ހަޒާޑް ނެތި ޗެލްސީ މޮޅުވިއިރު ޔުނައިޓެޑުން އެވަޓަން ބަލިކޮށްފި

Advertisement

ހަޒާޑް ނެތި ޗެލްސީ މޮޅުވިއިރު ޔުނައިޓެޑުން އެވަޓަން ބަލިކޮށްފި

ޢަލީ ޝަހީމް
ޗެލްސީގެ ވިލިއަން ލަނޑު ޖެހުމަށްފަހު މޮރާޓާއާއެކު އުފާފާޅު ކުރަނީ. ފޮޓޯ: ޓްވިޓާ

އިނގިރޭސި ލީގުގައި ރޭ ޗެލްސީ ބޮޑު މޮޅެއް ހޯދިއިރު މެންޗެސްޓަރ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށްފިއެވެ. އަނިޔާގެ ސަބަބުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޑެން ހަޒާޑް ނެތި ކުޅުނު މެޗުގައި ޗެލްސީ ވަނީ ރަށުން ބޭރުގައި 4-0 އިން ބާންލީ ބަލިކޮށްފައެވެ. ޔުނައިޓެޑުން ރޭގެ މެޗުގައި އެވަޓަން ބަލިކުރީ 2-1 އިންނެވެ.

ރޭގެ މޮޅާއެކު ޗެލްސީ ވަނީ 24 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެކަމަކު ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ ނަމަ ޗެލްސީ އަލުން ތިންވަނައަށް ވެއްޓޭނެއެވެ. ރޭގެ މެޗުން މޮޅުވުމުން 17 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ އަށް ވަނައިގައެވެ.

Advertisement

ޗެލްސީ ރޭގެ މެޗުގައި 4-0 އިން މޮޅުވިއިރު ތަފާތު ދެއްކީ ރޮސް ބާކްލޭ އެވެ. ރޭގެ މެޗުގައި ބާކްލޭ ވަނީ އެއް ލަނޑު ޖަހައި ދެ ލަނޑު ޖަހަން މަގުފަހި ކޮށްދީފައެވެ. ޗެލްސީގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ބާކްލޭގެ ޕާހަކުން ޖެހީ އަލްވާރޯ މޮރާޓާ އެވެ. ޗެލްސީގެ ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި 25 ޔާޑު ދުރުން ފޮނުވާލި ހަމަލާއެއްގައި ޖެހީ ބާކްލޭ އެވެ. އޭގެ ފަސް މިނެޓުފަހުން ބާކްލޭ ދިން ބޯޅައަކުން ޗެލްސީގެ ތިންވަނަ ގޯލު ޖެހީ ވިލިއަން އެވެ. މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ހަތަރު ވަނަ ގޯލު ޖެހީ އެންމެ ފަހުން ކުޅުނު ޔޫރޮޕާ ލީގު މެޗުގައި ހެޓްރިކް ހެދި ރުބެން ލޮފްޓަސްޗީކެވެ.

މިއަހަރުގެ ޖެނުއަރީ މަހު 15 މިލިއަން ޕައުންޑަށް އެވަޓަންއިން ޗެލްސީއަށް ބަދަލުވުމަށްފަހު މިދިޔަ ސީޒަނުގައި މާގިނަ ފުރުސަތު ތަކެއް ބާކްލޭއަށް ލިބިފައެއް ނުވެއެވެ. އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ފުރުސަތު ނުލިބުނު ނަމަވެސް މައުރީޒިއޯ ސާރީ ޗެލްސީއާ ހަވާލުވުމަށްފަހު ބާކްލޭގެ ފަރާތުން ފެންނަމުންދަނީ މޮޅު ކުޅުމެކެވެ. ބާކްލޭ ވަނީ މިދިޔަ ހަފްތާ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ފަހު މިނެޓުގައި އެއްވަރުކުރި ލަނޑު ޖަހައިފައެވެ. މެޗަށްފަހު ސާރީ ބުނީ ބާކްލޭ އަކީ ފުރިހަމަ ކުޅުންތެރިއެއް ކަމަށެވެ.

