ލީގް ކަޕް ކުއާޓާގައި އާސެނަލް އާއި ޓޮޓެންހަމްގެ ކުރިމަތިލުމެއް

އިނގިރޭސި ލީގް ކަޕް ކުއާޓާ ފައިނަލުގައި އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާ ވާދަކުރަން ޖެހިއްޖެއެވެ. މިދެޓީމުވެސް ވަނީ ރޭ ކުޅެވުނު، މިމުބާރާތުގެ ހަތަރުވަނަ ބުރުގެ މެޗުތައް ކާމިޔާބު ކޮށްފައެވެ.
އާސެނަލް އިން ބްލެކްޕޫލްގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނިޓުގައި މަޓެއޯ ގުއެންޑޯޒީގެ ޕާހަކުން ކާމިޔާބުކުރީ ސްޓެފަން ލިޗެސްޓީނާ އެވެ. ދެވަނަ ލަނޑު ދެވަނަ ހާފުގައި އެޓީމުގެ ޒުވާން ކުޅުންތެރިޔާ އެމައިލް ސްމިތް-ރޯވް ކާމިޔާބު ކޮށްދިންއިރު ބްލެކްޕޫލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޕައުޑީ އޯކޮނޯ އެވެ.
ބްލެކްޕޫލްގެ ގޯލް ކާމިޔާބުކޮށްދިން އޯކޮނޯއަށް މިމެޗުގައި ރަތްކާޑު ދައްކާފައި ވާއިރު، އާސެނަލްގެ ގުއެންޑޯޒީއަށް ވެސް މިމެޗުގައި ވަނީ ދެވަނަ ރީނދުލަކާއެކު ރަތްކާޑު ދައްކާފައެވެ.
ޓޮޓެންހަމްއިން މުބާރާތުގެ ކުއާޓާއަށް ދަތުރުކުރީ، ހަތަރުވަނަ ބުރުގެ މެޗުގައި ރޭ ވެސްޓްހަމްގެ ދަނޑުގައި އެޓީމު 3-1 އިން ބަލިކޮށްގެންނެވެ. ޓޮޓެންހަމްގެ ފުރަތަމަ ދެލަނޑުވެސް ޑެލެ އަލީގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ސޮން އެވެ. ތިންވަނަ ލަނޑު ކްރިސްޓިއަން އެރިކްސަންގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ފެނާންޑޯ ލޮރެންޓެ އެވެ. ވެސްޓްހަމްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އާސެނަލްއިން މިސީޒަނުގައި ދޫކޮށްލި ލޫކަސް ޕެރޭޒް އެވެ. މިދިޔަ ސީޒަނުގައި މިމުބާރާތުން ޓޮޓެންހަމް ކެޓީ ހަރަތުވަނަ ބުރުގައި ވެސްޓަހަމްގެ އަތްދަށުވެގެންނެވެ.
މުބާރާތުގެ ކުއާޓާއިން ޗެމްޕިއަންޝިޕުގެ މިޑްލްސްބަރާ ވެސް ވަނީ ޖާގަ ހޯދާފައެވެ. އެޓީމު ވަނީ ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެފައެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އާސެނަލް އާއި ޓޮޓެންހަމް ބައްދަލުކުރާއިރު، ޗެލްސީ ނުކުންނާނީ މިބުރުގައި ނޯވިޗް ސިޓީއަތުން 2-1 އިން މޮޅުވި ބޯންމައުތާ ދެކޮޅަށެވެ. އަދި މިޑްލްސްބަރާ ނުކުންނާނީ 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރި ބާޓަން އަލްބިއަން އާދެކޮޅަށެވެ.
މުބާރާތުގެ ހަތަރުވަނަބުރުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ފުލަމް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގައެވެ. މިމެޗުން މޮޅުވާ ޓީމެއް ކުއާޓާގައި ބައްދަލުކުރާނީ ލެސްޓާ ސިޓީއާއި ސައުތެމްޓަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ނަމަވެސް ލެސްޓާގެ ވެރިޔާ ވިޗާއީ ސްރިވަދަނަޕްރަވާ ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އޭނާ މަރުވި ހަބަރާއެކު އެމެޗު ކުޅުން ވަނީ ފަސް ކޮށްފައެވެ.
Advertisement


Leave a Reply