ރަޔޯ ވަޔަކާނޯ އަތުން ބާސާ އަށް އުނދަގޫ މޮޅެއް
ސްޕެނިޝް ލަލީގާގައި ރަށުން ބޭރުގައި ރޭ ރަޔޯ ވަޔަކާނޯ އަތުން ބާސެލޯނާއިން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ފުރަތަމަ ހާފުގައި ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު ލުއިސް ސުއަރޭޒް ބާސާއަށް ލީޑު ނަގައިދީފައި ވަނިކޮށް ހޯސޭ ޕޯޒޯ ވަނީ ހާފު ނިމުމުގެ ކުރިން ވަޔަކާނޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ވަޔަކާނޯއަށް މެޗުގައި ލީޑު ނަގައިދިނީ އަލްވާރޯ ގާސިއާއެވެ. 2-1 އިން ބާސެލޯނާ ބަލިވާން ދަނިކޮށް، އެޓީމަށް އުންމީދެއް ލިބުނީ 87 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކުރެވުމުންނެވެ. އެއްވަރުކުރި ލަނޑު ޖެރާޑް ޕީކޭގެ ޕާހަކުން ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭއެވެ.
ބާސެލޯނާ މޮޅުވި ލަނޑު 90 ވަނަ މިނިޓުގައި ސާޖި ރޮބާޓޯގެ ހުރަހަކުން އޭރިޔާތެރޭގައި ހުހަށްހުރެ، ސުއަރޭޒް ކާމިޔާބުކޮށްދިނީ ވަޔަކާނޯގެ ކީޕަރަށް އެހަމަލާ މަތަކުރާނެ އެއްވެސް ފުރުސަތެއް ނުދީ، ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ލަލީގާގައި ވެލެންސިއާ ވަނީ ރޭ އަމިއްލަ ދަނޑުގައި ގިރޯނާއާދެކޮޅަށް ކުޅެ، 1-0 އިން ބަލިވެފައެވެ. ގިރޯނާގެ ހަމަެކަނި ލަނޑު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޕެރެ ޕޮންސްއެވެ.
Advertisement
Leave a Reply