ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ލޮޕެޓީގު ވަކިކޮށްފި

Advertisement

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ލޮޕެޓީގު ވަކިކޮށްފި

ޢަލީ ޝަހީމް
ރެއާލްގެ ކޯޗުކަމުގެ މަގާމުން ވަކިކުރި ލޮޕެޓީގު. މި ސީޒަނުގައި އެ ކްލަބުން ނެރެމުން އަންނަނީ ދަށް ނަތީޖާތަކެއް

މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކާއި ގުޅިގެން ރެއާލް މެޑްރިޑްގެ ކޯޗުކަމުން ހުލެން ލޮޕެޓީގު އެ ކްލަބުން ވަކިކޮށްފިއެވެ.

ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ހަވާލުވާން ލޮޕެޓީގު އެއްބަސްވީ ވޯލްޑް ކަޕް ފެށެން ދެދުވަހަށް ވެފައި ވަނިކޮށް މިދިޔަ ޖޫން މަހުގެތެރޭގައެވެ. އޭރު ލޮޕެޓީގު ހުރީ ވޯލްޑް ކަޕަށް ތައްޔާރުވަމުންދިޔަ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައެވެ. ވޯލްޑް ކަޕަށްފަހު ރެއާލްއާއި ހަވާލުވާން އެއްބަސްވުމުން ސްޕެއިންގެ ފެޑަރޭޝަނުން ވަނީ މުބާރާތުގެ ކުރިން އޭނާ އެގައުމުގެ ކޯޗުކަމުން ވަކިކޮށްފައެވެ. ލޮޕެޓީގު އެ މަގާމުން ވަކިކުރީ ސްޕެއިންގެ ފެޑަރޭޝަނަށް ނޭނގި ރެއާލްއާއެކު އެއްބަސްވުމަކަށް ދިއުމުންނެވެ. އޭނާ ރެއާލްގެ ކޯޗުކަމުގެ މަގާމަށް ގެންނަން ކްލަބުން ނިންމީ މިދިޔަ ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު އެ ކްލަބަށް ކާމިޔާބު ކޮށްދިން ޒިނެދިން ޒިދާން ކޯޗުކަމުން ވަކިވުމުންނެވެ.

Advertisement

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލާއި ހަވާލުވުމަށްފަހު ލޮޕެޓީގު މަގާމުން ވަކިކުރީ ހަތަރު މަހާއި ބައިގެ މުއްދަތަކަށް ފަހުއެވެ. ރެއާލުން މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކާއެކު އެޓީމު އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ. އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން އެޓީމު ބަލިވެފައި ވާއިރު މިދިޔަ އާދީއްތަ ދުވަހު ކުޅުނު އެލްކްލަސިކޯ މެޗުގައި ބާސެލޯނާ އަތުން އެޓީމު ބަލިވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ލޮޕެޓީގުގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ އެންމެ ހަ މެޗުންނެވެ. އަދި ހަ މެޗުން ބަލިވިއިރު ދެ މެޗުން ވަނީ އެއްވަރުވެފައެވެ. 14 މެޗުގައި 21 ގޯލު ޖެހިއިރު ބައިކޮޅަށް 20 ގޯލު ވަނީ ވަދެފައެވެ.

ރެއާލުން ނެރުނު ބަޔާނުގައި ބުނީ ލޮޕެޓީގު މަގާމުން ވަކިކުރުމުން ވަގުތީގޮތުން ޓީމުގެ ކޯޗުކަމާއި ހަވާލުވާނީ އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ސަންތިއާގޯ ސޮލާރީ ކަމަށެވެ. ސޮލާރީ އަކީ ރެއާލްގެ ބީ ޓީމު “ކަސްޓިއްލާ” ގެ ކޯޗެވެ.

އުމުރުން 52 އަހަރުގެ ސްޕެއިންއަށް އުފަން ލޮޕެޓީގު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނީ ގޯލްކީޕަރުގެ މަގާމުންނެވެ.  ކޯޗިންގެ ދާއިރާއިން ލޮޕެޓީގު އެންމެ ފުރަތަމަ ފެނުނީ ސްޕެއިންގެ 17 އަހަރުގެ ދަށުގެ ޓީމާއެކު 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ސްޕެއިން 19 އަހަރުން ދަށާއި 20 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޓީމުވެސް ބަލަހައްޓާފައެވެ. ކްލަބް ލެވެލްގައި ލޮޕެޓީގު އެންމެ ފުރަތަމ ފެނުނީ ޕޯޗުގަލްގެ ޕޯޓޯ އިންނެވެ. ޕޯޓޯއަށް ދެ އަހަރު އިރުޝާދު ދިނުމަށްފަހު ސްޕެއިންގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ސްޕެއިންއާ ހަވާލު ވުމަށްފަހު ލޮޕެޓީގު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އޭނާގެ ކޯޗުކަމުގައި ސްޕެއިން ވަނީ ބަލިނުވެ 20 މެޗު ހަމަކޮށްފައެވެ.

ލޮޕެޓީގު ކޯޗުކަމަށް ހަމަޖެއްސުމުގެ ކުރިން ރެއާލްއިން ވަނީ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންދަން ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޕޮޗެޓީނޯ ޓޮޓެންހަމާއެކު އާ އެއްބަސް ވުމެއްގައި ސޮއި ކުރުމުން އެޓީމުން ޕޮޗެޓީނޯ ގެންދިއުމުގެ ވިސްނުން ދޫކޮށްލިއެވެ.

މިދިޔަ ސީޒަން ގައި ސްޕެނިޝް ލަލީގާގެ ތިންވަނަ ރެއާލް އަށް ލިބުނު އިރު، އެޓީމުން ލީގު ނިންމާލި އިރު ވާދަވެރި ބާސެލޯނާއާއި 17 ޕޮއިންޓުގެ ފަރަގެއް އޮތެވެ. ލޮޕެޓީގުގެ ބަދަލުގައި ރެއާލްގެ ކޯޗުކަމާއި ހަވާލުވެކަމަށް ބެލެވެނީ މިދިޔަ ސީޒަނަށް ފަހު ޗެލްސީގެ ކޯޗުކަމުން ވަކިކުރި އެންޓޯނިއޯ ކޮންޓޭ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *