އަސަދުﷲ ގެ ހެޓްރިކާއެކު މާޒިޔާ އަލުން ދެވަނަ އަށް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ އަސަދުﷲ އަބްދުﷲ ހެދި ހެޓްރިކާއެކު ފ. ނިލަންދޫ 6-1 އިން ބަލިކޮށް މާޒިޔާ އަލުން ދެވަނައަށް ޖެހިލައިފިއެވެ. މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އަތުން 7-0 ގެ ނަތީޖާއަކުން މޮޅުވުމުން މިރޭގެ މެޗާ ހަމައަށް ދެވަނައިގައި އޮތީ އީގަލްސްއެވެ. އެކަމަކު މިރޭ މާޒިޔާ މޮޅުވުމުން 28 ޕޮއިންޓާއެކު އެޓީމު ވަނީ އަލުން ދެވަނަ މަގާމަށް ޖެހިލައިފައެވެ. އީގަލްސް އަށް ތިންވަނަ ލިބެނީ 26 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި 30 ޕޮއިންޓާއެކު އޮތީ އެއްމެޗު މަދުން ކުޅެފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. މާދަމާރޭ ށ. ފޯކައިދޫ އަތުން ޓީސީ މޮޅުވެއްޖެ ނަމަ އެޓީމަށް އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބޭނެއެވެ.
މިރޭގެ މެޗުގައި މާޒިޔާއިން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ އަސަދުﷲ އެވެ. އަސަދުﷲ ވަނީ ލީގުގެ ފުރަތަމަ ބުރުގެ މެޗުގައި ނިލަންދޫ ކޮޅަށް ހަތަރު ގޯލު ޖަހައިފައެވެ. މެޗު ފެށިގެން މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ނިލަންދޫގެ ކުޅުންތެރިން ދިޔައީ މާޒިޔާގެ އެޓޭކުގައި ތިބި ވަރުގަދަ ކުޅުންތެރިން ހިފަހައްޓަމުންނެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ލަނޑު ޖެހުމާއި ހަމައަށް ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ކޮނޭލިއަސް ސްޓެވާޓަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ނިލަންދޫގެ ކުޅުންތެރިން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި އެޓީމު ކީޕަރު އަލީ ސޮބާހު ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
މާޒިޔާއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 43 ވަނަ މިނެޓުގައި ސްޓެވާޓް ހުސްކޮށްލާފައި އޭރިޔާ ތެރެއަށް ނަގައިދިން ހުރަހަކުން އަސަދުﷲ އެވެ. އޭރިޔާ ތެރޭގައި އަސަދުﷲ ހުސްކޮށްހުރެ ގޯލަށް ބޯޅަ ފޮނުވާލިއިރު ނިލަންދޫގެ ކުޅުންތެރިން ތިބީ އެއް އެއްކޮށް ކަހަލަ ގޮތަކަށް އަސަދުﷲ ދޫކޮށްލައިގެންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާޒިޔާގެ ދެވަނަ ގޯލު ޖެހީ އިސްމާއީލް އީސާ އެވެ. އީސައަށް ލިބުނު ބޯޅަ އޭރިޔާތެރޭގައި ހުރެފައި އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އަނެއްކާވެސް ފެނުނީ މާޒިޔާގެ ގޯލެކެވެ. ސްޓެވާޓް ނަގައިދިން ހުރަސް މިފަހަރު އަސަދުﷲ ޖެހީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުންނެވެ. އެއަށްފަހު މެޗުގެ 49 ވަނަ މިނެޓުގައި ޑިފެންޑަރ އަމްދާން އަލީ ވަނީ ބޮލުން އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު 4-0 އަށް ބަދަލުކޮށްލާފައެވެ. އަމްދާން މި ލަނޑު ޖެހީ އޭރިޔާ ބޭރުން އީސަ ނަގައިދިން ޖެހުމަކުންނެވެ.
މާޒިޔާގެ ފަސްވަނަ ލަނޑު ޖެހީ ނާއިޒް ހަސަން (ދާދު) އެވެ. ދާދު މި ލަނޑު ޖެހީ ގޯލު އޭރިޔާގެ އަރިމަތިން ލިބުނު ބޯޅަ ކައިރީގައި ހުރި ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ގޯލުގެ ކައިރި ކަނަށް ފޮނުވާލައިގެންނެވެ. ދާދު ބޯޅަ ހިފައިގެން ދިޔައިރު ނިލަންދޫގެ ކުޅުންތެރިން ވިސްނައިގެން ތިބީ އެ ބޯޅަ ހުރަސްކުރާނެ ކަމަށެވެ.
މާޒިޔާއިން ފަސްލަނޑުގެ ލީޑެއްގައި އޮއްވައި ނިލަންދޫ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ލޫކަސް ވަނީ މެޗުގެ 75 ވަނަ މިނެޓުގައި އެޓީމުގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދީފައެވެ. މާޒިޔާގެ ކުޅުންތެރިއަކު ފަހަތުގައި ހުރި އަމްދާނަށް ޖައްސާލި ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުން ލިބުނީ ލޫކަސް އަށެވެ. ލޫކަސް މި ބޯޅަ ގޯލަށް ފޮނުވާލީ އަމްދާން ކައިރިން ނައްޓާލުމަށް ހަމަޖެހިލާފައެވެ.
މާޒިޔާގެ ހަވަނަ ލަނޑު އަދި އަސަދުﷲ ހެޓްރިކް ފުރިހަމަކުރީ ބެންޗުން ކުޅެންއެރި އަހުމަދު އިމާޒް (އާއްކޮ) ނަގައިދިން ހުރަހެއް އޭރިޔާތެރޭގައި ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާ ހޯދީ ހެޓްރިކް ހެދި އަސަދުﷲ އެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ވިކްޓްރީ އެވެ. މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ށ. ފޯކައިދޫ އެވެ.
Advertisement


Leave a Reply