ބުރު 5 އޮން 5 ގެ ޗެމްޕިއަންކަން ބުރު ކިންގްސް ހޯދައިފި
މާލޭގެ ކުޅިވަރު ޖަމިއްޔާއެއް ކަމަށްވާ ބުރު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި ބުރު 5 އޮން 5 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބުރު ކިންގްސް ހޯގައިފިއެވެ.
ބުރު ޕާކް ޓާފުގައި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފެށި މިމުބާރާތުގެ ޗެމްޕިއަންކަން ބުރު ކިންގްސް ހޯދީ މިރޭ ކުޅެވުނު ފައިނަލް މެޗުގައި ޓީމް ހަސްކީއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބުރު ކިންގްސް މޮޅުވި ގޯލު ކާމިޔާބުކޮށްދިން އަބްދުﷲ ޝާފިއު އެވެ.
މިމުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ޓޭކާސް ސްޕޯޓްސް ކުލަބެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ބުރު ކިންގްސްގެ އަބްދުﷲ ޝިފާއު އާއި އަކުރަމް އަބްދުލް ރަޝީދުގެ އިތުރުން ޓީމް ހަސްކީގެ މުހައްމަދު އިމްރާން އާއި އަލީ ނައުޝާދު އަދި ކްލަބް ޓީނޭޖްގެ އަޔާޒް އަހުމަދެވެ. މި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދިނީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން، ރައްޔިރުންގެ މަޖިލީހުގެ މާލޭ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ.
މުބާރާތުގައި ބައިވެރިވާން އެދި ފޯމު ހުށަހަޅާ ފުރަތަމަ 32 ޓީމު ބައިވެރިކޮށްގެން ކުރިޔަށް ގެންދަން ގަސްދުކުރި ނަމަވެސް، ގިނަ ކުލަބުތަކެއްގެ ތަރުހީބާއި އެދުމުގެމަތިން މުބާރާތުގައި ބައިވެރިކުރާ ޓީމުތަކުގެ އަދަދު ފަހުން ވަނީ 48 އަށް އިތުރު ކޮށްފައެވެ.
މިއީ ފުޓްސަލް އަށް ޝައުގުވެރިވާ ޒުވާން ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ބުރު ސްޕޯޓްސް ކުލަބުން ބޭއްވި މީގެ ފުރަތަމަ މުބާރާތެވެ. އަދި ކުރިޔަށް އޮތް އަހަރުތަކުގައިވެސް މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ވިސްނާފައިވާކަމަށް ބުރު ސްޕޯޓްސް ކުލަބުން މައުލޫމާތު ދިނެވެ.
Advertisement
Leave a Reply