ވުލްވްސް އަތުން ޓޮޓެންހަމް މޮޅުވެއްޖެ

ޕްރިމިއަރ ލީގުގައި ރޭ ޓޮޓެންހަމް އާއި ވުލްވަހެމްޕްޓަން ބައްދަލުކުރި މެޗު 3-2 އިން ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ.
ވުލްވްސްގެ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްއިން ވަނީ ދެގޯލުގެ ލީޑެއް ނަގާފައެވެ. އެރިކް ލަމޭލާ އާއި ލޫކަސް މައުރާގެ ގޯލުތަކުން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ހެރީ ކޭން ވަނީ ޓޮޓެންހަމް އަށް އިތުރު ލަނޑެއްޖަހާ، ލީޑު ފުޅާ ކޮށްދީފައެވެ.
ވުލްވްސް އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ ޕެނަލްޓީއިންނެވެ. ފުރަތަމަ ލަނޑު ރުބެން ނީވްސް ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ރައުލް ޖިމެނޭޒް އެވެ.
ރޭ ޕްރިމިއަރ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ރިޗާލިސަންގެ ދެލަނޑުން އެވަޓަން އިން ވަނީ ބްރައިޓަން އެންޑް ހޯވް އަލްބިއަން 3-1 އިން ބަލިކޮށްފައެވެ. އަޔޯޒީ ޕެރޭޒްގެ ހަމައެކަނި ލަނޑުން ނިއުކާސަލް ޔުނައިޓެޑުން ވަޓްފޯޑް ބަލިކުރިއިރު ވެސްޓް ހޭމް އިން ބާންލީގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ވެސްޓް ހޭމްގެ ފިލިޕޭ އެންދަސަން ދެ ލަނޑު ޖެހިއިރު މާކޯ އާނޮޓޮވިޗް އަދި ޗިޗާރިތޯ ވެސް ވަނީ ގޯލު ޖަހާފައެވެ. ބާންލީގެ ލަނޑުތައް ޖަހައިދިނީ ޔޯހާން ގުޑްމުންޑްސަން އާއި ކްރިސް ވުޑް އެވެ.
މިރޭ ޕްރިމިއަ ލީގުގެ ދެމެޗު ކުޅެވިގެންދާއިރު ރާއްޖެ ގަޑިން 20:00 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ އާއި ސައުތެމްޕްޓަން އެވެ. އަދި 21:00 ގައި ފަށާ މެޗުގައި ޗެލްސީ ބައްދަލުކުރާނީ ކްރިސަޓަލް ޕެލަސް އާއެވެ.
Advertisement


Leave a Reply