ރެއާލް ކޮޅަށް ފަސް ލަނޑު ޖަހައި ބާސެލޯނާ އެއްވަނައަށް
ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅުނު އެލްކްލަސިކޯ މެޗުގައި ވާދަވެރި ރެއާލް މެޑްރިޑް 5-1 އިން ބަލިކޮށް ބާސެލޯނާ އަލުން ލީގުގެ އެއްވަނައަށް އަރައިފިއެވެ. ރޭ އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗުން މެޗުން މޮޅުވުމުން މި ކްލަސިކޯ މެޗަށް ނުކުތްއިރު ބާސެލޯނާ އޮތީ ދެވަނައިގައެވެ.
އެންމެ ފަހުން ކުޅުނު މެޗުގައި އަތަށް ލިބުނު އަނިޔާއާއި ގުޅިގެން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ނެތި ކުޅުނު މި މެޗުގައި ލުއިސް ސުއަރޭޒް ވަނީ ހެޓްރިކް ހަދައިފައެވެ. މިއީ ބާސެލޯނާއަށް ބަދަލުވުމަށްފަހު ސުއަރޭޒް ކްލަސިކޯގައި ޖެހި ނުވަ ވަނަ ގޯލެވެ. މިރޭގެ ހެޓްރިކަކީ 2014 ވަނަ އަހަރުގެ ކްލަސިކޯގައި މެސީ ހެޓްރިކް ހެދިފަހުން ފެނުނު ފުރަތަމަ ހެޓްރިކެވެ.
މި މޮޅާއެކު ލީގުގެ އެއްވަނަ ބާސެލޯނާއަށް ލިބެނީ 21 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 19 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ތިންވަނައިގައި 18 ޕޮއިންޓާއެކު އޮތީ އެސްޕަންޔޯލް އެވެ. މިރޭގެ މެޗުން ބަލިވުމުން މިހާތަނަށް ލިބުނު 14 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތީ ނުވަ ވަނައިގައެވެ.
2007 ވަނަ އަހަރަށްފަހު މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ފުރަތަމަ ކްލަސިކޯ މެޗުގައި ބާސެލޯނާއިން ލީޑު ނެގީ މެޗުގެ 11 ވަނަ މިނެޓުގައި ފިލިޕް ކުޓީނިއޯގެ ގޯލުންނެވެ. ބާސެލޯނާގެ ލެފްޓް ބެކް ޖޯޑީ އަލްބާ ހުސްކޮށްލާފައި ހުރަސްކޮށްލި ބޯޅަ ކުޓީނިއޯ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މި ލަނޑު ބާސެލޯނާ ޓީމުން ޖެހީ 30 ޕާސް ހަމަކޮށްފައެވެ. މިއީ 06-2005 ވަނަ ސީޒަނުގެ ފަހުން އެންމެ ގިނަ ޕާހުން ކްލަސިކޯގައި ޖެހި ފުރަތަމަ ލަނޑެވެ. ބާސެލޯނާއިން ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގެ ދެވަނަ ލަނޑު ލުއިސް ސުއަރޭޒް ޖެހީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިޔާ ތެރެއިން ރެއާލްގެ ރަފައެލް ވަރާން ސުއަރޭޒަށް ފައުލް ކުރުމުން ރެފްރީ ފުރަތަމަ ނިންމީ އެއީ ޕެނަލްޓީއެއް ނޫންކަމަށެވެ. އެކަމަކު ވީޑިއޯ އަލުން ބެލުމަށްފަހު ޕެނަލްޓީއެއް ކަމަށް ނިންމިއެވެ.
ދެވަނަ ހާފު ފެށިގެން ރެއާލުން ރަނގަޅަށް ކުޅެ މާސެލޯގެ ލަނޑުން ލީޑު ކުޑަކުރިއެވެ. އަދި އޭގެފަހުން އެޓީމުގެ ލޫކަ މޮޑްރިޗަށް ލިބުނު ފުރުސަތާއި އިސްކޯއަށް ލިބުނު ފުރުސަތު ވަނީ ބޭކާރުވެފައެވެ. މެޗުގައި ބާސެލޯނާގެ ތިންވަނަ ގޯލު ސުއަރޭޒް ޖެހީ 75 ވަނަ މިނެޓުގައި ސާޖިއޯ ރޮބާޓޯ ނަގައިދިން ހުރަހަކުން ބޮލުންނެވެ. އެއަށްފަހު މެޗުގެ 83 ވަނަ މިނެޓުގައި ސުއަރޭޒްގެ ހެޓްރިކް ފުރިހަމަ ކުރީވެސް ސާޖިއޯ ރޮބާޓޯ ދިން ބޯޅައަކުންނެވެ. މި ހެޓްރިކަކީ 1994 ވަނަ އަހަރުގެ ފަހުން މެސީ ނޫން ކުޅުންތެރިއަކު ބާސެލޯނާއަށް ކްލަސިކޯ މެޗެއްގައި ހެޓްރިކް ހެދި ފުރަތަމަ މެޗެވެ. 1994 ވަނަ އަހަރު ކްލަސިކޯ މެޗުގައި ހެޓްރިކް ހެދީ އޭރު ބާސެލޯނާއަށް ކުޅުނު ރޮމާރިއޯ އެވެ.
ބާސެލޯނާއިން މެޗުގައި ފަސްވަނަ ލަނޑު ޖެހީ މިދިޔަ ސީޒަނުގައި ބަޔާން މިއުނިކަށް ކުޅުމަށްފަހު މިފަހަރު ބާސެލޯނާއަށް ބަދަލުވި އާޓޫރޯ ވިޑާލް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ މެޗުގެ 87 ވަނަ މިނެޓުގައި ވިޑާލް މި ލަނޑު ޖެހީ އޮސްމާނޭ ޑެމްބެލޭ ނަގައިދިން ހުރަހަކުން އޭރިޔާ ތެރޭގައި ހުސްކޮށްހުރެ ބޮލުންނެވެ.
ވާދަވެރި މެޗެއްގައި ރެއާލް ކޮޅަށް މީގެކުރިން ފަސް ލަނޑު ޖެހީވެސް ބާސެލޯނާއިންނެވެ. 2010 ވަނަ އަހަރުގެ ބާސެލޯނާއިން ފަސްލަނޑު ޖެހީ ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައެވެ. ބާސެލޯނާއިން ވަނީ އެންމެ ފަހުން ކުޅުނު ކްލަސިކޯގެ 22 މެޗުގައިވެސް ރެއާލް ކޮޅަށް ލަނޑު ޖަހައިފައެވެ. މިރޭގެ މެޗުން ބަލިވުމުން ރެއާލަށް ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅެއް ލިބިފައެއް ނުވެއެވެ. އެންމެ ފަހުން ރެއާލް މިހާ ދަށްކޮށް ނަތީޖާ ނެރެފައިވަނީ 2009 ވަނަ ހުއާންޑޭ ރާމޯސްގެ ކޯޗު ކަމުގައެވެ. އެ އަހަރުގެ މެއި މަހު އެޓީމު ވަނީ ޖެހިޖެހިގެން ފަސް މެޗުން ބަލިވެފައެވެ. މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން މި ސިޒަނުގައި ރެއާލްގެ ކޯޗު ކަމާއި ހަވާލުވި ހުލެން ލޮޕެޓީގުގެ ކުރިމަގާމެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ވަރަށް އަވަހަށް ރެއާލުން ލޮޕެޓީގު މަގާމުން ވަކިކުރާނެއެވެ.
Advertisement
Leave a Reply