ލެސްޓާގެ ވެރިޔާގެ މަރާއެކު ފުޓްބޯޅަ އާއިލާ ހިމޭންވެފައި

އިނގިރޭސި ކްލަބް ލެސްޓާ ސީޓީގެ ވެރިޔާ ވިޗާއީ ސްރިވަދަނަޕްރަވާ ދަތުރުކުރި ހެލިކޮޕްޓަރު އެ ކްލަބްގެ ސްޓޭޑިއަމް ކައިރިއަށް ވެއްޓުނު ހާދިސާގައި އޭނާ މަރުވެފައިވާކަން ކްލަބުން ހާމަކުރުމާއެކު މުޅި ފުޓްބޯޅަ އާއިލާ ހިމޭންވެއްޖެއެވެ. މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ލެސްޓާގެ ކުޅުންތެރިންނާއި ފުޓްބޯޅަ ކްލަބްތަކަށާއި އެ ކްލަބުގެ ސަޕޯޓަރުންނަށްވެސް ވަނީ ކުއްލި ޝޮކެއް ލިބިފައެވެ. އަދި އެކްލަބުގެ ސަޕޯޓަރުންގެ ދަނީ ކްލަބްގެ ސްޓޭޑިއަމް ކައިރީގައި ހަނދާނީ މާބޮނޑިތައް ބަހައްޓަމުންނެވެ. އުމުރުން 60 އަހަރުގައި ވިޗާއި މަރުވިއިރު އޭނާގެ ހަތަރު ކުރިން ދުނިޔޭގައި އެބަތިއްބެވެ.

ލެސްޓާގެ ފުޓްބޯޅަ ސްޓޭޑިއަމް އަދި ހެލިކޮޕްޓަރު ވެއްޓުނު ތަން. ލެސްޓާގެ ވެރިޔާ މި ހާދިސާގައި ވަނީ މަރުވެފައި
ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ލެސްޓާ ސިޓީއާއި ވެސްޓްހޭމް ޔުނައިޓެޑް 1-1 އިން އެއްވަރުވި މެޗަށްފަހު ތައިލެންޑުގެ ބިލިއަނަރު ވިޗާއީ ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓުނީ ސްޓޭޑިއަމްގެ ކައިރީގައި އޮތް ކާރު ޕާކުކުރާ ޒޯނުން ނައްޓާލިތަނުންނެވެ. ހެލިކޮޕްޓަރު ވެއްޓުނުއިރު ބާރުގަދަ އަޑެއްގޮވާ ބޮޑު އަލިފާންގަނޑެއް އެތަނުގައި ފެތުރުނެވެ. ނަމަވެސް އެ ހެލިކޮޕްޓަރުގައި ތިބި މީހުންނާއި އެމީހުންގެ ހާލަތު ކްލަބުން ހާމަކުރީ ހާދިސާ ހިނގިތާ އެއްދުވަސް ފަހުންނެވެ.

ބޯޓު ވެއްޓުނުއިރު ތިބި ފަސް މީހުން. މި އެންމެންވެސް ވަނީ މަރުވެފައި
ވިޗާއީގެ އިތުރުން އެ ބޯޓުން އިތުރު ހަތަރު މީހަކުވެސް ދަތުރު ކޮށްފައިވެއެވެ. މީގެ ތެރޭގައި ވިޗާއިގެ ދެ ސްޓާފުންނާއި ޕައިލެޓާއި އޭނާގެ ލޯބިވެރިޔާވެސް ހިމެނެއެވެ. ބޯޓު ވެއްޓުނު ހާދިސާގައި މި އެންމެންވެސް މަރުވެފައިވާކަން ކްލަބުން މިހާރު ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.
ބޯޓު ދުއްވަންއިން ޕައިލެޓް ވަނީ 20 އަހަރު ވަންދެން އަމިއްލަ ޖެޓްތަކާއި ހެލިކޮޕްޓަރު ދުއްވާފައެވެ. އެ ބޯޓުން ދަތުރުކުރި އޭނާގެ ލޯބިވެރިޔާއަކީވެސް ޕައިލެޓެކެވެ. މި ދެ ޕައިލެޓުން ނިސްބަތްވާ ޕޮލެންޑުން އިނގިރޭސި ވިލާތަށް އެމީހުން ދިރިއުޅުން ބަދަލުކުރީ 1997 ވަނަ އަހަރުއެވެ.
ލެސްޓާއަށް ފޫނުބެއްދޭނެވަރުގެ ގެއްލުމެއް
ވިޗާއީ ލެސްޓާ ސިޓީ ގަތީ 2010 ވަނަ އަހަރު 39 މިލިއަން ޕައުންޑަށެވެ. ތައިލެންޑުގެ ހަތަރު ވަނައަށް އެންމެ މުއްސަނދި އަދި އެގަމުގެ ކިންގް ޕަވާ ކޮމްޕެނީގެ ވެރިޔާ ލެސްޓާ ގަތުމަށްފަހު ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރުމެވެ.
އާދައިގެ ކްލަބެއްގެ ގޮތުގައި އޮތް ލެސްޓާއިން ލީގު ކާމިޔާބުކުރުން ވެގެންދިޔައީ ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ ހައިރާން ކުރުވަނިވި މަންޒަރަށެވެ. ވިޗާއީގެ ބުރަ މަސައްކަތުން ކްލަބް ދަރަނިން ސަލާމަތްކޮށް ކޮޅަށް ޖަހައި ހޯދި ކާމިޔާބީގެ ސަބަބުން އެ ކްލަބަށާއި ކުޅުންތެރިންނަށް މުޅި ފުޓްބޯޅަ އާއިލާގެ އިހްތިރާމް ލިބުނެވެ.

