ގްރީން ސްޓްރީޓްސް އިން ނިލަންދޫ ބަލިކޮށްފި

Advertisement

ގްރީން ސްޓްރީޓްސް އިން ނިލަންދޫ ބަލިކޮށްފި

ޢަލީ ޝަހީމް
ގްރީން ސްޓްރީޓްސް އާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫއާ ވާދަކުރި މެޗު 3-0 އިން ކްލަބް ގްރީން ސްޓްރީން ކާމިޔާބު ކޮށްފިއެވެ. މިއަދުގެ މެޗުގެ ފުރަތަމަ ދެ ލަނޑަކީވެސް ނިލަންދޫ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑުތަކެކެވެ. ގްރީން ސްޓްރީޓްސްގެ ތިންވަނަ ލަނޑު ޖެހީ ރޮލާންޑް ރަސެލް ބިލާލާ އެވެ.

ގްރީން ސްޓްރީޓްސް އަށް މިހާތަނަށް ކުޅުނު 11 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ލީގުގެ ފަސްވަނައިގައެވެ. ގްރީންގެ ކުރިން ލީގުގެ ހަތަރު ވަނައިގައި 21 ޕޮއިންޓާއެކު އޮތީ ރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވި ނިއު ރޭޑިއަންޓެވެ. ކުޅުނު 11 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ނިލަންދޫއަށް ލިބެނީ ލީގުގެ އަށްވަނަ އެވެ.

މިމެޗުގެ ކުރިން ގްރީން ސްޓްރީޓްސް ވަނީ ލީގުގައި މާޒިޔާއާއި ކުޅުނު މެޗުން 4-2 އިން ބަލިވެފައެވެ. ލީގުގައި ނިލަންދޫ އެންމެ ފަހުން ކުޅުނު މެޗުގައި ކްލަބް އީގަލްސް އަތުން ވަނީ 8-0 ގެ ބޮޑު ތަފާތަކުން ބަލިވެފައެވެ.

ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އަށް ދެކާޑު ހަމަވުމުގެ ސަބަބުން މިއަދުގެ މެޗަށް ހުރީ ސަސްޕެންޝަނުގައެވެ. އަދި ނިލަންދޫ ޓީމުގެ ގޯލު ބަލަހައްޓަމުން ގެންދިޔަ އަލީ ސޮބާހަށްވެސް ދެކާޑު ހަމަވެފައިވާތީ މެޗުގައި ކުޅެފައެއް ނުވެއެވެ. ނިލަންދޫ ޓީމުގެ ގޯލު މިއަދުގެ މެޗުގައި ބެލެހެއްޓީ ބަދަލު ކީޕަރު ހަސަން ވަހީދު އެވެ. ގްރީން ސްޓްރީޓްސްގެ ގޯލު މިއަދު ބެލެހެއްޓީ މުހައްމަދު ޖަޒްލާން އެވެ.

ގްރީން ސްޓްރީޓްސް އިން ވަނީ މެޗު ފަށައިގެން ދެވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. މިއީ ނިލަންދޫގެ އަހުމަދު ސާޖިދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަށްފަހުވެސް ގްރީން ސްޓްރީޓްސް އިން ވަނީ ނިލަންދޫގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ގްރީންއަށް މެޗުގައި ދެ ލަނޑުގެ ލީޑެއް ލިބުނީވެސް ނިލަންދޫގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މި ގޯލު ވަނީ ގްރީން ސްޓްރީޓްސްގެ އަހުމަދު ރިލްވާން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ނިލަންދޫގެ ކީޕަރު ހަސަން މަތަކުރަން އުޅުނު ވަގުތުއެވެ. ފުރަތަމަ ހާފުގައި ނިލަންދޫއަށް މާގިނަ ހަމަލާތަކެއް ފޮނުވާނުލެވުނު ނަމަވެސް އެޓީމުގެ އަހުމަދު ނަބީލް ފޮނުވާލި ހަމަލާ ގްރީން ސްޓްރީޓްސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގައި ނިލަންދޫން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. މެޗުގައި ގްރީން ސްޓްރީޓްސް ގެ ތިންވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރަސެލް އެވެ.

ލީގުގައި މިރޭކުޅޭ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ ދެވަނައިގައި އޮތް އީގަލްސް އާއި ތިންވަނައިގައި އޮތް މާޒިޔާ އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *