ޑެހެއާ އެއްބަސްވުން އާކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: މޮރީނިއޯ

Advertisement

ޑެހެއާ އެއްބަސްވުން އާކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: މޮރީނިއޯ

ޢަލީ ޝަހީމް

މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އާ އެއްބަސްވުމުގައި ސޮއި ކުރާނެކަމުގެ ޔަގީންކަމެއް ނެތްކަމަށް އެޓީމު ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ ބުނީ ޑެހެއާ އާއެއްބަސްވުމެއްގައި އަދި ސޮއި ނުކުރިޔަސް އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށެވެ. ޑެހެއާގެ އެއްބަސްވުން އަންނަ ޖޫން މަހަށް ހަމަވާއިރު އެއް އަހަރު އިތުރު ކުރުމުގެ އިހްތިޔާރު ޔުނައިޓެޑަށް ލިބޭނެއެވެ. މިދިޔަ އޮގަސްޓް މަސްތެރޭގައި ޔުނައިޓެޑުން ވަނީ ޑެހެއާ އާ އެއްބަސްވުމެއްގައި ސޮއި ކުރާނެކަމަށް ބުނެފައެވެ.

“މިހާރު އޮތް ހާލަތަށްވުރެ ރަނގަޅުކޮށް އިތުރަށް ގޯސް ނުވާން ބޭނުންނަމަ ޔަގީނުންވެސް ޑެހެއާ ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް” ޑެހެއާއާ ގުޅޭގޮތުން މޮރީނިއޯ ބުންޏެވެ.

ޑެހެއާ ގެންދިއުމުގެ ޝައުގުވެރިކަން އެންމެ ފަހުން ފާޅުކޮށްފައިވަނީ އިޓަލީގެ ޔުވެންޓަސް އިންނެވެ. ރިޕޯޓުތައް ބުނާގޮތުން ޔުވެންޓަސްއިން މަސައްކަތް ކުރަނީ އަންނަ އަހަރު ޑެހެއާގެ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި ގެންދިއުމަށެވެ. ޔުވެންޓަސް އަކީ ހިލޭ ޓްރާންސްފާގައި ގިނަ ކުޅުންތެރިންތަކެއް ފަހަކަށް އައިސް ގެންގޮސްފައިވާ ޓީމެކެވެ. އެޓީމުން ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ކުޅުނު އެމްރޭ ޗާންވެސް ހިލޭ ޓްރާންސްފާއެއްގައި މި ސީޒަނުގައި ގެންގޮސްފއެވެ. މީގެ އިތުރުން ބާސެލޯނާއިން އެޓީމަށް ބަދަލުވި ޑެނީ އަލްވޭސް އާއި ބަޔާން މިއުނިކުން ބަދަލުވި ސަމީ ކެދީރާ އާއި އެތްލެޓިކޯ ބިލްބާއޯގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭވެސް އަކީވެސް ހިލޭ ޓްރާންސްފާގައި އެޓީމަށް ބަދަލުވި ކުޅުންތެރިއެކެވެ.

2011 ވަނަ 18.9 މިލިއަން ޕައުންޑަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ޔުނައިޓެޑަށް ބަދަލުވި ޑެހެއާ އަކީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ޔުނައިޓެޑުން ވޭތުވެދިޔަ ސީޒަންތަކުގައި ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް ޑެހެއާގެ މޮޅު ކުޅުން އޭނާ ވަނީ ތަކުރާކޮށްފައެވެ. މިދިޔަ ސީޒަނުގެ ލީގުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމް ހޯދި ޑެހެއާ ވަނީ ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވޭތުވެދިޔަ ފަސް ސީޒަން ތެރެއިން ހަތަރު ސީޒަނުގައި ހޯދައިފައެވެ.

ޑެހެއާއެކު އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް އެންތަނީ މާޝިއަލް އާއި ހުއާން މާޓާގެ އިތުރުން އެންޓޯނިއޯ ވެލެންސިއާގެވެސް ކޮންޓްރެކްޓް މުއްދަތު ހަމަވާނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *