މޮރާޓާގެ ދެގޯލާއެކު ޗެލްސީއަށް މުހިންމު މޮޅެއް

ޕްރިމިއަރ ލީގުގައި ޗެލްސީއިން ކްރިސްޓަލް ޕެލަސް ބަލިކޮށް، އެޓީމު ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. ޗެލްސީއިން ރޭކުޅެވުނު މެޗުގައި ކްރިސްޓަލް ޕެލަސް ބަލިކޮށްފައިވަނީ 3-1 އިންނެވެ.
މިދިޔަ މަހު ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-2 އިން އެއްވަރުވި މެޗުގައި އަނިޔާވި ޗެލްސީގެ ތަރި އެޑެން ހަޒާދް ވަނީ އަނިޔާއިން ސަލާމަތްވެ، ރޭގެ މެޗުގައި ބެންޗުން ޖާގަ ހޯދާފައެވެ. އަދި ދެވަނަ ހާފުގައި ކުޅެން އަރާ، އޭނާ ވަނީ މިނިޓެއްވެސް ނުވަނީސް އަލްވަރޯ މޮރާޓާ މިމެޗުގައި ޖެހި ދެވަނަ ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.
ޗެލްސީއިން ޖެހި ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގައި ޕެޑްރޯގެ ޕާހަކުން މޮރާޓާ ޖެހިއިރު، އޭނާގެ ދެވަނަ ލަނޑު ޖެހުމުގެ ކުރިން ޕެލަސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޑްރޯސް ޓައުންސެންޑެވެ. ޗެލްސީގެ ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި މާކޮސް އޮލޮންސޯގެ ޕާހަކުން ކާމިޔާބު ކޮށްދިނީ ޕެޑްރޯއެވެ.
ރޭގެ މިމޮޅާއެކު ޗެލްސީ ވަނީ މިސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް އިތުރު ބޮޅެއް އިތުރުކޮށްފައެވެ. މިސީޒަނުގެ ޕްރިމިއަރ ލީގުގައި ޗެލްސީގެ އިތުރުން މެންޗެސްޓާ ސިޓީ އަދި ލިވަރޕޫލް ވެސް މިހާތަނަށް 11 މެޗު ކުޅެފައިވާއިރު މި ތިންޓީމުވެސް އަދި ބަލިވެފައެއް ނުވެއެވެ.
ރޭގެ މޮޅާއެކު ޗެލްސީގެ ކޯޗު ސާރޭ ވެސް ވަނީ ރެކޯޑަކާ ދިމާއަށް މިސްރާބު ޖަހާފައެވެ. މުޅިން އަލަށް ޕްރިމިއަރ ލީގުގައި ކޯޗްކޮށްދޭ ފުރަތަމަ ސީޒަނުގައި ފުރަތަމަ 11 މެޗުން ބަލިނުވެ، ސާރޭ ވަނީ 1994-95 ސީޒަނުގައި ލީގަށް އެފަހަރު ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓްގެ މެނޭޖަރު، ފްރޭންކް ކްލާކްގެ ރެކޯޑާ އެއްވަރުކޮށްފައެވެ.
Advertisement


Leave a Reply