އާސެނަލްގެ މޮޅުވުމުގެ ރިކޯޑް ޕެލަސް އިން ހުޓުވައިފި
ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 11 މެޗުންވެސް މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް އާސެނަލް މޮޅުވިޔަނުދީ ކްރިސްޓަލް ޕެލަސް އިން ހިފަހައްޓައިފިއެވެ. ލީގުގައި ރޭ ޕެލަސްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
ރޭގެ މެޗުގައި ޕެލަސް އިން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލޫކާ މިލިވޮޔެވިޗް އެވެ. ފުރަތަމަ ހާފުގައި ޕެލަސް ޓީމުން ދެއްކި މޮޅު ކުޅުމާއެކު ލަނޑު ޖަހާނެ އިތުރު ފުރުސަތުތައްވެސް އެޓީމުން ތަނަވަސް ކޮށްފައިވެއެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން އާސެނަލުން ވަނީ ގާތްގާތުގައި ޖެހި ދެ ލަނޑާއެކު އެޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފައެވެ. އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ގްރޭނިޓް ޝާކާ އެވެ. އޭގެ ފަސްމިނެޓު ފަހުން އާސެނަލްގެ ދެވަނަ ގޯލު ޖަހައިދިނީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އާސެނަލުން މޮޅުވާން ދަނިކޮށް މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އެއްވަރުކޮށްދިނީވެސް ލިބުނު ޕެނަލްޓީއަކުން މިލިޔޮވިޗް އެވެ. މި ޕެނަލްޓީއަކީ އާސެނަލްގެ ޝާކާ ޕެލަސްގެ ވިލްފްރެޑް ޒަހާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.
ތާވަލުގެ ކުރީގައި އޮތް ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން ކައިރިކުރަން ލިބުނު ފުރުސަތު ގެއްލުމުން އާސެނަލްގެ ކޯޗު އުނާއީ އެމެރީ މެޗަށްފަހު ބުނީ އެއީ ޓީމަށް ލިބޭނެ ނުތަނަވަސް ކަމަކަށް ވިޔަސް ޓީމު އޮތީ ރަނގަޅު ހާލަތުގައި ކަމަށެވެ.
“ކޮންމެވެސް ވަރެއްގެ މާޔޫސް ކަމެއް އެއްވަރުވުމަކީ. އެކަމަކު އަހަރެމެން މިއޮތީ ރަނގަޅު ހިސާބެއްގައި. ރަށުން ބޭރުގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން. އެގޮތަށް ބަލާއިރު މެޗުން އެއްވަރުވުން ރަނގަޅު. އަހަރެމެން މެޗުން މޮޅުވާން ބޭނުންވިޔަސް އިދިކޮޅުން ކުޅުނީ ރަނގަޅު ޓީމެއް” އެމެރީ ބުންޏެވެ.
މި މެޗުން މޮޅު ނުވެވުނަސް ޓީމުން ދަނީ ކަންކަން ދަސްކުރަމުން ކަމަށާއި ދެންވެސް މަސައްކަތް ކުރާނީ އެގޮތަށްކަމަށް އެމެރީ ބުންޏެވެ. ރޭގެ މެޗުން އެއްވަރުވުމުން 22 ޕޮއިންޓާއެކު އާސެނަލް އަދިވެސް އޮތީ ހަތަރު ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި 26 ޕޮއިންޓާއެކު އޮތީ ލިވަޕޫލެވެ. އެކަމަކު މިރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން މެންޗެސްޓަރ ސިޓީއަށް އަލުން އެއްވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ރޭގެ މެޗުން އެއްވަރުވުމުން އަށް ޕޮއިންޓާއެކު ޕެލަސް އޮތީ ތާވަލުގެ 14 ވަނައިގައެވެ.
Advertisement
Leave a Reply