާ ހަޑަސްފީލްޑުގައި ހޭދަކުރި ތިން އަހަރުގެތެރޭގައި ހޯދުނު އެންމެ މުހިންމު އެއް މޮޅު ކަމަށެވެ.
14 މެޗަށް ފަހު އެޓީމުން ހޯދި ފުރަތަމަ މޮޅާއެކު ހަޑަސްފީލްޑުން ވަނީ ތާވަލުގެ 18 ވަނައަށް ޖެހިލާފައެވެ. އަދި ފުލަމް ލީގުގެ ފުލަށް ވެއްޓުނުއިރު، މިދެޓީމާއެކު ރެލިގޭޝަން ޒޯނުގައި ދެން އޮތީ އެންމެ ފަހުން ލެސްޓާ ސިޓީ އަތުން ބަލިވި ކާޑިފް ސިޓީއެވެ.
Advertisement


Leave a Reply