ރިޒޭގެ ހަތަރު ގޯލާއެކު އީގަލްސް އިން ގްރީން ބަލިކޮށްފި
ިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކްބަލް އީގަލްސް އިން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ. މިއަދުގެ މެޗުގައިވެސް އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު ނާއިމް ޖެހިއިރު ހަސަން ރާއިފް (ހަންނަ) ވެސް ވަނީ އެއް ގޯލު ޖަހައިފައެވެ.
މިއީ ލީގުގައި ރިޒޭ ޖެހީ 20 ވަނަ ގޯލެވެ. އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ރިޒޭ ހަ ހެޓްރިކް ހަދައިފައިވާއިރު އެންމެ ފަހުން މާޒިޔާ އަތުން އީގަލްސް 1-0 އިން ބަލިވި މެޗުގައި ރިޒޭ އަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އޭގެ ކުރިން ލީގުގައި ށ. ފޯކައިދޫއާއި ބ. ފެހެންދޫ އަދި ތ. ތިމަރަފުށީގެ އިތުރުން ފ. ނިލަންދޫއާ ކުޅުނު ދެމެޗުގައިވެސް ރިޒޭ ވަނީ ހެޓްރިކް ހަދައިފައެވެ. މިއަދުގެ ހަތަރު ގޯލާއެކު ރިޒޭ ވަނީ ލަނޑު ލިސްޓުގެ ދެވަނައަށް އަރައިފައެވެ. 34 ގޯލާއެކު އަލީ އަޝްފާގް (ދަގަނޑޭ) އެއްވަނައިގައި އުޅޭއިރު ރިޒޭއަށް ދެވަނަ ލިބެނީ 27 ގޯލު މިއަހަރު މިހާތަނަށް ޖަހައިގެންނެވެ. ތިންވަނައިގައި އަލީ ފާސިރު (ސެންޓޭ) އޮތީ 26 ގޯލާއެކުއެވެ.
މި މެޗުން މޮޅުވުމުން އީގަލްސް ވަނީ 27 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެކަމަކު މިރޭ ފ. ނިލަންދޫއާ ކުޅޭ މެޗުން ކާމިޔާބުކޮށްގެން މާޒިޔާއަށް ދެވަނަ ލިބޭނެއެވެ. މާޒިޔާ މިވަގުތު އޮތީ 25 ޕޮއިންޓާއެކު ތިންވަނައިގައެވެ. ލީގުގެ އެއްވަނައިގައި 30 ޕޮއިންޓާއެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. މިއަދުގެ މެޗުން ބަލިވި ގްރީން ސްޓްރީން އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ރިޒޭގެ ދެގޯލާއެކު އީގަލްސް ކުރީގައި އޮވެގެންނެވެ. ރިޒޭގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ޖެހީ އެޓީމަށް ލިބުނު ކޯނަރެއްގައި އުފެއްދި ހަމަލާއެއްގައެވެ. ގްރީންގެ ކީޕަރު އިބްރާހީމް ލަބާން ޝަރީފް ބޯޅައަށް އެރިވަގުތު އަތުގައި ޖެހިފައި އޭރިޔާތެރެއަށް ވެއްޓުމުން ރިޒޭ ވަނީ ގްރީންގެ ޑިފެންޑަރުންނަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް އެބޯޅަ ފޮނުވާލައިފައެވެ. އޭގެ މިނެޓެއްފަހުން ރިޒޭ މެޗުގެ ދެވަނަ ލަނޑު ޖެހީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން ގޮސް ކީޕަރު ބޯޅައަށް އެރުމުން ޗިޕެއް ގޮތަށް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
އީގަލްސް އިން މެޗުގައި މޮޅަށް ކުޅުނު ނަމަވެސް ގްރީން ސްޓްރީޓްސް އިންވެސް ވަނީ ދެވަނަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު އެޓީމަށް ލިބުނު އެއްވެސް ފުރުސަތެއްގައި ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
އީގަލްސްގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ޖެހީ ޒުވާން ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭރިޔާތެރޭގައި ހުރެފައި ނާއިމް ފޮނުވާލި ބޯޅަ ގްރީންގެ ކީޕަރު ލަބާން މަތަކުރުމުން ލިބުނީ ކައިރީގައި ހުރި ހަންނަ އަށެވެ. ހަންނަ އެބޯޅަ ގޯލަށް ވައްދާލީ ކައިރީގައި ހުރި ޑިފެންޑަރު އެބޯޅަ ހޯދަން އުޅުނު ވަގުތު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ކީޕަރު ބޯމަތިންނެވެ.
ރިޒޭ މެޗުގައި ހެޓްރިކް ފުރިހަމަ ކުރީ 62 ވަނަ މިނެޓުގައެވެ. އޭރިޔާތެރެއަށް އީގަލްސްގެ ކުޅުންތެރިއަކު ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އެއްފަހަރުން މަޑުމަޑުން ރިޒޭ އެބޯޅަ އަމާޒު ކޮށްލީ ގޯލުގެ ތިރީ ކަނަށެވެ. މި ލަނޑުގައި ގްރީންގެ ޑިފެންޑަރުންނަށް ރިޒޭ ނުހުއްޓުވުނީ ބޯޅަ ލިބުމުން ރިޒޭ ގޯލަށް ފޮނުވާލުން އަވަސްވުމުންނެވެ. އީގަލްސްގެ ފަސްވަނަ ގޯލު ނާއިމް ޖެހީ ރިޒޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މެޗުގެ 80 ވަނަ މިނެޓުގައެވެ. ރިޒޭ ނާއިމްއަށް ބޯޅަ ދިންއިރު އޭރިޔާތެރޭގައި ހުރީ ހުސްކޮށެވެ. މެޗުގެ ހަވަނަ ލަނޑު 87 ވަނަ މިނެޓުގައި ނާއިމް ޖެހީ އީގަލްސްގެ ކުޅުންތެރިން އުފެއްދި ހަމަލާއެއްގައި އޭރިޔާ ތެރެއިން ލިބުނު ބޯޅައެއްގައެވެ. ނާއިމަށް އެ ބޯޅަ ލިބުމުން އެއްފަހަރުން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މެޗުގައި އީގަލްސްގެ ހަތްވަނަ ލަނޑު އަދި ރިޒޭގެ ހަތަރު ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގައި ހައިޝަމް ހަސަން ދިން ބޯޅައަކުންނެވެ. އޭރިޔާތެރޭގައި ހުރި ރިޒޭއަށް ހުސްކޮށްލާފައި ހައިޝަމް ދިނުމުން ރިޒޭ އެބޯޅަ އަމާޒު ކޮށްލީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ގޯލަށް ވަތްއިރު ގްރީންގެ ކީޕަރު ލަބާން ހުރީ ހަރަކާތް ހުއްޓިފައެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ހަތަރު ލަނޑު ޖެހި ރިޒޭ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި ފ. ނިލަންދޫ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ވާދަކުރާއިރު މާދަމާރޭ ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ށ. ފޯކައިދޫއާ ދެކޮށެވެ.
Advertisement
Leave a Reply