“ބާކްލޭ މިދުވަސްވަރު ވަރަށް ރަނގަޅަށް ކުޅެމުންދަނީ. ހުރިހާ ގޮތަކުންވެސް ބާކްލޭ ވަރަށް ބޮޑުތަން ކުރިއަރައިފި. ޓެކްނިކަލީ ވިސްނިޔަސް އެއީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެންނަށް ބުނެވޭނީ މިހާރު އެއީ ފުރިހަމަ ކުޅުންތެރިއެކޭ” ސާރީ ބުންޏެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު މާޝިއަލް. އޭނާ ވަނީ އެންމެ ފަހުން ޗެލްސީއާ ކުޅުނު މެޗުގައިވެސް ދެގޯލު ޖަހައިފައި. ފޮޓޯ: ޓްވިޓާ

ރޭ އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑް މޮޅުވިއިރު ލަނޑުތައް ޖަހައިދިނީ ޕައުލް ޕޮގްބާ އާއި އެންތަނީ މާޝިއަލް އެވެ. މުޅި މެޗުގައިވެސް ޔުނައިޓެޑް މޮޅަށް ކުޅުނުއިރު އެޓީމުން ލީޑު ނެގީ 27 ވަނަ މިނެޓުގައި ޕޮގްބާ ޖެހި ލަނޑުންނެވެ. ޕޮގްބާ މި ލަނޑު ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއެއް ޕޮގްބާ ފޮނުވާލުމުން އެވަޓަންގެ ގޯލް ކީޕަރު ޖޯޑަން ޕިކްފޯޑް ސޭވްކުރި ބޯޅަ ލިބުމުން ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޔުނައިޓެޑަށް މި ޕެނަލްޓީ ލިބުނީ އެންތަނީ މާޝިއަލްއަށް އޭރިޔާ ތެރެއިން އެވަޓަންގެ ޑިފެންޑަރަކު ކުރި ފައުލަކަށެވެ. ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ޕޮގްބާ ދިން ޕާހަކުން ދެވަނަ ލަނޑު ޖެހީ މާޝިއަލް އެވެ. މިއީ އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުގައި މާޝިއަލް ޖެހި ހަތަރު ވަނަ ގޯލެވެ. ޔުނައިޓެޑުން ފަސޭހެ ކަމާއެކު މެޗުން މޮޅުވާނެކަމަށް ހީވެފައި ވަނިކޮށް 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށް އެވަޓަންއިން އަލުން މެޗުތެރެއަށް ވަނެވެ. އެވަޓަންގެ ރިޝާލިސަންއަށް ޔުނައިޓެޑްގެ ކްރިސް ސްމޯލިން ފައުލުން ކުރުމުން ރެފްރީ ދިން މި ޕެނަލްޓީ ވައްދާލީ މީގެ ކުރިންވެސް ޔުނައިޓެޑް ކޮޅަށް ތިން ލަނޑު ޖަހައިފައިވާ ގިލްފީ ސިގާޑްސަން އެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ރޭގެ މެޗަކީ އެޓީމުން ވަރަށް މޮޅަށް ކުޅުނު މެޗެއް ކަމަށާއި އެކަމަކު އަދިވެސް ކުޅުން ރަނގަޅު ކުރެވޭނެކަމަށެވެ.

“އަހަރެމެން ޗެލްސީއާ ދެކޮޅަށްވެސް މޮޅަށް ކުޅުނިން. ހާއްސަކޮށް ދެވަނަ ހާފުގައި. ނިއުކާސަލްއާ ދެކޮޅަށްވެސް ދެވަނަ ހާފުގައި ވަރަށް މޮޅަށް ކުޅުނު. ޓޮޓެންހަމާ ކުޅުނުއިރު ފުރަތަމަ ހާފުގައި ވަރަށް މޮޅު. މި މެޗުތަކުގައި އަހަރެމެން ވަރަށް މޮޅަށް ކުޅުނު ވަގުތުތައްދިއަ. އެކަމަކު އަހަރެން ދެކެން ބޭނުން މިއަށްވުރެ ރަނގަޅަށް ޓީމު ކުޅޭތަން ދެކެން” މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗުގައިވެސް ލަނޑު ޖަހައި މޮޅު ކުޅުމެއްދެއްކި މާޝިއަލް އަށް މޮރީނިއޯ ވަނީ ތައުރީފް ކޮށްފައެވެ.

“މީގެ ދެ އަހަރެއް ނޫނީ އަހަރެއް ކުރިންވެސް މާޝިއަލްގެ ކިބައިގައި އެ ހުނަރު ހުރި. އެކަމަކު އޭނާގެ ވިސްނުމާއި، ފަރިތަކުރުންތަކާއި ޓީމުގައި ލިބިފައި އޮން ރޯލަށް ވިސްނައި މިހާރު ދަނީ ވަރަށް ކުރިއަރަމުން. އަހަރެން ވަރަށް ވަރަށް އުފާވޭ އެކަމާ” މާޝިއަލް ދައްކަމުންދާ މޮޅު ކުޅުމާއި ގުޅޭގޮތުން މޮރީނިއޯ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *