އޮއްފު އެފްސީ އަތުން ހޮސްކޯވޯއަށް ބޮޑު މޮޅެއް
އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގުރޫޕް 4 ގެ ފުރަތަމަ މެޗުގައި ސްޕޯޓްސް ކުލަބް ހޮސްކޯވޯ އިން އޮއްފު އެފްސީ އަތުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ހޮސްކޯވޯ 8-3 އިން މޮޅުވި މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ އޮއްފު އެފްސީ އިންނެވެ. އަށްވަނަ މިނިޓުގައި ހުސައިން ފަލާހު ލީޑު ނަގައިދީފައި ވަނިކޮށް އޭގެ ދެމިނެޓު ފަހުން ހޮސްކޯވޯއިން އެއްވަރުކުރި ލަނޑު ޖަހައިދިނީ މިއަދުގެ މެޗުގައި ހަތަރު ލަނޑު ޖެހި އަލީ އުމަރެވެ.
މެޗުގެ 20 ވަނަ މިނިޓުގައިއަޒްވާރު އަލީ ހޮސްކޯވޯއަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދިން ނަމަވެސް އެލީޑު ހިފަހައްޓާލެވުނީ އެންމެ ދެމިނެޓަށްވެ. ބާވީސް ވަނަ މިނިޓުގައި އޮއްފުއެފްސީއިން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އިރުޝާދެވެ. އަދި 29 ވަނަ މިނިޓުގައި މުހައްމަދު ޒުހައިލް ވަނީ އޮއްފު އެފްސީއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހޮސްކޯވޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ އުމަރެވެ.
3-3 އިން އެއްވަރުވެގެން ފުރަތަމަ ހާފު ނިމުނު ނަމަވެސް ހޮސްކޯވޯއިން ދެވަނަ ހާފުގައި ވަނީ ފަސް ގޯލު ޖަހާފައެވެ. ލިބުނު ޕެނަލްޓީއަކުން 60 ވަނަ މިނިޓުގައި އިބްރާހިމް އާދަމް އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، އޭގެ ދެމިނެޓު ފަހުން އަލީ އުމަރު ވަނީ އިތުރު ގޯލެއް ޖަހާ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި 66 ވަނަ މިނިޓުގައި އޭނާ ވަނި އިތުރު ގޯލެއް ޖަހާ، މެޗުގެ ނަތީޖާ 6-3 އަށް ބަދަލު ކޮށްލާފައެވެ.ހޮސްކޯވޯއިން އިއްޔެގެ މެޗުގައި ޖެހި ހަތްވަނަ ގޯލާއި އަށްވަނަ ގޯލު ކާމިޔާބުކޮށްދިނީ ހަަސަން އިޝާން އެވެ.
މިއަދު ހަވީރުވެސް މިމުބާރާތުގެ މެޗެއް ކުޅެވިގެންދާއިރު، ބައްދަލުކުރާނީ ގުރޫޕް 5 ގެ ވިޔަންސާ އާއި ސީލޭންޑް ސްޕޯޓްސް ކުލަބެވެ.
Advertisement
Leave a Reply