ރޭންކިންގައި ރާއްޖެ 151 ވަނައިގައި

ފީފާއިން އާއްމު ކުރި ދުނިޔޭގެ ރޭންކިންގައި މިފަހަރުވެސް ކުރިއެރުމެއް ނުލިބި ރާއްޖެ 151 ވަނައިގައި ލައްވާލައިފިއެވެ. ސާފް ޗެމްޕިއަންޝިޕަށްފަހު ފީފާއިން ނެރުނު ރޭންކިންގައިވެސް ރާއްޖެއަށް ލިބުނީ 151 ވަނަ އެވެ. އެކަމަކު އޭގެ ކުރިން އާއްމު ކުރި ލިސްޓުގައި ރާއްޖެއަށް ވަނީ 150 ވަނަ ލިބިފައެވެ.
1992 ވަނަ އަހަރުން ފެށިގެން ފީފާއިން އާއްމު ކުރަމުން އަންނަ ދުނިޔޭގެ ރޭންކިންގެ އެންމެ ފަހަތަށް ރާއްޖެ ދިޔައީ 1997 ވަނަ އަހަރުއެވެ. އެއަހަރުގެ ސެޕްޓެމްބަރ މަހުގެ ރޭންކިންގައި ރާއްޖެއަށް ލިބުނީ 183 ވަނަ އެވެ. 126 ވަނައާއެކު ރާއްޖެއަށް ރޭންކިންގައި މިހާތަނަށް އެންމެ ކުރިއަށްދެވުނީ 2006 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީއަށް ފަހު ރާއްޖޭގެ ގައުމީ ޓީމު މެޗެއް ކުޅެފައެއް ނުވެއެވެ. ގައުމީ ފުޓްބޯޅަ ޓީމު އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަމަހުގެ ތިންވަނަ ދުވަހުއެވެ. ރަހްމަތްތެރިކަމުގެ އެ މެޗުގައި ރާއްޖެ ވާދާކުރަނީ މެލޭޝިޔާއާއެވެ. މި މެޗު ކުޅޭނީ މެލޭޝިޔާގައެވެ.
މިފަހަރުގެ ރޭންކިންގައިވެސް ސާކް ސަރަހައްދުން އެއްވަނައިގައި އުޅެނީ އިންޑިއާއެވެ. ދުނިޔޭގެ ރޭންކިންއަށް ބަލާއިރު 97 ވަނައާއެކު އިންޑިއާއަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެކަމަކު އެޓީމު ވަނީ އެކުވެރި ކަމެއްގެ މެޗެއްގައި ދާދިފަހުން ޗައިނާ ހިފަހައްޓާފައެވެ. ރޭންކިންގައި މިފަހަރު އަފްގާނިސްތާނަށް ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. މިދިޔަ މަހުގެ ރޭންކިންގައި އެޓީމު 146 އޮތްއިރު މިފަހަރު ލިބެނީ 145 ވަނައެވެ. އެކަމަކު ފުޓްބޯޅައިގައި އަފްގާނިސްތާން މިހާރު ސާކް ސަރަހައްދުގެ ޓީމުތައް ވާދަކުރާ ސުޒުކީ ކަޕްގައި ވާދައެއް ނުކުރެއެވެ. ސާކް ސަރަހައްދުން އަފްގާނިސްތާނުގެ ފަހަތުން ތިންވަނަ ލިބެނީ ރާއްޖެއަށެވެ.
ރާއްޖެ ފަހަތުން ނޭޕާލް އޮތީ ދުނިޔޭގެ ރޭންކިންގެ 161 ވަނައިގައެވެ. ސާފް ޗެމްޕިއަންޝިޕް މުބާރާތަށްފަހު ނެރުނު ރޭންކިންގައި އެގައުމަށް ލިބިފައިވަނީ 160 ވަނައެވެ. ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު ބޫޓާން އޮތީ ޕާކިސްތާނާއި ބަންގްލަދޭޝް އަދި ސްރީ ލަންކާއަށްވުރެ ކުރީގައެވެ. އެޓީމަށް 188 ވަނަ ލިބޭއިރު ބަންގްލަދޭޝަށް ލިބެނީ 194 ވަނަ އެވެ. ޕާކިސްތާން 199 ވަނައިގައި އޮތްއިރު ލަންކާ އޮތީ 201 ވަނައިގައެވެ.
ފީފާގައި ރަޖިސްޓްރީ ވެފައިވާ 211 ގައުމެއް ދުނިޔޭގެ ރޭންކިންގައި ހިމެނެއެވެ. މިފަހަރު ދުނިޔޭގެ ރޭންކިންގެ އެއްވަނަ ލިބެނީ ބެލްޖިއަމަށެވެ. އެންމެ ފަހުން ނެރުނު ރޭންކިންގައި ބެލްޖިއަމާއެކު ފްރާންސް ވެސް އެއްވަނައިގައި އޮތެވެ. އެކަމަކު މިފަހަރުގެ ރޭންކިންގައި ފްރާންސަށް ދެވަނަ ލިބެނީ ބެލްޖިއަމަށްވުރެ އެއް ޕޮއިންޓް މަދުވުމުންނެވެ. ތިންވަނައިގައި ބްރެޒިލް އޮތްއިރު ހަތަރު ވަނައިގައި އޮތީ ކްރޮއޭޝިޔާއެވެ.
Advertisement


Leave a Reply