ވިކްޓްރީ އަތުން ނިއު ރޭޑިއަންޓަށް މޮޅެއް

Advertisement

ވިކްޓްރީ އަތުން ނިއު ރޭޑިއަންޓަށް މޮޅެއް

ޢަލީ ޝަހީމް
ނިއު ރޭޑިއަންޓާއި ވިކްޓްރީ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާ ވާދަކުރި މެޗު 3-1 އިން ނިއު ރޭޑިއަންޓް ކާމިޔާބު ކޮށްފިއެވެ. މިއަދުގެ މެޗު މޮޅުވުމުން ތާވަލުގައި އެޓީމު އަދިވެސް އޮތީ ހަތަރު ވަނައިގައެވެ. އެކަމަކު 24 ޕޮއިންޓާއެކު އެޓީމު ވަނީ ތިންވަނައިގައި އޮތް އީގަލްސްއާ ދެޕޮއިންޓް ކައިރިއަށް ޖެހިލައިފައެވެ.

ލީގުގެ އެއްވަނައިގައި 30 ޕޮއިންޓާއެކު ޓީސީ ސްޕޯޓްސް ކްލަބް އޮތް އިރު ދެވަނައިގައި 28 ޕޮއިންޓާއެކު އޮތީ މާޒިޔާއެވެ. ތިންވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ލީގުގައި މިރޭ ށ. ފޯކައިދޫއާ ކުޅޭމެޗުން މޮޅުވެގެން ޓީސީއަށް އެއްވަނައިގައި ފަސް ޕޮއިންޓުގެ ފަރަގެއް ލިބޭނެއެވެ. މެޗުން ބަލިވި ވިކްޓްރީ އޮތީ ލީގުގައި ކުޅުނު 12 މެޗުން ލިބުނު 10 ޕޮއިންޓާއެކު ހަވަނައިގައެވެ.

ލީގުގައި އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ނިއު ބަލިވެފައި އޮތުމުން ތާވަލުގެ ކުރީގައި އޮތް ޓީމުތަކާއި ވާދަކުރަން މިއަދުގެ މެޗުން މޮޅުވާން އެޓީމަށް އޮތީ މުހިއްމު ވެފައެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ނިއުގެ މުހިއްމު ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) ހުރީ ދެކާޑު ހަމަވެގެން ސަސްޕެންޝަނުގައެވެ. އެޓީމުގެ ގޯލު ބެލެހެއްޓީ ޒުވާން ކީޕަރު ހަސަން އަބްދުލް ހަކީމެވެ. ހަސަން ގޯލަށް އެރީ މެޗު ފެށުމުގެ ކުރިން ތައްޔާރުވި ވަގުތު އެޓީމުގެ ކީޕަރު މުހައްމަދު ފައިސަލަށް އަނިޔާ ވުމުންނެވެ. މިއަދުގެ މެޗަށް ނުކުތްއިރު ކާޑު ހަމަވުމުގެ ސަބަބުން ވިކްޓްރީގެ އަހުމަދު ވިސާމް އާއި އާދަމް އިޝާމް ހުރީ ސަސްޕެންޝަނުގައެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ ހަމަލާ 13 ވަނަ މިނެޓުގައި އުފެއްދީ ނިއުއިންނެވެ. އެޓީމުގެ އަލީ ފާސިރު (ސެންޓޭ) ތިރިތިރިން ނަގައިދިން ހުރަސް ބިދޭސީ ފޯވާޑް އަތުހިއޭ ކިޕްސަން އަށް ލިބުމުން ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ވިކްޓްރީގެ ކީޕަރު އިމްރާމް މުހައްމަދު ވަނީ ދިފާއުކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ސެންޓޭއަށް ގޯލު އޭރިޔާގެ އަރިމަތިން ލިބުނު ބޯޅަ ފޮނުވާލުމުން ކީޕަރު އިމްރާން މަތަކުރިއެވެ. މެޗުގެ 32 ވަނަ މިނެޓުގައި ނިއުއަށް ލިބުނު ކޯނަރެއް ސެންޓޭ ނަގައިދިނުމުން މުހައްމަދު އުމައިރު ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ނިއުގެ ކިޕްސަން އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަރިމަތިން އަކްރަމް އަބްދުލްގަނީ ހުރަސްކޮށްލި ބޯޅަ އޭރިޔާ ތެރޭގައި ހުސްކޮށްހުރެ ކިޕްސަން ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. ނިއުއިން މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ އިމްރާން ނަޝީދެވެ. މި ލަނޑު އޭނާ ޖެހީ ނިއުގެ ޑިފެންޑަރ ހިސާމް ސަލީމް ނަގައިދިން ހުރަހެއް އޭރިޔާތެރޭގައި ހުރި ވިކްޓްރީގެ ޑިފެންޑަރަށް ފުރުސަތެއް ނުދީ އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އަހްމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަސް ހުސްކޮށްހުރެ އުމެއިރު ފޮނުވާލުމުން ދިޔައީ ގޯލުގެ މާ މަތިން ބޭރަށެވެ. އެކަމަކު އޭގެ ދެމިނެޓު ފަހުން ސެންޓޭ ވަނީ ނިއުގެ ދެވަނަ ގޯލު ޖަހައިދީފައެވެ. އޭރިޔާ ތެރޭގައި ހުރި ހިސާމް ހުސްކޮށްހުރި ސެންޓޭ އަށް ޖައްސާލުމުން އެބޯޅަ ގޯލުގެ ތެރެއަށް ސެންޓޭ ފޮނުވާލީ ކައިރީގައި ހުރި ވިކްޓްރީގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހުއެވެ. ނިއުއިން މެޗުގެ ތިންވަނަ ލަނޑު ޖެހީ 54 ވަނަ މިނެޓުގައި ކިޕްސަން އެވެ. ކިޕްސަން މި ލަނޑު ޖެހީ އޭރިޔާ ބޭރުން ހަސަން އަދުހަމް ނަގައިދިން ހުރަސް ބޯޅައަށް އެރި ކީޕަރު އިމްރާންގެ ގައިގައި ޖެހިފައި ވެއްޓުނު ބޯޅަ ހުސްކޮށް އޮތް ގޯލެއްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އިމްރާން މި ބޯޅައަށް އެރިއިރު ސެންޓޭއާއި ކިޕްސަންވެސް އެބޯޅަ ހޯދަން މަސައްކަތް ކުރިއެވެ.

