ރޮނާލްޑޯގެ ދެގޯލުން ޔުވެންޓަސް ލީޑު ފުޅާކޮށްފި

އިޓަލީ ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ދެ ގޯލުން ޔުވެންޓަސް މި ސީޒަނުގައި ބަލިނުވެ ރެކޯޑް ދަމަހައްޓައިފިއެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ އެމްޕޮލީންނެވެ. އެކަމަކު އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ދެގޯލު ކާމިޔާބު ކޮށްދީ މެޗުން މޮޅުކޮށްދީފައެވެ.
މިއީ މިހާތަނަށް ކްލަބަށް ކުޅެދިން 12 މެޗުގައި ރޮނާލްޑޯ ޖެހި ހަތްވަނަ ލަނޑެވެ. ޔުވެންޓަސްއިން އިން އެންމެ ފަހުން ޖެހި 14 ގޯލުގެ ތެރެއިން 10 ގޯލު ޖެހީ ރޮނާލްޑޯގެ ހިއްސާއާއެކުއެވެ. ހަތް ގޯލުގެ އިތުރުން ރޮނާލްޑޯ ވަނީ ތިން ލަނޑު ޖަހަން މަގުފަހި ކޮށްދީފައެވެ.
އެމްޕޮލީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ޖެހީ އެޓީމުގެ ފްރަންސެސްކޯ ކަޕުޓޯ އެވެ. އެއަށްފަހު ޔުވެންޓަސް އިން އެއްވަރުކުރި ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕައުލޯ ޑީބަލާއަށް އެމްޕޮލީގެ ޑިފެންޑަރަކު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. މެޗުގައި ޔުވެންޓަސް މޮޅުވި ލަނޑު ރޮނާލްޑޯ ޖެހީ 70 ވަނަ މިނެޓުގައެވެ. 25 ޔާޑު ދުރުން ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅަ އަމާޒުވޯ ގޯލުގެ މަތީ ކަނަށެވެ.
މިއީ ލީގުގައި ފަހަތުން އަރައި ޔުވެންޓަސް މޮޅުވި ތިންވަނަ މެޗެވެ. މެޗުން މޮޅުވި ޔުވެންޓަސް ވަނީ 28 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެކަމަކު ޔުވެންޓަސްގެ ފަހަތުން ދެވަނައިގައި އޮތް ނަޕޯލީ މިރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަވާނެއެވެ. ދިހަ މެޗުން ލިބުނު 28 ޕޮއިންޓަކީ 13-2012 ވަނަ ސީޒަނަށްފަހު އެޓީމުގެ އެންމެ ރަނގަޅު ފެށުމެވެ. އެންމެ ފަހުން ހަތް ސީޒަނުގައިވެސް އިޓަލީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔުވެންޓަސް އެވެ.
ރޭގެ މެޗުން ބަލިވި އެމްޕޮލީއަށް ލީގުގައި މޮޅެއް ލިބުނީ ހަމައެކަނި ފުރަތަމަ މެޗުގައެވެ. އެޓީމު އޮތީ ހަ ޕޮއިންޓާއެކު 20 ޓީމު ހިމެނޭ ލީގުގެ 18 ވަނައިގައެވެ. އެޓީމަކީ މިދިޔަ ސީޒަނުގައި ސެރީއާ ބީގެ ޗެމްޕިއަންކަން ހޯދުމަށްފަހު މިފަހަރު ލީގަށް ކޮލިފައިވި ޓީމެކެވެ.
Advertisement


Leave a Reply