ވިޗާއީ (ވ) ޕްރިމިއަރ ލީގު ތައްޓާއެކު. އާދައިގެ ކްލަބެއްގެ ގޮތުގައި ލެސްޓާއިން ލީގު ހޯދުން ވެގެންދިޔައީ ފުޓްބޯޅައިން ފެނުނު އެންމެ ހައިރާން ކުރުވަނިވި މަންޒަރަށް
އިނގިރޭސި ޗެމްޕިއަންޝިޕްގައި ކުޅެމުންދިޔަ ކްލަބް ވިޗާއި ގަތުމަށްފަހު 15-2014 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއަރ ލީގަށް ކޮލިފައިކޮށްދިނެވެ. ކްލަބް ގަތުމަށްފަހު ވިޗާއީގެ ޓާގެޓަކަށް ހެދީ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ލީގުގެ ގަދަ ފަހެއްގައި އޮތުމެވެ. ފުރަތަމަ ސީޒަނުގައި ހޯދި 41 ޕޮއިންޓާއެކު އެ ކްލަބް ލީގު ތާވަލުގައި ނިންމާލީ 14 ވަނައިގައެވެ. އެއަށްފަހު ޖެހިގެން އައި ސީޒަނުގައި އިނގިރޭސީ ލީގުގެ ޗެމްޕިއަންކަން އެޓީމު ހޯދިއެވެ.
ލެސްޓާއިން ލީގު ހޯދީ އެ ކްލަބުން ސޮއި ހޯދި ރިޔާދް މާރޭޒް އާއި އެންގޮލޯ ކާންޓޭގެ އިތުރުން ޖެމީ ވާޑީ ފަދަ ކުޅުންތެރިންނާއެކުއެވެ. އެ ކާމިޔާބީއަށްފަހު ވިޗާއީ ވަނީ ލީގު ހޯދުމުގައި ހިއްސާވި 19 ކުޅުންތެރިންނަށް ބީއެމްޑަބްލިއު ކާރު ހަދިޔާކޮށްފައެވެ. ފުޓްބޯޅައަށް އާދަޔާ ހިލާފު ޝައުގުވެރިކަމެއް ހުންނަ ވިޗާއީ ވަނީ މިދިޔަ އަހަރުގެ މެއި މަހު ބެލްޖިއަމްގެ އޯއެޗް ލެއުވެން ކިޔާ ފުޓްބޯޅަ ކްލަބެއްވެސް ގަނެފައެވެ.

