އީގަލްސް ބަލިކޮށް މާޒިޔާ ދެވަނައަށް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކްލަބް އީގަލްސްއާ ވާދަކުރި މެޗު 1-0 އިން ކާމިޔާބުކޮށް މާޒިޔާ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. މިރޭގެ މެޗުން މާޒިޔާ މޮޅުވީ މެޗު ނިމެން ދެމިޓެނަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިޔާ އަހުމަދު އިމާޒް (އާއްކޮ) ޖަހައިދިން ލަނޑުންނެވެ.
މި މޮޅާއެކު މާޒިޔާއަށް ދެވަނަ ލިބެނީ ކުޅުނު 11 މެޗުން ހޯދި 25 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 11 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. މިމެޗުން ބަލިވުމުން 23 ޕޮއިންޓާއެކު އީގަލްސް ވަނީ ތިންވަނައަށް ވެއްޓިފައެވެ.
މިރޭގެ މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު ހަމެޗުންވެސް އީގަލްސް ވަނީ މޮޅުވެފައެވެ. އެޓީމުން އެމެޗުތަކުން މޮޅުވިއިރު ގިނަ ލަނޑުތަކެއްވެސް ޖަހައިފައިވެއެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ފ. ނިލަންދޫއާ ވާދަކޮށް އެޓީމު މޮޅުވީ 8-0 އިންނެވެ. މި މެޗަށް ނުކުތްއިރު މާޒިޔާއިން ވަނީ ލީގުގައި އެންމެ ފަހުން ކްލަބް ގްރީން ސްޓްރީޓްސް އާއި ވާދަކުރި މެޗުން ފަހަތުންއަރާ 4-2 އިން މޮޅުވެފައެވެ.
މާޒިޔާއިން ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. މުލަކޭ ފޮނުވާލި ހަމަލާ ވަނީ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ މަތަކޮށްފައެވެ. މުޅި މެޗުގައިވެސް ދަށްކޮށް ފެނުނު އީގަލްސިން ފުރަތަމަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ މާޒިޔާގެ ޒުވާން ގޯލް ކީޕަރު ހުސައިން ޝަރީފް އެވެ.
ދެވަނަ ހާފުގައިވެސް މާޒިޔާއިން ވަނީ މޮޅަށްކުޅެ އީގަލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މި ހާފުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި އަސަދުﷲ އަބްދުﷲ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މި ހާފުގައި އީގަލްސްއަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަހުމަދު ނޫމާން (ހެލްމެޓް) އަށެވެ. ހުސްކޮށްހުރެ ނޫމާން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ދަނޑި މަތިން ބޭރަށެވެ.
ދެޓީމުންވެސް ގޯލެއް ޖަހަން ކުރި މަސައްކަތުގައި ކުރި ހޯދީ މެޗުގެ 88 ވަނަ މިނެޓުގައި މާޒިޔާއިންނެވެ. މާޒިޔާގެ އާއްކޮ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ. މާޒިޔާއިން ލީޑު ނެގުމުން މެޗުގެ ބާކީ ވަގުތުކޮޅުގައި އީގަލްސް އިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު މާޒިޔާއިން ވަނީ މެޗު ނިމެންދެން ލީޑުގައި ހިފަހައްޓާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އަސަދުﷲ އަބްދުﷲ އެވެ.
މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒް (އިއްމަ) ބުނީ މާޒިޔާގެ އަމާޒަކީ ލީގު ޗެމްޕިއަންކަން ކަމަށާއި، މިރޭގެ މެޗަށް ނުކުތީ ސީޒަނުގެ އެންމެ މުހިއްމު މެޗުކަމަށް ދެކިގެންކަމަށެވެ. ރަނގަޅު ފޯމެއްގައި އޮއްވައި މެޗުން ބަލިވުމުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ލީގަށް ވާދަކުރަން ބަލާއިރު މިރޭ ގެއްލުނީ މުހިއްމު ތިން ޕޮއިންޓަ ކަމަށެވެ. މޯހަން ވަނީ މިރޭ މާޒިޔާއިން ދެއްކި ކުޅުމަށް ތައުރީފް ކޮށްފައެވެ.
ލީގުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހޯމަ އަދި އަންގާރަ ދުވަހުއެވެ. ހޯމަ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި އީގަލްސް އާއި ގްރީން ސްޓްރީޓްސް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ފ. ނިލަންދޫއާ ދެކޮޅަށެވެ. އަންގާރަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. އެރޭ ކުޅޭ މެޗުގައި ޓީސީ ނުކުންނާނީ ށ. ފޯކައިދޫއާ ދެކޮޅަށެވެ.
Advertisement
Leave a Reply