ތަފާތު ދެއްކުމުން ރިޒޭ އަލުން ގައުމީ ޓީމަށް
ރާއްޖޭގައި މިވަގުތު އެންމެ ރަނގަޅު ފޯމުގައި އަހުމަދު ރިޒްވާން (ރިޒޭ) ހިމަނައިގެން އަންނަ ހޮނިހިރު ދުވަހު މެލޭޝިޔާއާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީ ސްކޮޑް އެކުލަވާލައިފިއެވެ.
ކްލަބް އީގަލްސްގެ ރިޒޭ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ހަ ހެޓްރިކް ހަދައިފައެވެ. އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ރިޒޭއަށް ހެޓްރިކް ނުހެދުނީ ހަމައެކަނި މާޒިޔާއާ ދެކޮޅަށެވެ. އޭގެ ފަހުން ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ރިޒޭ ހަތަރު ގޯލު ޖެހިއެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި 20 ގޯލު ރިޒޭ ޖަހާފައިވާއިރު މި އަހަރު އޭނާ މިހާތަނަށް ވަނީ 27 ގޯލު ޖަހައިފައެވެ.
ރިޒޭގެ ފުޓްބޯޅަ ކެރިއަރު ފެށީވެސް ޒުވާން ގައުމީ ޓީމުންނެވެ. 2013 ވަނަ އަހަރު ޖޯޑަންގައި ކުރިއަށްދިޔަ އޭއެފްސީ 19 އަހަރުން ދަށުގައި ވާދަކުރި ޒުވާން ގައުމީ ޓީމަށް ކުޅުނުއިރު ރިޒޭ އޭރު އެއްވެސް ކްލަބަކާ ނުގުޅެއެވެ. އެއަށްފަހު ކްލަބް އީގަލްސް އާއެކު ކްލަބް ކެރިއަރު ފަށައި ރިޒޭ ވަނީ 2014 ވަނަ އަހަރުގެ ޔޫތް ޗެމްޕިއަންޝިޕް އެ ކްލަބުން ހޯދިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ގައުމީ ޓީމުގެ ކުރީގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓުގެ ކޯޗުކަމުގައި ރިޒޭއަށް ވަނީ ގައުމީ ޓީމުން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ސްޓެވާޓުގެ އިރުޝާދުގެ ދަށުން ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު އެކުވެރިކަމުގެ މެޗުގައާއި އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސް އަތުން ރާއްޖެ 4-0 އިން މޮޅުވި މެޗުގައިވެސް ރިޒޭ ވަނީ ކުޅެފައެވެ. ރިޒޭ ވަނީ 2016 ވަނަ އަހަރު މޯލްޑިވްސް ފުޓްބޯލް އެވޯޑު ނައިޓްގައި ރާއްޖޭގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އެވޯޑުވެސް ހޯދާފައެވެ. މިއީ ކްރޮއޭޝިޔާގެ ޕީޓާ ސެގާޓްގެ ކޯޗުކަމުގައި ރިޒޭއަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
މެލޭޝިޔާއާއި ވާދަކުރާ މެޗަށް ނެގި 20 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރި ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ. ރިޒޭގެ އިތުރުން މިފަހަރުގެ ޓީމުން އީގަލްސްގެ މުހައްމަދު ނާއިމް އާއި ކްލަބް ގްރީން ސްޓްރީޓްސް ގެ މުހައްމަދު ޔާމީން އަށް ފުރުސަތު ދީފައިވެއެވެ. ނާއިމް އާއި ޔާމީން އަކީ ސާފް ޗެމްޕިއަންޝިޕަށް ނެގި 27 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެކުޅުންތެރިންނެވެ. އެކަމަކު މުބާރާތަށް ނެގި 20 ކުޅުންތެރިންގެ ތެރޭގައި މި ދެކުޅުންތެރިން ހިމެނިފައެއް ނުވެއެވެ.
ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ތިން ކުޅުންތެރިއަކަށް މިފަހަރުގެ ޓީމުން ޖާގަ ލިބިފައެއް ނުވެއެވެ. އެއީ މާޒިޔާގެ މުޖުތާޒް މުހައްމަދު (މުޖޭ) އާއި ނިއު ރޭޑިއަންޓްގެ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި މި ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީގެ ގޯލު ބެލެހެއްޓި ހަސަން ތޮލާލް (ޓޮޕްލަކް) އެވެ. މީގެ ތެރެއިން މުޖޭއަށް ފުރުސަތު ނުލިބުނީ އަނިޔާގެ ސަބަބުންނެވެ. ބޮބީއަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ފުރުސަތު ލިބުނީ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަހަރުގެ މާޗްމަހު ފަލަސްތީނާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭރުގެ ގައުމީ ކޯޗު ސްޓޭވާޓް ބޮބީ ގައުމީ ޓީމަށް ނެގިއިރު އޭނާ ހުރީ އީގަލްސްގައެވެ. މާލޭ ލީގު ކޮލިފައިންއާ ހަމައަށް ޔުނައިޓެޑް ވިކްޓްރީގެ ގޯލު ބެލެހެއްޓި ޓޮޕްލަކް އޭގެފަހުން އެއްވެސް ޓީމަކަށް ކުޅެފައެއް ނުވެއެވެ.
މިފަހަރުގެ ޓީމުގައި ޓީސީ ސްޕޯޓްސް ކްލަބުން ހިމެނުނީ އެންމެ ދެ ކުޅުންތެރިންނެވެ. ލީގުގެ އެއްވަނަގައި ޓީސީ އޮތްއިރު އެޓީމުގެ ކުޅުންތެރިންދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެޓީމުގެ ކުރިއަށް ކުޅޭ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިޝާން އިބްރާހީމް (ސައްޓު) އަދި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ލީގުގައި ތަފާތު ދެއްކި ނަމަވެސް އެތަނުން ގައުމީ ޓީމުން ޖާގަ ލިބުނީ ހަމައެކަނި ފޭދޫ އިއްބެއަށެވެ. ސާފް ޗެމްޕިއަންޝިޕް ސްކޮޑުންވެސް ފުރުސަތު ނުލިބުނު ދަގަނޑޭ ވަނީ މިހާތަނަށް މި ސީޒަނުގައި 35 ގޯލު ޖަހައިފައެވެ. މި ކުޅުންތެރިންގެ އިތުރުން ޓީސީގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސާމިރަށްވެސް މިފަހަރުގެ ޓީމުން ފުރުސަތު ލިބިފައެއް ނުވެއެވެ. ސާމިރު ވަނީ ސާފް ޗެމްޕިއަންޝިޕަށް ނެގި 27 ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފައެވެ. އެކަމަކު 22 ކުޅުންތެރިންނަށް ލިސްޓް ކުޑަކުރިއިރު ސާމިރަށް ފުރުސަތެއް ނުލިބެއެވެ. ސާފް މުބާރާތަށް ފުރަތަމަ ނެގި 27 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ނިއު ރޭޑިއަންޓްގެ މުހައްމަދު އުމެއިރާއި އީގަލްސްގެ ޒުވާން ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށްވެސް މިފަހަރު ނެގި ސްކޮޑުން ފުރުސަތު ލިބިފައެއް ނުވެއެވެ.
ގައުމީ ސްކޮޑް:
މާޒިޔާ:
އަސަދުﷲ އަބްދުﷲ
މުހައްމަދު އިރުފާން (އިރޭ)
ހުސައިން ޝަރީފް (ގޯލްކީޕަރު)
އަހުމަދު އިމާޒް (އާއްކޮ)
ނާއިޒު ހަސަން (ދާދު)
ސަމޫހު އަލީ (ސަމުއްޓޭ)
ޓީސީ ސްޕޯޓްސް ކްލަބް
އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު)
އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
ކްލަބް އީގަލްސް
ހުސައިން ޝިފާއު ޔޫސުފް (ކުރޯ)
އަހުމަދު ނޫމާން (ހެލްމެޓް)
މުހައްމަދު ނާއިމް
މުހައްމަދު އާރިފް (ބަކާ)
އަހުމަދު ރިޒުވާން (ރިޒޭ)
ނިއު ރޭޑިއަންޓް
ހަމްޒާ މުހައްމަދު (ހަމްޕު)
މުހައްމަދު ފައިސަލް (ގޯލްކީޕަރު)
އަލީ ފާސިރު (ސެންޓޭ)
އަކްރަމް އަބްދުލްގަނީ
ކްލަބް ގްރީން ސްޓްރީޓްސް
ސަމްދޫހު މުހައްމަދު
އަބްދުﷲ ޔާމީން
ވިކްޓްރީ ސްޕޯޓްސް ކްލަބް
ހުސައިން ނިހާން (ނިހާޓް)
Advertisement
Leave a Reply