ލެސްޓާގެ ވެރިޔާގެ ހަނދާނުގައި ސްޓޭޑިއަމް ބޭރުގައި ސަޕޯޓަރުން މާބޮނޑިތައް ބަހައްޓާފައި
ވިޗާއީގެ މަރާއެކު އެ ކްލަބުގެ ސަޕޯޓަރުންގެ ރައީސް ބުނީ މުޅި ސިޓީވެސް ވިޗާއީއަށް ލޯބިކުރަނީ އޭނާ ކޮށްދިން އަގުހުރި ހިދުމަތުން ކަމަށެވެ.
“ވިޗާއީގެ މުޅި އާއިލާވެސް މި ސިޓީގައި ވަރަށް މަގުބޫލު. އާއްމުންގެ މެދުގައި އެ އާއިލާ މަގުބޫލުވީ މި ފުޓްބޯޅަ ކްލަބަށާއި މުޅި ސިޓީއަށް ކޮށްދިން ކަންތައްތަކަށް. އެމީހުން މި ސިޓީއަށް އެތައް މިލިއަނެއް ހަރަދުކޮށްފި. އެތައް ފައިސާއެއް އަމިއްލަ ހޮސްޕިޓަލްތަކަށާއި ކުދިން ބަލަހައްޓާ ތަންތަނަށްވެސް ހަރަދު ކޮށްފި” ކްލަބުގެ ސަޕޯޓަރުންގެ ރައީސް ކްލިފް ގިނެއްޓާ ބުންޏެވެ.
މީޑިއާއާއި ދުރު ވިޗާއީ ދިޔައީ ކްލަބާއި ހަވާލުވުމަށްފަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗުތައް ބެލުމަށް ހެލިކޮޕްޓަރުގައި ގަވައިދުން ދަތުރު ކުރަމުންނެވެ. މެޗުތައް ނިންމުމަށްފަހު ހަމަ އެދުވަހު ވިޗާއީ އެނބުރި އޭނާގެ ގެއަށް ދެއެވެ. ވެސްޓްހޭމް ޔުނައިޓެޑް މެޗު ނިންމުމަށް ފަހުވެސް ވިޗާއީގެ ހެލިކޮޕްޓަރު މިސްރާބު ޖެހީ އެނބުރި އޭނާގެ ގެއަށް ދިއުމަށެވެ.
ކުޅުންތެރިންނަށް އަދިވެސް ގަބޫލުކުރަން ދަތިވެފައި
ކްލަބުގެ ވެރިޔާގެ މަރާއެކު މި ހަފްތާގައި ސައުތުހަމްޓަން އާއި ދެކޮޅަށް އެޓީމުން ކުޅެން އޮތް ލީގުކަޕް މެޗު ވަނީ ކެންސަލް ކޮށްފައެވެ. ކްލަބުގެ ކުޅުންތެރިން ސޯޝަލް މީޑިއާގައި ހިތާމައިގެ ޝުއޫރު ފާޅުކުރަމުން ދާއިރު ކްލަބުގެ ވެރިޔާގެ މަރު ގަބޫލުކުރަން ދަތިކަމަށް ބައެއް ކުޅުންތެރިން ބުނެއެވެ.
— Kasper Schmeichel (@kschmeichel1) October 28, 2018
ބޯޓު ވެއްޓުނު ވަގުތު ސްޓޭޑިއަމްގައި ހުރި އެޓީމުގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް ވަނީ އެ ސަރަހައްދަށް އެވަގުތު ގޮސްފައެވެ.
“އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ މިއީ ވީ ކަމެއް ކަމަކަށް. އަހަރެންގެ ހިތް ކުދިކުދިވެއްޖެ” ތަށި ހޯދި ޓީމުގެ ގޯލު ބެލެހެއްޓި ޝްމައިކަލް ބުންޏެވެ.
— Wes Morgan (@Wes5L1nk) October 28, 2018
ކްލަބުގެ ކެޕްޓަން ވެސް މޯގަންގެ ޓްވީޓުގައި ބުނީ ކްލަބުގެ ޗެއާމަންދެކެ މުޅި ސިޓީވެސް ލޯބިވާކަމަށާއި މަރުވި ހަބަރާއެކު ހިތް ހަލާކުވެއްޖެ ކަމަށެވެ. ލެސްޓާގެ ވެރިޔާގެ ކުއްލި މަރާއެކު އިނގިރޭސި ކްލަބްތަކާއި ޔޫރަޕްގެ މަޝްހޫރު ބޮޑެތި ކްލަބްތަކުންވެސް ދަނީ ހިތާމައިގެ ޝުއޫރުތައް މީޑިއާގައި ފާޅުކުރަމުންނެވެ.
Struggling to find the right words….but to me you are legend, an incredible man who had the biggest heart, the soul of Leicester City Football Club. Thank you for everything you did for… https://t.co/FzTaXVejUg
— Jamie Vardy (@vardy7) October 28, 2018
މި ހިތާމަވެރި ހާދިސާ ހިނގުމުން ލެސްޓާޝިއާގެ ޕޮލިހުން މިހާރު ވަނީ ތަގުގީގު ފަށައިފައެވެ. ލެސްޓާގެ ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުންބުނީ ބޯޓު ވެއްޓުމުން އެމަޖެންސީގައި ވަގުތުން އެތަނުގައި ހަރަކާތްތެރިވި ކަމަށެވެ.
“ހާދިސާ ހިނގުމުން ވަގުތުން އެމަޖެންސީގައި އެތަނަށް ދިޔައިން. އަލިފާންޑަނޑު ނިއްވާލުމަށްފަހު ހެލިކޮޕްޓަރ ތެރޭގައި ތިބި މީހުންނާ ހަމައަށް ދެވޭތޯ މަސައްކަތް ކުރިން. އެ ހުރިހާ މަސައްކަތަކާއި އެކުވެސް އެކަކުވެސް ސަލާމަތެއް ނުކުރެވުނު” ލެސްޓާގެ ޕޮލިހުން ބުންޏެވެ.
Advertisement


Leave a Reply