ބޮޑު މޮޅަކާއެކު ލިވަޕޫލް އެއްވަނައަށް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކާޑިފް ސިޓީއާ ވާދަކުރި މެޗުން މޮޅުވެ ލިވަޕޫލް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭގެ މެޗުން ލިވަޕޫލް މޮޅުވީ 4-1 އިންނެވެ.
މި މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 26 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 23 ޕޮއިންޓާއެކު އޮތް މެންޗެސްޓަރ ސިޓީ މާދަމާރޭ ޓޮޓެންހަމް ހޮޓްސްޕާސް އާ ކުޅޭމެޗު ކާމިޔާބު ކޮށްގެން އެއްވަނަ މަގާމް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މިއީ 09-2008 ވަނަ ސީޒަނަށްފަހު އެޓީމުގެ އެންމެ ރަނގަޅު ފެށުމެވެ. އެ ސިޒަނުގައިވެސް އެޓީމު ވަނީ ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުން 26 ޕޮއިންޓް ހޯދާފައެވެ.
ލިވަޕޫލުން ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖެހީ މުހައްމަދު ސަލާހް އެވެ. ދެވަނަ ހާފުގައި ލިވަޕޫލަށް ލީޑު ފުޅާ ކޮށްދިނީ ސަޑިއޯ މާނޭ އެވެ. އެއަށްފަހު ކާޑިފް ޓީމުން މެޗުގައި ގޯލަށް އަމާޒުކުރި ފުރަތަމަ ހަމަލާގައި އެޓީމުން ވަނީ ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ކަލުމް ޕެޓާސަން އެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ލިވަޕޫލް ދަނޑުގައި އެޓީމު ކޮޅަށް ލީގުގައި ވަތް ފުރަތަމަ ލަނޑެވެ. ފެބްރުއަރީ މަހުން ފެށިގެން ލީގުގައި ލަނޑެއް ނުވަދެ އެޓީމު ވަނީ 918 މިނެޓު ހަމަކޮށްފައެވެ.
ކާޑިފް އިން ލަނޑެއް ޖަހައިފައި ވަނިކޮށް ލިވަޕޫލްގެ ބަދަލު ކުޅުންތެރިޔާ ޒެރްޑަން ޝަގީރީ ވަނީ ލަނޑެއް ޖަހާ ލީޑު ފުޅަށް ކޮށްފައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވުމަށްފަހު ޝަގީރީ ޖެހި ފުރަތަމަ ގޯލެވެ. އެއަށްފަހު މެޗުގެ ފަހު ވަގުތުގައި ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ދެވަނަ ލަނޑު ޖަހައިދިން ސަޑިއޯ މާނޭ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ބޯންމައުތް އަތުން ފުލަމް ވަނީ 3-0 އިން ބަލިވެފައެވެ. ލީގުގައި މިހާތަނަށް މޮޅެއް ލިބިފައިނުވާ ނިއުކާސަލް ޔުނައިޓެޑާއި ސައުތުހަމްޓަން ބައްދަލު ކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ވެޓްފޯޑާއި ހަޑަސްފީލްޑް ޓައުން ބައްދަލުކުރި މެޗު 3-0 އިން ވެޓްފޯޑް ކާމިޔާބު ކުރިއިރު ލެސްޓާ ސިޓީއާއި ވެސްޓްހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ލީގުގައި މިއަދު ހަވީރު 6:30 ގައި ދެމެޗު ކުޅޭނެއެވެ. އެއީ ބާންލީ އާއި ޗެލްސީ ވާދަކުރާ މެޗާއި ކްރިސްޓަލް ޕެލޭސްއާ އާސެނަލް ވާދަކުރާ މެޗެވެ. މިރޭ ކުޅޭ ފަހު މެޗުގައި ރާއްޖެ ގަޑިން 9 ޖަހާއިރު މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.
Advertisement
Leave a Reply