ނިއުގެ ތިންވަނަ ލަނޑަށްފަހު ވިކްޓްރީން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާގައިވެސް ވަނީ ގޯލު ޖަހައިފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އެރިޔާ ބޭރުން ލިބުނު ބޯޅަ ކައިރީގައި ހުރި ނިއުގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު އައްމަޑޭ މަތީ ކަނަށް އަމާޒުކޮށްލި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ވިކްޓްރީގެ ލަނޑަށްފަހު އެޓީމުން ވަނީ ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅު ކޮށްފައެވެ. އެކަމަކު ގޯލާ އަމާޒުކޮށް މާ ނުރައްކާ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ 63 ވަނަ މިނެޓުގައި ނިއުގެ އަކްރަމް އަރިމަތިން ހިފައިގެން ދިޔަ ބޯޅަ އޭރިޔާ ތެރޭގައި އިމްރާން ނަޝިދު ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ. އޭގެ ދެމިނެޓު ފަހުން އަކްރަމް ވަނީ އަނެއްކާވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފައެވެ. އަރިމަތިން އަކްރަމް ނަގައިދިން ބޯޅަ އަދުހަމް ޖައްސާލީ އުމެއިރުއަށެވެ. އުމެއިރު އޭރިޔާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ބޯޅަ ކީޕަރު އިމްރާން މަތަކުރުމުން އެބޯޅަ ބޭރަށް ދިޔައީ ގޯލުގެ ދަނޑީގައި ޖެހިފައެވެ.

މެޗުގެ ފަހު ދިހަ މިނެޓުގައިވެސް ނިއުއިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެޓީމުގެ ސެންޓޭ އަދި އުމެއިރު ފޮނުވާލި ހަމަލާތައް މަތަކުރުމުގައި ވިކްޓްރީގެ ކީޕަރު އިމްރާން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ވިކްޓްރީގެ ހުސައިން ނިހާން (ނިހާޓް) މެޗުގެ 82 ވަނަ މިނެޓުގައި ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތީ ކަނާއި ދިމާލުން ބޭރަށެވެ. ނިހާޓް މި ބޯޅަ ފޮނުވާލީ ނިއުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހުއެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ނިއުގެ އަކްރަމަށެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ފޯކައިދޫ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *