ފޯކައިދޫއާއި ވިކްޓްރީގެ ކުރިމަތިލުން ހަމަހަމަ ވެއްޖެ
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އިއްޔެ ހަވީރު ށ. ފޯކައިދޫއާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު 0-0 އިން އެއްވަރުވެގެން ނިމިއްޖެއެވެ. މެޗު އެއްވަރުމުން ވިކްޓްރީ އޮތީ 10 ޕޮއިންޓާއެކު ހަ ވަނައިގައެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކު ނުވަ ޕޮއިންޓަ ހަމަކޮށް ފޯކައިދޫ އޮތީ ހަތް ވަނައިގައެވެ. އަށްޓީމު ވާދަކުރާ ލީގުގެ ދެވަނަ ބުރުގެ ފުލުގައި ހަތް ޕޮއިންޓާއެކު އޮތީ ފ. ނިލަންދޫއެވެ.
ދެޓީމުން ވެސް މޮޅަކަށް ނުކުތް މި މެޗުގެ ފުރަތަމަ ހާފުގައި މާ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފުގައި ލީޑު ނަގަން ދެޓީމަށްވެސް ވަނީ ފުރުސަތުތަކެއް ލިބިފައެވެ. ދެވަނަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޯކައިދޫ ޓީމުގެ ޖަމާލް ޖަލީލަށެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޖަމާލް ބޮލުން ފޮނުވާލި ހަމަލާ ވިކްޓްރީގެ ކީޕަރު މުހައްމަދު އިމްރާން މަތަކުރިއެވެ. އޭގެ ފަހުން ދެން ފެނުނީ ވިކްޓްރީގެ ހަމަލާތަކެކެވެ. 61 ވަނަ މިނެޓުގައި ވިކްޓްރީގެ މިރާހް މުހައްމަދު އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް ހުރި އަހުމަދު ރިޒްވާނަށް ގޯލަށް ފޮނުވާލެވޭގޮތެއް ނުވިއެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ވިކްޓްރީގެ އަހުމަދު ރަޝީދު (އައްމަޑޭ) ހުސްކޮށް ހުއްޓައި ލިބުނު ފުރުސަތު ގެއްލުނީ މާ ލަސްކުރުމުންނެވެ. އެ ބޯޅަ އައްމަޑޭ ލަސްކުރުމުން ފޯކައިދޫ ޓީމުގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާބިގް ހިފެހެއްޓިއެވެ. އެއަށްފަހު ފޯކައިދޫ ޓީމުގެ އަހުމަދު މުހައްމަދު (އައްމަޑޭ) އަށް މެޗުގެ 76 ވަނަ މިނެޓުގައި ލަނޑު ޖަހާނެ ފުރުސަތެއް ވަނީ ލިބިފައެވެ. ފޯކައިދޫ ޓީމުގެ ހަލީލް އޭރިޔާ އައްމަޑޭއަށް ހުސްކޮށްލާފައި ދިން ބޯޅަ ޖަހަން އުޅުނު ވަގުތު ކީޕަރު އިމްރާން ސަލާމަތް ކުރިއެވެ. އަދި އޭގެ ފަހުން ވިކްޓްރީ ޓީމުގެ މިރާހު އުފެއްދި ހަމަލާއެއް ފޯކައިދޫގެ ކީޕަރު މަތަކުރިއެވެ.
މެޗަށްފަހު ދިން އިންޓަވިއުގައި ދެޓީމުންވެސް ބުނީ މި މެޗަށް ނުކުތީ މޮޅުވާން ކަމަށާއި، އެކަމަކު އެކަން ނުވުމުން މާޔޫސްވާ ކަމަށެވެ. ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރުގެ ވާހަކައިގައި ގާތްގާތުގައި ޓީމުތައް މެޗުތައް ކުޅެން ޖެހޭތީ ކުޅުންތެރިންގެ ވަރުބަލިކަން ފެންނަ ކަމަށް ބުނެފައިވެއެވެ. ވިކްޓްރީގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ރަނގަޅު ކަމަށާއި އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް ނުކުރެވުމަކީ މައްސަލައެއް ކަމަށެވެ. ކުރިއަށްހުރި މެޗުތަކުގައި އެކަން ރަނގަޅު ކުރުމަށް އިސްކަންދޭނެ ކަމަށް ނިޔާ ބުންޏެވެ.
Advertisement
Leave a Reply