ދަގަނޑޭގެ ގޯލުތަކުން ޓީސީން ލީޑު ފުޅާކޮށްފި

Advertisement

ދަގަނޑޭގެ ގޯލުތަކުން ޓީސީން ލީޑު ފުޅާކޮށްފި

ޢަލީ ޝަހީމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ޓްސީ ސްޕޯޓްސް ކްލަބުން އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ރޭގެ މެޗުގައި ޓީސީގެ ދެ ލަނޑުވެސް ޖަހައިދިނީ މި ސީޒަނުގެ ކުރީކޮޅުގައި ނިއުއަށް ކުޅުނު އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މި މޮޅާއެކު ޓީސީއަށް އެއްވަނަ ލިބެނީ 30 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނައިގައި އެއްމެޗު މަދުކޮށް ކުޅެފައިވާ އީގަލްސް އޮތީ 23 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި މާޒިޔާ 22 ޕޮއިންޓާއެކު އޮތްއިރު ލީގުގެ ހަތަރުވަނައިގައި 21 ޕޮއިންޓާއެކު އޮތް ނިއުއަށް ލީގު ހޯދުމުގެ އަމިއްލަ ބާރު މިހާރު ވަނީ ގެއްލިފައެވެ.

ރޭގެ މެޗުގައި ކެޕްޓަން ބޭންޑު އަޅައިގެން ދަގަނޑޭ ކުޅުނުއިރު މިއީ ނިއުއާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ޓީސީގެ ޖާޒީގައި ދަގަނޑޭ ކުޅުނު ފުރަތަމަ މެޗެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ކުޅުނު މެޗުގައި ދަގަނޑޭ އެރީ ބެންޗުންނެވެ. ފުރަތަމަ ބުރުގައި މިދެޓީމު ވާދަކުރި މެޗު 1-0 އިން ކާމިޔާބު ކުރީ ޓީސީ އެވެ. ޓީސީގެ ހަމައެކަނި ލަނޑު އެމެޗުގައި ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

ރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ދަގަނޑޭ ވަނީ ޓިސީއަށް ލީޑު ނަގައިދީފައެވެ. ދަގަނޑޭ މި ގޯލު ޖެހީ އޭރިޔާތެރެއަށް އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ނަގައިދިން ހުރަހެއް އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އޭގެ އިރުކޮޅެއް ފަހުން ފޭދޫ އިއްބެއް ހުސްކޮށް ހުއްޓައި ލިބުނު ބޯޅަ ސައްޓުއަށް ދިން ވަގުތު ނިއުގެ ޑިފެންޑަރުން ވަނީ އެބޯޅަ ސަލާމަތް ކޮށްފައެވެ. ނިއުއިން މެޗުގެ ފުރަތަމަ ހަމަލާ 11 ވަނަ މިނެޓުގައި ފޮނުވާލީ މުހައްމަދު އުމެއިރުއެވެ. އުމެއިރު ފޮނުވާލި ހަމަލާ ޓީސީގެ ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ކުމާރު މަތަކުރިއެވެ.

އޭގެ ދިހަ މިނެޓު ފަހުން ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) ތަނަވަސްކޮށްދިން ފުރުސަތެއްގައި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ޓީސީގެ ޑިފެންޑަރެއް އަތުގައި ޖެހިފައި ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ލީޑު ފުޅާ ކުރަން ފޭދޫ އިއްބެއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިޔާ ބޭރުން ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން ވަނުމަށްފަހު ގޯލަން ޖެހެން އޮއްވައި ފޭދޫ އިއްބެ ދިނީ އެރިޔާ ތެރެއަށް އެރި ސައްޓުއަށެވެ. އެކަމަކު ފޭދޫ އިއްބެ އެބޯޅަ ގޯލަށް ޖަހާނެ ކަމަށްބަލައި ސައްޓު ހުރީ މަޑުކޮށްލައިގެންނެވެ. އޭގެ މިނެޓެއް ފަހުން ޓީސީގެ ސާދު ނިޒާރަށް އޭރިޔާ ތެރޭގައި ހުސްކޮށްހުރެ ބޮލުން ޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާ އުފެއްދީ ނިއުއިންނެވެ. ނިއުއިން އުފެއްދި ހަމަލާތަކުގައި ޓީސީގެ ޑިފެންޑަރުންނާއި ކިރަން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޓީސީގެ ޑިފެންޑަރަކު ހަމްޕު އަށް ކުރި ފައުލަކަށް އެޓީމުން ޕެނަލްޓީއަކަށް އެޕީލް ކުރިއެވެ. އެކަމަކު ރެފްރީ އެ ފައުލަށް ޕެނަލްޓީ ދީފައެއް ނުވެއެވެ. އެކަމަކު އޭގެ ދެމިނެޓުފަހުން ޓީސީގެ އަހުމަދު ފައްރާހު ސެންޓޭއަށް ކުރި ފައުލަކަށް އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު މި ޕެނަލްޓީ ސެންޓޭ ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. މިއީ ލީގުގައި ސެންޓޭއަށް ވައްދާނުލެވުނު ތިންވަނަ ޕެނަލްޓީ އެވެ.

ދެވަނަ ހާފުގައި ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސައްޓު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ. އޭގެފަހުން މެޗުގައި ދަގަނޑޭގެ ދެވަނަ ގޯލު ޖެހީ އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޓީސީއަށް މި ޕެނަލްޓީ ލިބުނީ އަމިއްލަ ހާފުން މުހައްމަދު އައްޒާމް ހުސްކޮށްލާފައި ދަގަނޑޭއަށް ދިން ބޯޅައެއްގައި އޭރިޔާތެރެއަށް ވަނުމުން ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ފައުލް ކުރުމުންނެވެ. 78 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ދަގަނޑޭ ފޮނުވާލިއިރު ފައިސަލަށް އެބޯޅަ މަތަކުރަން އެއްވެސް މަސައްކަތެއް ނުކުރެވުނެވެ.

މި މޮޅާއެކު ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ޓީސީއަށް ވަނީ ވަރަށް ރަނގަޅު ފުރުސަތެއް ތަނަވަސްވެފައެވެ. އެކަމަކު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މެޗަށްފަހު ބުނީ އަދިވެސް ލީގުގައި ކުރަން އޮތް މަސައްކަތް ބޮޑު ކަމަށާއި، ލީގު ތާވަލުގެ ކައިރީގައި އުޅޭ ޓީމުތައް ބަލިކުރަން ޖެހޭ ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *