އެސޯސިއޭޝަން ކަޕް ސިފައިން ކާމިޔާބުކޮށްފި

Advertisement

އެސޯސިއޭޝަން ކަޕް ސިފައިން ކާމިޔާބުކޮށްފި

ޢަލީ ޝަހީމް
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ވޮލީބޯޅަ އެސޯސިއޭޝަން

ވީއޭއެމް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް ހޯދައިފިއެވެ. ސިފައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު ފައިނަލް މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ތިންސެޓު ދެސެޓުން ކުރި ހޯދައިގެންނެވެ.

ޕޮލިސް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ތިންސެޓު ދެސެޓުން ސިފައިން ބަލިކޮށްފައެވެ. ސިފައިން ފަނަލަށް ދިޔައީ ތިންވަނަ ސެމީގައި ހުޅުމާލެ ސްޕޯޓްސް ސީދާ ތިންސެޓުން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ސިފައިންގެ ޓީމުން ވަނީ މޮޅަށް ކުޅެ 17-25 އިން ސެޓު ގެންގޮސްފައެވެ. އެއަށްފަހު ދެވަނަ ސެޓުގައި ފެނުނީ ޕޮލިހުން ކުޅުން ރަނގަޅުކޮށް ހަމަ އެނަތީޖާއިން ސެޓު ގެންދިޔަތަނެވެ. ކޮންމެ ޓީމަކަށް އެއް ސެޓު ލިބުމުން ތިންވަނަ ސެޓުގައި ދެޓީމުންގެ ފަރާތުންވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ފުރަތަމަ ދެ ސެޓުގައި ދެޓީމުން ބޮޑު ލީޑެއް ނެގި ނަމަވެސް ތިންވަނަ ސެޓު ސިފައިންނަށް ލިބުނީ 29-17 އިންނެވެ. ސިފައިން ކުރި ހޯދުމުން ހަތަރު ވަނަ ސެޓަށް ޕޮލިހުން ނުކުތީ ފަހު ފުރުސަތުގެ ބޭނުން ހިފުމަށެވެ. ހަތަރު ވަނަ ސެޓުގައި އެޓީމުން ވަނީ އަނެއްކާވެސް ތަފާތު ދައްކައި 22-25 އިން ސެޓު ގެންގޮސްފައެވެ.

ޕޮލިސް ހަތަރު ވަނަ ސެޓު ގެންދިއުމުން ނަތީޖާ ނެރެން ޖެހުނީ ފަސްވަނަ ސެޓުގައެވެ. އެ ސެޓުގައި މޮޅު ކުޅުމެއް ދައްކައި ބޮޑު ލީޑަކުން ކާމިޔާބުކޮށް ސިފައިން ޗެމްޕިއަންކަން ހޯދިއެވެ. މި ސެޓު އެޓީމުން ކާމިޔާބުކުރީ 15-07 އިންނެވެ. ސެޓުގައި ދެޓީމުގެ ފަރާތުންވެސް ވަރުބަލިކަށް ފާހަގަ ކުރެވުނެވެ. ދެޓީމުންވެސް ޕޮއިންޓް ހޯދުމަށް ބޮޑަށް ބޭނުންކުރީ ބިދޭސީ ކުޅުންތެރިންނެވެ. މި ސެޓުގައި ޕާކިސްތާނުގެ ކުޅުންތެރިޔާ މުރާދު ޖީހާން ފޮނުވާލި ބާރު ޝޮޓުތައް ސިފައިންގެ ޓީމުން ބްލޮކް ކުރިއިއެވެ. އެކަމަކު ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ވަސީމްވަނީ އޭނާގެ ޝޮޓްތައް ކާމިޔާބު ކޮށްފައެވެ. މި ސެޓުގައިވެސް ސިފައިންގެ ޓީމުގެ ވަސީމްގެ އިތުރުން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުތެރެއިން ލޯންގޭ އަށް އަނިޔާވި ނަމަވެސް އޭނާ ވަނީ ތަށި ހޯދުމާއި ހަމައަށް ހިތްވަރު ނެރެފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗު ބަލަން ހާޒިރުވިއިރު ބޮޑަށް ސަޕޯޓް ލިބުނީ ސިފައިންގެ ޓީމަށެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ތަޖުރިބާކާރު ކުޅުންތެރިޔާ ލޯންގޭ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިފައިންނަށް ތަށި ހޯދައިދިން މުމްތާޒް އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޯންގޭ އެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ މުމްތާޒް އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޕޮލިހާއި ސިފައިންގެ ކުޅުންތެރިންނާއި އަދި ހުޅުމާލޭ ސްޕޯޓްސް ކްލަބްގެ އެއް ކުޅުންތެރިއެކެވެ. ޕޮލިސް ޓީމުން ހިމެނުނީ ޝުވައިބު އަބްދުލްލަތީފާއި މުހައްމަދު ނައީމްގެ އިތުރުން އަލީ ހުޒާމް (ހުޒާންޓެ) އެވެ. ސިފައިންގެ ޓީމުން ހިމެނުނީ ލޯންގޭ އާއި ހުސައިން ޝާހިދު (ޝާދު) އަދި ހުސައިން ސައީދު (ސޭންޑީ) އެވެ. ހުޅުމާލެ ސްޕޯޓްސް ކްލަބުން ޑްރީމް ޓީމުގައި ހިމެނުނީ އިސްމާލީ ސާޖިދު (ކުޑަކާއްޓޭ) އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ޕޮލިސް ހޮވުނުއިރު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލޭގެ ރައްޒާން އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *