ޑިފެންޑަރު ސާމިރުގެ ހެޓްރިކާއެކު ޓީސީން ފޯކައިދޫ ބަލިކޮށްފި
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ށ. ފޯކައިދޫ 5-1 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ޓީސީން މެޗުގައި ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ އެޓީމުގެ ފާތް ފަޅިން ފަހަތަށްކުޅޭ މުހައްމަދު ސާމިރު އެވެ. އަނެއް ދެ ލަނޑު ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
މިރޭގެ މޮޅާއެކު ޓީސީ އަށް އެއްވަނަ ލިބެނީ ކުޅުނު 12 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މާޒިޔާއަށް ލިބިފައިވަނީ 12 މެޗުން 28 ޕޮއިންޓެވެ. ތިންވަނައިގައި ކްލަބް އީގަލްސް 26 ޕޮއިންޓާއެކު އޮތްއިރު ހަތަރު ވަނައިގައި ނިއު ރޭޑިއަންޓް އޮތީ 24 ޕޮއިންޓާއެކުއެވެ. މިރޭގެ މެޗުން ބަލިވި ފޯކައިދޫ ޓީމު އޮތީ ކުޅުނު 12 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައެވެ.
މިރޭގެ މެޗުގައި ޓީސީގެ އިބްރާހީމް ވަހީދު ހުސައިން (އިއްބެ ވަހީދު) ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ. ޓީމުގެ މެދުތެރެއިން މިރޭގެ މެޗުގައިވެސް މުހައްމަދު އައްޒާމަށް ވަނީ ފުރުސަތު ދީފައެވެ. އައްޒާމު އަންނަނީ ޓީސީ ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ޓީސީން މޮޅަށް ކުޅުނު މިމެޗު ފެށިގެން ފަސްވަނަ މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިޔާ ތެރޭގައި ހުރި ސައްޓުއަށް ފޭދޫ އިއްބެ ދިން ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލާއި އަމާޒުނުވެއެވެ. ޓީސީން މެޗުގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ޖެހީ ފޭދޫ އިއްބެއެވެ. ޓީސީގެ އައްޒާމު އޭރިޔާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ފޯކައިދޫގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ލިބުނީ އޭރިޔާ ތެރޭގައި ހުރި ފޭދޫ އިއްބެއަށެވެ. ބޯޅަ ލިބުމުން ފޭދޫ އިއްބެ ވަނީ އެއް ފަހަރުން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މި ލަނޑު ޖެހިއިރު ފޭދޫ އިއްބެ ހުރީ އޮފްސައިޑުގައި ކަމަށްބުނެ ފޯކައިދޫ ޓީމުން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ. ޓީސީގެ ދެވަނަ ގޯލު މެޗުގެ 41 ވަނަ މިނެޓުގައި ޖެހީ ސާމިރު އެވެ. އޭރިޔާ ތެރޭގައި ހުރެފައި ދަގަނޑޭ ސާމިރުއަށް ދިން ބޯޅަ އޭނާ ވަނީ ވާތުފައިން އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. ފުރަތަމަ ހާފުގައި ރެފްރީގެ ނިންމުންތަކާއިމެދު ހިތްހަމަ ނުޖެހިގެން ފޯކައިދޫ ޓީމުން ވަރަށް ބޮޑަށް މައްސަލަ ޖެއްސިއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ޓީސީގެ ތިންވަނަ ލަނޑު ސާމިރު ޖެހީ އައްޒާމު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އައްޒާމު އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ފޯކައިދޫގެ ހަނީފް ސާގިބް އަތުން ޖައްސާ ފޮނުވާލުމުން ލިބުނީ ސާމިރު އަށެވެ. ސާމިރު އަށް ބޯޅަ ލިބުމުން އެއްފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. އޭގެ ތިންމިނެޓު ފަހުން ފޯކައިދޫގެ ކުޅުންތެރިއަކު ދަގަނޑޭއަށް ފައުލް ކުރުމުން ލިބުނު ޕެނަލްޓީއަކުން ސާމިރު މެޗުގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. ޓީސީގައި އާއްމުކޮށް ޕެނަލްޓީ ޖަހާ ކުޅުންތެރިން ތިބިނަމަވެސް ކޯޗުގެ މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އެދުމުގެމަތިން ޕެނަލްޓީ ޖަހައި ހެޓްރިކް ހެދުމުގެ ފުރުސަތު ޓީމުން ސާމިރަށް ދިނެވެ. ސާމިރު ފޮނުވާލި ޕެނަލްޓީ ފޯކައިދޫގެ ކީޕަރު މަތަކުރި ނަމަވެސް ދެވަނަ ފަހަރަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ.
ޓީސީގެ ހަތަރު ލަނޑަށްފަހު އެޓީމުގެ ކުރިއަށް ކުޅުނު ފޭދޫ އިއްބެ އާއި ސައްޓު އަދި ދަގަނޑޭއަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އޭރިޔާ ބޭރުން ސައްޓު ހުސްކޮށްލާފައި ފޭދޫ އިއްބެއަށް ދިނުމުން ފޮނުވާލި ބޯޅަ ފޯކައިދޫގެ ޑިފެންޑަރަކު ބްލޮކް ކުރިއެވެ. އޭގެ ފަހުން އޭރިޔާ ތެރޭގައި ހުސްކޮށްހުރި ދަގަނޑޭ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލުގެ ތިރީ ކަނާއި ދިމާލުން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން ފޭދޫ އިއްބެ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ސައްޓު އަށް ލަނޑު ޖަހާނެ މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އޭރިޔާ ތެރޭގައި ހުސްކޮށް ހުއްޓައި ލިބުނު ބޯޅަ ސައްޓު ފޮނުވާލަން އުޅުނީ ފޯކައިދޫގެ ކީޕަރުގެ ބޯމަތިންނެވެ. އެކަމަކު ހަނީފް ސާގިބް ވަނީ އެ ބޯޅަ މަތަކޮށްފައެވެ.
ޓީސީގެ ފަސްވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖެހީ ދަގަނޑޭ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ފޯކައިދޫ ބިދޭސީ ޑިފެންޑަރާއި އިތުރު ކުޅުންތެރިއެއް ކައިރިންވެސް ނައްޓާލުމަށް ދަގަނޑޭ ގޯލުގެ ތެރެއަށް ފޮނުވާލީ ފަސޭހަކަމާއެކުއެވެ. މިއީ މި ސީޒަނުގައި ދަގަނޑޭ ޖެހި 35 ވަނަ ގޯލެވެ.
ޓީސީއަށް ފަސް ލަނޑުގެ ލީޑެއް ލިބުމުން ފޯކައިދޫ ޓީމުން ވަނީ ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. އެޓީމުން އުފެއްދި ގިނަ ހަމަލާތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. އެޓީމުގެ ހަމައެކަނި ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު އުސާމް އެވެ. އުސާމް މި ލަނޑު ޖެހީ މުހައްމަދު ޖައިލަމް ތިރިތިރިން ނަގައިދިން ހުރަހެއް ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗުގައި ހެޓްރިކް ހެދި ޑިފެންޑަރު ސާމިރު އެވެ.
އަންނަ މަހުގެ ތިންވަނަ ދުވަހު ގައުމީ ފުޓްބޯޅަ ޓީމު މެލޭޝިޔާއާއި ރަހްމަތްތެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާތީ ލީގުގެ ކުޅުން ހަފްތާއަކަށް މެދުކަނޑާލުމަށްފަހު އަލުން ފަށާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ.
Advertisement
Leave a Reply