ބޮޑެތި ޓީމުތައްް މޮޅުވިއިރު ރޯމާ އެއްވަރުވެއްޖެ
އިޓާލިއަން ސެރީއޭގައި ޔުވެންޓަސް، ނަޕޯލީ އަދި އިންޓަ މިލާން މޮޅުވިއިރު ފިއޮރެންޓީނާ އާއި ރޯމާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ޔުވެންޓަސްއިން ކެގްލިއަރީ އަތުން 3-1 އިން މޮޅުވިއިރު، ޔުވެންޓަސްއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޕައުލޯ ޑީބަލާއެވެ. 36 ވަނަ މިނިޓުގައި ކެގްލިއަރީގެ ޖާއޯ ޕެޑްރޯ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް ޔުވެންޓަސްއިން ވަނީ އޭގެ ދެމިނެޓު ފަހުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ހޯދާފައެވެ. މި ލަނޑަކީ ޔުވެންޓަސްގެ ޑަގްލަސް ކޯސްޓާ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ދިފާއުކުރަން އުޅުމުގެތެރޭގައި ކެގްލިއަރީގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ވަތް ގޯލެކެވެ.
މެޗުގެ 87 ވަނަ މިނިޓުގައި ޔުވެންޓަސްގެ ތިންވަނަ ލަނޑު، ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ހުއާން ކުއަޑްރާޑޯއެވެ.
އަމިއްލަ ދަނޑުގައި އެމްޕޯލީގެ މައްޗަށް ނަޕޯލީއިން ކުރިހޯދީ 5-1 ގެ ނަތީޖާއަކުންނެވެ. ނަޕޯލީގެ ޑްރީސް މާޓެންސް މިމެޗުަގައި ހެޓްރިކް ހެދިއިރު، ލޮރެންޒޯ އިންސިގްނޭ އާއި އަރެކް މިލިކް ވެސް ވަނީ ގޯލު ޖަހާފައެވެ.
އިންޓަ މިލާނުން 5-0 އިން ގެނޮއާ ބަލިކުރިއިރު މިމެޗުގައި އިންޓަގެ ކެޕްޓަން މައުރޯ އިކާޑީ އަރުވާފައެއް ނުވެއެވެ. އިންޓައަށް މިމެޗުގައި ގޯލުތައް ކާމިޔާބު ކޮށްދިނީ ރޮބާޓޯ ގަގްލިއަޑިނީ އާއި މަޓެއޯ ޕޮލިޓާނޯގެ އިތުރުން ޖައޯ މާރިއޯ އަދި ރާޖާ ނައިންގޮލާން އެވެ. ގަގްލިއަޑިނީ ވަނީ މިމެޗުގައި ދެގޯލު ކާމިޔާބު ކޮށްދީފައެވެ.
ފިއޮރެންޓީނާގެ ދަނޑުގައި އެޓީމުން ރޯމާއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖޯޑަން ވީރޓައުޓް ފިއޮރެންޓީނާއަށް ލީޑު ނަގައިދީފައި ވަނިކޮށް މެޗު ނިމެން ފަސްމިނިޓަށް ވެފައިވަނިކޮށް ރޯމާއަށް ނަތީޖާ އެއްވަރުކޮށްދިނީ އަލެސެންޑްރޯ ފްލޮރެންޒީއެވެ.
Advertisement
Leave a Reply