ރަންތަށި ހޯދުމަށްފަހު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

Advertisement

ރަންތަށި ހޯދުމަށްފަހު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

ފަހުމިނެޓް

މެލޭޝިޔާގެ ބުކިޓް ޖަލިލް ސްޓޭޑިއަމްގައި ރާއްޖޭގެ ގައުމީޓީމް މެލޭޝިޔާއާ ދެކޮޅަށް މިރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު 3-0 އިން މެލޭޝިޔާ ކާމިޔާބު ކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗަށް ނެރުނު ކުޅުންތެރިން ހިމެނުނު ނަަވެސް ކޯޗް ސެގާޓް ވަނީ ތިން ބަދަލެއް ގެނެސްފައެވެ. ގޯލްކީޕަރު މުހައްމަދު ފައިސަލް އަނިޔާގައި ހުރުމުގެ ސަބަބުން މިރޭގެ މެޗުގައި ރާއްޖޭގެ ގޯލް ބަލަހައްޓާފައިވަނީ މާޒިޔާގެ ކީޕަރު ހުސައިން ޝަރީފެވެ. އަދި އަލީ ސަމްދޫހް މުހައްމަދުގެ ބަދަލުގައި އަހުމަދު ނޫމާން (ހެލްމެޓް) ކުޅެން އެރިއިރު ނާއިޒް ހަސަން (ދާދު)ގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަށެވެ.

ވިއްސާރައިގެ ސަބަބުން ދެޓީމަށްވެސް އެންމެ އެދެވޭ ކުޅުމެއް މިމެޗުގައި ނުދެއްކުނު ނަމަވެސް، ރާއްޖޭގެ ޑިފެންޑަރުންނާއި، މިމެޗުގައި މުޅިން އަލަށް ގައުމީ ޖޯޒީގައި ކުޅޭ ކީޕަރު ހުސައިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 16 ވަނަ މިނިޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒަގުއާން އަދާއެވެ. މެލޭޝިޔާއިން ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފުގެ ފަހުވަގުތު ރާއްގޭން ވަނީ ގޯލެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.

ތިން ބަދަލަކާއެކު މެލޭޝިޔާއިން ދެވަނަ ހާފު ފެށިއިރު ރާއްޖެއިން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިހާފުގައި ރާއްޖެއިން ވަނީ ފުރަތަމަ ހާފަށްވުރެ ބޮޑަށް ކުރިއަށް ޖެހިގެން ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ލިބުނު ފުރުސަތުތައް ވަނީ ބޭނުން ނުކުރެވިފައެވެ.

ރާއްޖޭގެ ފުރަތަމަ ބަދަލު ފެނިގެން ގޮސްފައިވަނީ މެޗުގެ 67 ވަނަ މިނިޓުގައެވެ. މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ގެ ބަދަލުގައި ދާދު ކުޅެން އެރުވާފައި ވާއިރު ފޯމުގައި ހުރި އަހުމަދު ރިޒުވާން (ރިޒޭ) އަށް ފުރުސަތު ދީފައިވަނީ ފަހު ފަނަރަ މިނިޓަށެވެ.

ގާތްގާތުގައި ރާއްޖޭގެ ކީޕަރު ހުސައިންގެ ފަރާތުން ގިނަ ސޭވްތަކެއް ފެނިގެން ދިޔަ ވަގުތެއްގައި މެލޭޝިޔާއަށް ލިބުނުު ކޯނަރެއް ރަނގަޅަށް ސާފް ނުކޮށްލެވުމުގެ ފައިދާނަގައި، މެލޭޝިޔާއިން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރީ 81 ވަނަ މިނިޓުގައި ސަފާވީ ރާސިދެވެ.

ފަހު ފަސްމިނިޓަށް ރާއްޖޭގެ ޓީމުން ވަނީ އަސަދުﷲ އަބްދުﷲ އާއި އަބްދުﷲ ޔާމީންގެ އިތުރުން މުހައްމަދު ނާއިމް އަދި ގޯލްކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) އަށް ފުރުސަތު ދީފައެވެ. މި ބަދަލުތަކާއެކު ރާއްޖޭގެ ޓީމުގެ ރިޒޭއާއި އަސަދުﷲ އަދި ނާއިމް އަށްވެސް ވަނީ ގޯލު ޖަހާނެ ފުރުސަތު ލިބި ބޭކާރުވެފައެވެ.

ކައުންޓަ އެޓޭކެއްގެ ބޭނުންހިފައި މެޗުގެ އެންމެ ފަހު މިނިޓުގައި މެލޭޝިޔާއިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސުމަރޭ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *